ދަގަނޑޭ: ހަވީރު އެވޯޑުގެ އެންމެ އަލިގަދަ ތަރި

އަލީ އަޝްފާގް (ދަގަނޑޭ) އަކީ ދިވެހި ފުޓްބޯޅައިގައި މިހާތަނަށް އުފެދުނު އެންމެ މޮލު ކުޅުންތެރިޔާ އެވެ. އެކަމަށް ހެކިދޭނެ އެއްކަމަކީ ހަވީރު ސްޕޯޓްސް އެވޯޑްސްގައި ދަގަނޑޭގެ ހޯދާފައިވާ ކާމިޔާބީތަކެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ކުޅިވަރު ޝަހުސިއްޔަތުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލްކުރާ ދަގަނޑޭ ވަނީ ހަވީރުން ހޮވާ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ފަސް ފަހަރު ހޯދައިފަ އެވެ. ސްޕޯޓްސް އެވޯޑްސްގެ ތާރީހުގައި ވެސް އެންމެ ގިނަ ފަހަރު މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފައިވަނީ ދަގަނޑޭ އެވެ. މީގެ އިތުރުން ދަގަނޑޭ ވަނީ ހަވީރު ރަންބޫޓު ހަ ފަހަރު ހޯދައިފަ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރި އަހަރު، ހަވީރުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި ރަންބޫޓު ލިބުމަކީ ދަގަނޑޭ ،28، އަށް ވެސް ހާއްސަ ކާމިޔާބީކެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގެ ތާރީހުގައި ދަގަނޑޭ އަށް ލިބުނު އިތުރު ރީތި ނަމެކެވެ. 2011 ވަނަ އަހަރުގެ ހަވީރު އެވޯޑާ ދަގަނޑޭ (ކ) ހަވާލުވަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު "މި ކާމިޔާބީތައް ލިބުނީމަ އެންމެ ފުރަތަމަ ވެސް ޝުކުރުވެރިވަނީ ހެއްދެވި ފަރާތަށް. މި ފަހަރު މި އެވޯޑްތައް ހާއްސަވަނީ މިއީ ހަވީރު އެވޯޑްސްގެ 20 ވަނަ އަހަރަށް ވާތީ،" ދަގަނޑޭ "ހަވީރަ"ށް ދިން އިންޓަވިއުއެއްގައި ބުންޏެވެ. "ވަރަށް އުފާވި ހަވީރު އެވޯޑްގެ 20 ވަނަ އަހަރު މި މަގާމުތައް ލިބުނީމަ." މިހާރު މެލޭޝިއާގެ ޕީޑީއާރްއެމް ކުޅެމުންދާ ދަގަނޑޭ އެންމެ ފުރަތަމަ ހަވީރުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ 2003 ވަނަ އަހަރު އެވެ. އެއަށް ފަހު އޭނާ 2011،2009،2007 އަދި 2013 ވަނަ އަހަރު އެ މަގާމު ހޯދައިފަ އެވެ. 2009 ވަނަ އަހަރު ހަވީރު އެވޯޑްތަކާއެކު ދަގަނޑޭ. -- ހަވީރު ފައިލް ފޮޓޯ ހަވީރު ރަންބޫޓު ދަގަނޑޭ އެންމެ ފުރަތަމަ 2003 ވަނަ އަހަރު ހޯދީ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލައިގެނެވެ. އެ ރެކޯޑް އޭނާ އެ އަހަރު މުގުރާލީ 36 ލަނޑާއެކު އެވެ. އޭގެ ފަހުން 2004 ވަނަ އަހަރު 37 ލަނޑު ޖަހައިގެން އެ ރެކޯޑް މުގުރާލިއިރު އެ ރެކޯޑް ތިން ވަނަ ފަހަރަށް މުގުރާލީ 2009 ވަނަ އަހަރު 39 ލަނޑު ޖަހައިގެންނެވެ. ދަގަނޑޭ މިދިޔަ އަހަރު ރަންބޫޓު ހޯދީ 58 ލަނޑާއެކު، ހަތަރު ވަނަ ފަހަރަށް އެ ރެކޯޑް މުގުރާލައިގެނެވެ. މިދިޔަ އަހަރު ދަގަނޑޭ ހެދީ އާދަޔާ ހިލާފު ރެކޯޑެކެވެ. އެކަނި ކުޅެގެން ކާމިޔާބެއް ނުލިބޭނެ. މިދިޔަ އަހަރު ނިއުގައި އަޅުގަނޑާއެކު ކުޅުންތެރިންނާއި، އެ ޓީމުގެ ކޯޗުންނާއި މެނޭޖްމަންޓަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން މިދިޔަ އަހަރު ދިން އެހީތެރިކަމަށް،-- ދަގަނޑޭ މީގެ އިތުރުން ދަގަނޑޭ ވަނީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމަށް 10 ލަނޑު ޖަހައިދީފަ އެވެ. މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭ ޖެހި ލަނޑުތަކާއެކު އޭނާ އަށް ވަނީ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ ރެކޯޑް ލިބިފަ އެވެ. ދަގަނޑޭ މިދިޔަ އަހަރު ހޯދި ކާމިޔާބީތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބަކީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓަރީ އެންޑް ސްޓެޓިކްސްޓިކްސް (އައިއެފްއެފްއެޗްއެސް) އިން ހޮވި 2013 ވަނަ އަހަރު ދުނިޔޭގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓު ދެވަނަ އޭނާ އަށް ލިބުމެވެ. މި ލިސްޓުގެ އެއް ވަނަ ލިބުނީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ރެއާލް މެޑްރިޑުގެ ޕޯޗުގީޒް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. މެލޭޝިއާގެ ޕީޑީއާރްއެމް އަށް މިހާރު ކުޅެމުންދާ ދަގަނޑޭ އަށް ދެ ވަނަ މަގާމް ލިބުނީ އޭނާ ޖެހި 23 ގޯލާ އެކު އެވެ. އެއީ ގައުމީ ޓީމަށް ޖަހައިދިން 14 ގޯލާއި އޭއެފްސީ ކަޕުގައި ނިއު އަށް ޖެހި ނުވަ ގޯލާ އެކު އެވެ. "މި ކާމިޔާބީތައް ލިބުނީ އަޅުގަނޑުގެ އެކަނި މަސައްކަތަކުން ނޫން،" ދަގަނޑޭ ބުންޏެވެ. "އެކަނި ކުޅެގެން ކާމިޔާބެއް ނުލިބޭނެ. މިދިޔަ އަހަރު ނިއުގައި އަޅުގަނޑާއެކު ކުޅުންތެރިންނާއި، އެ ޓީމުގެ ކޯޗުންނާއި މެނޭޖްމަންޓަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން މިދިޔަ އަހަރު ދިން އެހީތެރިކަމަށް. އެ ހުރިހާ ފަރާތެއްގެ އެހީތެރިކަމާއެކު އަޅުގަނޑަށް މި ކާމިޔާބީތައް ލިބުނީ." ދަގަނޑޭ ބުނީ މިދިޔަ އަހަރަކީ އޭނާގެ ކެރިއަރުގައި އެންމެ ކާމިޔާބު އެއް ސީޒަން ކަމަށެވެ. "މިދިޔަ އަހަރަކީ ކެރިއަރުގައި ފާހަގަކޮށްލެވޭ ސީޒަނެއް. އެއީ މި އެވޯޑްތަކާއި ނިއު އިން ހޯދި ކާމިޔާބީތަކާއި، ލަނޑު ޖެހުމުގެ ލިބުނު ރެކޯޑްތަކުގެ ސަބަބުން،" ދަގަނޑޭ ބުންޏެވެ. މިއީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ އެންމެ ކާމިޔާބު ކުޅުންތެރިއާ ކަމަށްވާ ދަގަނޑޭ، ހަވީރު ސްޕޯޓްސް އެވްސްގެ ޓްރޮފީ އުފުލާލި ފަހު ފަހަރަށްވެދާނެ އެވެ. އެއީ މިހާރު ދަގަނޑޭގެ ވިސްނުން ހުރީ ރާއްޖޭން ބޭރުގެ ކްލަބުތަކަށް ކުޅުމަށް ކަމަށް ވާތީ އެވެ. "އަދި ޕީޑީއާރްއެމްގައި މި ހުރީ އެއް އަހަރުގެ ކޮންޓުރެކްޓެއްގައި. އެކަމަކު ހަމަ ވިސްނުން ހުރީ ރާއްޖޭން ބޭރުގައި ކުޅެން. ރާއްޖޭން ބޭރުގެ އެހެން ޓީމަކުން ވިޔަސް، ރަނގަޅު ކޮންޓުރެކްޓެއް ލިބިއްޖެއްޔާ އެކަމަށް ވިސްނާނަން. އެކަމަކު ވާނެގޮތެއް ނޭނގޭނެ ބުނާކަށް. އެކަމަކު ބޭނުންވަނީ ރާއްޖޭން ބޭރުގެ ކްލަބުތަކަށް ކުޅެން،" ދަގަނޑޭ ބުންޏެވެ. ރާއްޖޭން ބޭރުގެ ކްލަބުތަކުން ލިބުނު ގިނަ ފުރުސަތުތަކަށް މީގެ ކުރިން ފުރަގަސްދިން ނަމަވެސް، މި ސީޒަންގައި މެލޭޝިއާގެ ޕޮލިސް ކްލަބަށް ބަދަލުވެ، ދަގަނޑޭ އެ ފުރިހަމަކޮށްދިނީ ރާއްޖޭގެ ވަރަށް ގިނަ ސަޕޯޓަރުންގެ އުންމީދެކެވެ. މީގެ ކުރިން ވެސް ބުރުނާއީގެ ޓީމަކަށް މެލޭޝިއާ ލީގުގައި ދަގަނޑޭ ކުޅުނު ނަމަވެސް، އެ ފަހަރު ކުޅުނީ ކުރު މުއްދަތަކަށެވެ. މެލޭޝިއާގައި މިހާރު ދަގަނޑޭ ދައްކަމުންދާ ކުޅުމާ ގުޅިގެން، މެލޭޝިއާގައި ވެސް ދަގަނޑޭގެ މަގްބޫލުކަން އަންނަނީ ބޮޑުވަމުންނެވެ. މެލޭޝިއާ ޕްރިމިއާ ލީގުގައި ޕުލަ ޕެނާލްގްގެ ގޯލަށް ދަގަނޑޭ ހަމަލާއެއް ފޮނުވާލަނީ. -- ފޮޓޯ / ޕީޑީއާރްއެމް ދަގަނޑޭ ބުނީ މި އަހަރު ކްލަބު ކެރިއަރުގައި އޭނާގެ އެންމެ ބޮޑު އަމާޒަކީ ދެވަނަ ޑިވިޝަންގައި ކުޅެމުންދާ ޕީޑީއާރްމް އަށް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިދިނުން ކަމަށެވެ. އަދި ރާއްޖޭގައި މޭ މަހު އޮންނަ އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖޭގެ ގައުމީ ޓީމަށް ރަނގަޅު ކާމިޔާބެއް ހޯދައިދިނުމަކީ ވެސް އޭނާގެ އަމާޒެއް ކަމަށެވެ. "އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުނަމުން މި ދަނީ މި އަހަރު ހަމަ އެންމެ ބޮޑު ޓާގެޓަކީ މި ޓީމަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ހޯދައިދިނުމޭ. އެއަށް ފަހު އަމިއްލަ ކާމިޔާބަކަށް ވިސްނާނީ،" ދަގަނޑޭ ބުންޏެވެ. "މި އަހަރަކީ ގައުމީ ޓީމަށް ވެސް މުހިންމު އަހަރެއް. ޗެލެންޖް ކަޕަށް މިހާރު ވެސް އެބަ ވިސްނަން. ވަރަށް ފިޓުކޮށް މިހާރު މިހުރީ. އެހެންވީމަ އެ މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދަން މަސައްކަތްކުރާނަން." މި މަހުގެ 15 ވަނަ ދުވަހުގެ ރޭ އޮތް ހަވީރު ސްޕޯޓްސް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތަށް ދަގަނޑޭ އަށް ހާޒިރުނުވެވުނީ ޕީޑީއާރްއެމްގެ މުހިންމު މެޗެއް އޮތުމުންނެވެ. އެހެންވެ އެ ހަފުލާގައި އޭނާގެ އެވޯޑްތަކާ ރަމްޒީކޮށް ހަވާލުވީ އޭނާގެ މަންމަ އެވެ. އެކަމަކު ކުރު ޗުއްޓީއެއްގައި މިދިޔަ ހަފުތާ ތެރޭގައި ދަގަނޑޭ މާލެ އައުމުން، ހަވީރުން ވަނީ ހާއްސަ ހަފުލާއެއް ބާއްވައި، މިދިޔަ ހޮނިހިރު ދުވަހު ދަގަނޑޭ އަށް އެވޯޑްތައް ރަސްމީކޮށް ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ