ނ. ވެލިދޫ ރައްޔިތުންނަށް ލިބެންޖެހޭ ބައެއް އަސާސީ ހިދުމަތްތައް ނުލިބޭކަމަށް ބުނެ، ހިތްހަމަނުޖެހުން ފާޅުކުރުމަށް ރައްޔިތުން ނިމުމެ ކައުންސިލް އިދާރާ ކުރިމަތީގައި ޓެންޓް ޖައިފިއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވެލިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސައީދު ވިދާޅުވީ ރައްޔިތުން މުޒާހަރާ ކުރަމުން ދިޔަ ކަމުގައި ވީނަމަވެސް އެ ސަރަހައްދުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގާކަމަށެވެ. އަދި މުޒާހަރާ ކުރަމުން ދާ މީހުންގެ ތެރެއިން އިސް މީހުންނާއި ކައުންސިލުން ބައްދަލުކޮށްފައި ވާކަމަށްވެސް ސައީދު ވިދާޅުވިއެވެ.
"ރައްޔިތުން އަދިވެސް އެބަތިބި. މިހާރު ދަގަނޑު ފްރޭމްއެއް ހަދައި ސަތަރި ދަމައިގެން އެތާ ގޮނޑިވެސް ޖަހާގެން ތިބީ. ވަރަށް ސުލްހަވެރިކޮށް މުޒާހަރާ ކުރިއަށް ދަނީ. އަޅުގަނޑުމެން އެ މީހުންގެ ތެރެއިން އިސް މީހުންނާ ބައްދަލުވެސް ކުރިން. އެ ބޭފުޅުން އެ ދައްކަވަނީ ހަމަ ރަނގަޅު ވާހަކަ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެ ރަށުގައި އޭޓީއެމް އެއް ބެހެއްޓުމަށް ކަމަށްބުނެ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެރަށަށް ގެންގޮސްފައި ހުރި އޭޓިއެމް ކައުންސިލް އިދާރާގައި ބަހައްޓާފައި ހުންނަތާ މިހާރު ހަތް މަސް ވެފައި ވާ ކަމަށެވެ. އަދި އެ ބެހެއްޓޭނެ ދުވަހެއް ނުވަތަ ނުބެހެއްޓިގެން އުޅޭ ސަބަބެއްވެސް ނޭނގޭ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
"އޭޓީއެމް މެޝިން ނުބެހެއްޓުނު އިރު، މިހާރު ވަނީ ދަތުރުފަތުރުގެ ފެރީގެ ނިޒާމުވެސް ހުއްޓިފައި. ރައްޔިތުންނަށް އެނގެން ޖެހޭނޭ ނޫންތޯ ފެރީ ހުއްޓުނީ ކީއްވެތޯ. ކޮންއިރަކުންތޯ ފެށޭނީ،" ސައީދު ވިދާޅުވިއެވެ.
ރައްޔިތުން ކުރަމުންގެންދާ މުޒާހަރާ ކުރިއަށް ރާވާފައި ވަނީ ކިހިނެއް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ފެރީގެ ނިޒާމު ހުއްޓިފައިވަނީ އެ ސަރަހައްދަށް ފެރީ ހިދުމަތްދޭން ބޭނުންކުރާ ފެރީގެ ވެރިފަރާތް ފަހުން ލާރި ދޭގޮތަށް ދަތުރު ނުކޮށްދޭން ނިންމުމުން ކަމަށް މައުލޫމާތު ލިބިފައި ވާކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ވެލިދޫ ކައުންސިލް ކުރިމަތީ ރައްޔިތުން ޓެންޓް ޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ