ރައީސް މައުމޫން ޓްވިޓާ އާއި ފޭސްބުކް ރަސްމީކޮށް ބޭނުން ކުރައްވަން ފައްޓަވައިފި

ރައީސް މައުމޫން އަބްދުލް ގައްޔޫމް ޓްވިޓާ އާއި ފޭސްބުކް ބޭނުން ކުރައްވަން ފައްޓަވައިފި އެވެ.
އޮފީސް އޮފް ފޯމަރ ޕްރެޒިޑެންޓް މައުމޫންގެ އޮފީހުން ބުނީ ރައީސް، މައުމޫންގެ ޤައުމީ، ސިޔާސީ އަދި އިޖުތިމާޢީ މަސައްކަތްޕުޅުތަކުގެ މަޢުލޫމާތާއި ބައެއް މުހިންމު ކަންކަމުގައި އެމަނިކުފާނުގެ ވިސްނުންފުޅު ރައްޔިތުންނާ ވަގުތުން ވަގުތަށް ޙިއްޞާކުރެއްވުމުގެ މަޤްޞަދުގައި، ފޭސްބުކް އަދި ޓްވިޓާ މެދުވެރިކުރައްވައި މުޢާމަލާތު ކުރައްވަން ފަށްޓަވައިފި ކަމަށެވެ. އަދި މައުމޫންގެ ރަސްމީ އެކައުންޓްތަކެއް މެދުވެރިކުރައްވައި، ސޯޝަލް މީޑިޔާގައި މިއަދުން ފެށިގެން ޙަރަކާތްތެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
އެމަނިކުފާނުގެ ރަސްމީ ފޭސްބުކް އެކައުންޓްގެ އެޑްރެހަކީ www.facebook.com/MAGayoom އެވެ. އަދި، ސްކްރީން ނަމެއްގެ ގޮތުގައި އޮންނާނީ Maumoon AbdulGayoom އެވެ. އެމަނިކުފާނުގެ ރަސްމީ ޓްވިޓާ އެކައުންޓްގެ އެޑްރެހަކީ www.twitter.com/maumoonagayoom އެވެ. ސްކްރީން ނަމެއްގެ ގޮތުގައި އޮންނާނީ @maumoonagayoom އެވެ.
މިދެ އެކައުންޓްގައި ބައެއްފަހަރު ސީދާ ރައީސް މައުމޫން ވެސް ޕޯސްޓް ކުރައްވަމުން ގެންދަވާނެ އެވެ.
އެމަނިކުފާނުގެ ފުރަތަމަ ޓްވީޓްގައި މިއަދު ވިދާޅުވެފައި ވަނީ "އަޅުގަނޑުގެ ފުރަތަމަ ޓްވީޓް ހާއްސަ މިކުރަނީ އެންމެހާ ރައްޔިތުންނަށް ހެޔޮ އެދުންތައް ފޮނުވުމަށް" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ