ޝަރީއަތް ނިމެންދެން ބަންދުކުރި ކޭޕާކު މަމްދޫހު ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލައިފި ޝަރީއަތް ނިމެންދެން ބަންދުކުރި ކޭޕާކު މަމްދޫހު ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލައިފި

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭޕާކު އެޕާޓުމަންޓުތައް ވިއްކުމުގައި އެތައް ބަޔަކަށް މަކަރާއި ހީލަތް ހަދާފައިވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުން ބާތިލުކޮށް، ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް ދޫކޮށްލައިފި އެވެ.
ޖޫން 23، ގައި މަންޑޭ ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމީ އެއްވަސް މަގުބޫލު ސަބަބެއް ނެތި ކޯޓުގެ އަަޑުއެހުންތަކަށް ހާޒިރުނުވާތީ، ގިނަ އަޑުއެހުންތަކެއް ކެންސަލް ކުރަން ޖެހުމުންނެވެ.
މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އޭނާ ދޫކޮށްލަން ނިންމީ އެކަން ތަކުރާރު ނުކުރުމަށާއި ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކުރުމަށްފަހު އެވެ. އެކަން ތަކުރާރުކޮށްފި ނަމަ އަލުން ބަންދުކުރާނެ ކަމުގެ އިންޒާރު ވެސް ކޯޓުން ދިނެވެ.
މަންޑޭ މީގެ ކުރިން ވަނީ އޭނާއަަށް ޝަރީއަތަށް ހާޒިރު ނުވެވޭ ސަބަބު ބަޔާން ކުރުމަށް ޑޮކްޓަރުގެ ލިޔުމެއް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމްއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ އެ ލިޔުންތަކުގައި ޝަރީއަތަށް ހާޒިރުނުވެވޭ ވަރުގެ ސަބަބެއް ބަޔާންކޮށްފައި ނެތް ކަމަށެވެ.
މަންޑޭ ކޯޓަށް ހާޒިރުވާން އުޒުރުވެރިވީ ދުވަސްތަކުގައި، މި މައްސަލައިގައި ހެކި ބަސް ދޭން ތިބި މީހުން ހިމެނޭހެން، އޭނާ މަގުމަތިން ފެނިގެން މީހުން ކޯޓަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި ކަމަށް ވެސް ހަބަރުތަކުގައި ވެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރިއިރު، މިއަދުގެ އަޑުއެހުމަށް ވެސް މަންޑޭ ހާޒީރުކުރީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރެއްގެ ދަަށުންނެވެ. އަދި މަންޑޭ އާއި މި މައްސަލައިގައި ހިމެނޭ ޖައިޝާން ސައީދުގެ ފަރާތުން ވެސް ޝަރީއަތަށް ހުރަސްއަޅަން މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
ކޭޕާކު މައްސަލައިގައި މަންޑޭއަށް ކުރަނީ 104 ދައުވާއެކެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑަރިން ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ