މިދިޔަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވައްޓާލާފައި އެވަނީ \"އޮޓޮމެޓިކް\"އިން ނޫންކަމަށާއި އެއީ ކޮންމެވެސް ބައެއްގެ ރޭވުންތެރިކަމާއި ޕްރޮޕެގެންޑާއާއި ވަރަށް ގިނަ މަސައްކަތްތަކެއްގެ އެކުލެވިގެން، ވައްޓާލި ސަރުކާރެއްކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ޓީމް އުމަރު" ޓީމުގައި ހިމެނި ވަޑައިގަންނަވާ މެމްބަރުން ތައާރަފް ކުރެއްވުމަށް މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އުމުރު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރު މަގުމަތިން ނުވޭއްޓޭނެކަމަށް ވަރަށް ގިނަ މީހުން ބުނަމުން ދިޔަކަމަށާއި ނަމަވެސް ޑީއާރްޕީގެ ނާއިބު ލީޑަރު ކަމަށް ކުރިމަތިލީއިރު ރައީސް ނަޝީދުގެ ސަރުކާރު މަގުމަތިން ވައްޓާލާނެ ކަމަށް ވިދާޅުވެފައިވާނެކަމަށެވެ.
"ހަތެއް ފެބްރުއަރީ ތިޔަބޭފުޅުން ހީނުކުރައްވާތި އެއީ އޮޓޮމެޓިކުންއައި އެއްޗެކޭ. އޮޓޮމެޓިކުން އައި އެއްޗެއް ނޫން އެއީކީ. ކޮންމެވެސް ބައެއްގެ ރޭވުންތެރިކަމާއި ޕްރޮޕެގެންޑާއާއި ވަރަށް ގިނަ މަސައްކަތްތަކެއްގެ މަތީގައި އައިކަމެއް. އެއީކީ އެއްގޮތަކަށްވެސް އޮޓޮމެޓިކުންއައި ކަމެއްނޫން،" ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމަށްޓަކައި ބޭނުންކުރި ކޮންމާންޑް ސެންޓަރުގައި އިންނެވި ކަމަށް ބުނާ އުމަރު ނަސީރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އޭނާ އިސްކޮށް ހުންނަވައިގެން ނަންގަވާފައިވާ "ޓީމް އުމަރު" ގައި ހިމެނޭ މެމްބަރުންނަކީ މިހާތަނަށް ނަތީޖާ ނެރެފައިވާ ޓީމެއް ކަމަށާއި އުމަރުގެ ޓީމުގައި ހިމެނިވަޑައިގަންނަވާނީ ވޭތުވެދިޔަ ތިން އަހަރު ދުވަހު އެޕާޓީގެ އެކިއެކި ހަރަކާތްތަކުގައާއި ހާއްސަކޮށް ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމަށް އެންމެ ކުރީސަފުގައި ހަރަކާތްތެރިވި ބޭފުޅުންކަމަށާއި މިޓީމުގައި ފިނިކޮޓަރީގައި އަރާމުގައި ތިއްބަވާ ބޭފުޅުން ނުތިއްބަވާނެކަމަށެވެ. އަދި އެ ޓީމަކީ ހަލަބޮލި މަޝްރަހު ފިނިވީމައި އެތަނަށް ވައިކުޑާގައި ޓައީ އަޅައިގެން ގޮސް ފުއްމާލާފައިވާ ބައެއްވެސް ނޫންކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޓީމުގައި ހިމެނޭނީ ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލަން އެންމެ ކުރީސަފުގައި ނިކުތް މީހުން. ހީވާގި ކެރޭ މީހުން. އެންމެ ނުރައްކާތެރި ދަނޑިވަޅުތަކުގައި ކުރިމަތިލާފައިވާ މީހުން އަޅުގަނޑުގެ ޓީމުގައި ހިމެނޭނީ،" ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ފަށާ ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީގެ ކައުންސިލަށް މެމްބަރުން ހޮވާއިރު ނަތީޖާ ނެރެދޭނަމޭ ބުނާ ޓީމަށްވުރެ މިހާތަނަށް ނަތީޖާ ނެރެދީފައިވާ ޓީމަށް ވޯޓު ދެއްވުމަކީ ޕާޓީއަށާއި އަދި ގައުމަށް އެންމެފައިދާހުރިގޮތްކަމަށެވެ.
ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމަށް މާލޭގައި ހިންގި ހުރިހާ ހަރަކާތްތަކެއްގައިވެސް އެންމެ އިސްކޮށް ހުންނެވީ އުމަރު ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފެޅުން ކަމަށާއި އަދި އުމަރު ޓީމުގެ މެމްބަރުން އޭރު ހިންގި ހަރަކާތްތަކުގެ ސަބަބުން ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލާފައިވާ ކަމަށްވެސް އުމަރު ތަކުރާރުކޮށް ވިދާޅުވިއެވެ.
ނަޝީދުގެ ސަރުކާރު ވެއްޓުނީ އޮޓޮމެޓިކުން ނެއްނޫން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ