ވަކިގޮތަކަށް ވިޕްލައިން ނެރޭކަށް އެއްބަސްވުމެއް ނެތް: ގާސިމް
އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަން ކުރުމަށާއި ފަނޑިޔާރުކަމުން އަހުމަދު ފާއިޒް ހުސެއިނާއި މުއުތަސިމް އަދުނާން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދިނުމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ފްރީ ވިޕެއް ނެރުމަށް ޕީޕީއެމާ އެކު އެއްބަސްވެފައި ނޯންނާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ. ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އިއްޔެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިދާޅުވީ އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު ހަމަޖައްސަން މަޖިލީހުން ފާސްކުރި ވޯޓުގައި ޖޭޕީގެ މެމްބަރުންނަށް ފެންނަ ގޮތަކަށް ވޯޓުލުމަށް އެއްބަސްވެފައިވާ ގޮތުގެ މަތިން ފްރީ ވިޕެއް ނެރެފައިވާތީ އެކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އެކަމާ ގުޅިގެން ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭޕީގެ ޕާލަމެންޓްރީ ގުރޫޕަށް ފެންނަ ގޮތަކަށް ވޯޓު ދިނުމަށް ވިޕްލައިން ނެރުނީ އެ ގުރޫޕަށް އެކަމަށް އެއްބަސްވެވުމުން ކަަމަށެވެ. "ވަކިގޮތަށް ވިޕްލައިން ނެރުމަށް ގާސިމް ވެސް އަދި ޖުމްހޫރީ ޕާޓީން ވެސް އަދީބުއާ އެކު ނުވަތަ ޕީޕީއެމާ އެކު ވަކި ގޮތަކަށް އެއްބަސްވެފައެއް ނޯންނާނެ. އެއީ ޖޭޕީގެ ޕީޖީ ގުރޫޕުގެ ނިންމުމެއް،" ގާސިމް ވިދާޅުވި އެވެ. Neither Qasim nor JP had any agreement with @AhmedAdeeb or PPM for a particular whip line. It was purely a JP PG group decision — Qasim Ibrahim (@qasimibrahim) December 15, 2014 ގާސިމް މިއަދު ކުރެއްވި ޓްވީޓް އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު ހަމަޖައްސަން މަޖިލީހުން ފާސްކުރީ 55 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ވޯޓުގައި ބައިވެރިނުވުމަށް އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އަދި ފަނޑިޔާރު މުއުތަސިމް އަދުނާން މަގާމުން ދުރުކުރުމަށް މަޖިލީހުގައި ނެގި ވޯޓުގައި ވެސް ޖޭޕީން ނެރުނީ ފްރީ ވިޕެކެވެ. ނަމަވެސް ގާސިމާއި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ އަލީ ހުސެއިން އަދި މަތިވެރި ދާއިރާގެ ހުސެއިން މުހައްމަދު ވޯޓު ދެއްވީ ދެކޮޅަށެވެ. ފަނޑިޔާރުން ވަކިކުރަން ތާއީދުކޮށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ޖޭޕީން ހިމެނިވަޑައިގަންނަވަނީ ހަނިމާދޫ ދާއިރާގެ ހުސެއިން ޝަހުދީ އާއި ދަނގެތި ދާއިރާގެ އިލްހާމް އަހުމަދާއި ބިލެއްދޫ ދާއިރާގެ އަހުމަދު މުބީން އާއި ތޮއްޑޫ ދާއިރާގެ އިބްރާހީމް ހުސައިން އަދި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދެވެ. ޖޭޕީ މެންބަރުންގެ ތެރެއިން ކާށިދޫ ދާއިރާގެ ފައިސަލް ނަސީމާއި ކެޔޮދޫ ދާއިރާގެ މޫސާ ނިޒާރު ޖަލްސާގައި ތިއްބެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިން ޖަލްސާއަކަށް ވަޑައެއް ނުގަންނަވެ އެވެ. އުއްތަމަ ފަނޑިޔާރާއި މުއުތަސިމް މަގާމުން ވަކިކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެމްބަރުންގެ ތެރެއިން 53 ވޯޓުންނެވެ. ދެކޮޅަށް 21 މެމްބަރުން ވޯޓު ދެއްވި އިރު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ނަޝީދު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ