މުހައްމަދު ހުސެއިނާއި މަޑަވެލި މެމްބަރު މުއާޒް ޕީޕީއެމަށް

ރައްޔިތުންގެ މަޖިލީހުގެ ޖުމްހޫރީ ޕާޓީގެ ދެ މެމްބަރުން ކަމަށްވާ ކަނޑިތީމު ދާއިރާގެ މުހައްމަދު ހުސެއިނާއި މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ. އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށް ގެންދާ ޕީޕީއެމް/އެމްޑީއޭގެ ކޯލިޝަންގެ ބައްދަލުވުމުގައި ވަނީ، މުހައްމަދު ހުސެއިނާއި މުއާޒް، އެ ޕާޓީއަށް ސޮއިކުރެއްވި ފޮޓޯ ދައްކާލައިފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުން ނަމަ އެ ދެ ބޭފުޅުން ވަނީ ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު، އެ ޕާޓީގެ ނައިބު ރައީސް އަހުމަދު އަދީބާ ފޯމް ހަވާލުކުރައްވައިފަ އެވެ. މެމްބަރު މުހައްމަދު ހުސައިން: މިހާރު ވަނީ ޕީޕީއެމަށް ސޮއިކުރައްވާފައި.-ފައިލް ފޮޓޯ: މަޖިލިސް އެކަމަކު މުހައްމަދު ހުސެއިން މިވަގުތު ރާއްޖޭގައި ނޫޅުއްވާ ކަމަށް، ޕީޕީއެމްގެ ޖަލްސާގައި ވަނީ އިއުލާން ކޮށްފަ އެވެ. މިނިވަން މެމްބަރެއްގެ ގޮތުން މަޑަވެލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުއާޒް، ޖޭޕީއާ ގުޅިވަޑައިގަތީ މިދިޔަ ޑިސެމްބަރު މަހު އެވެ. މުހައްމަދު ހުސެއިނާއި މުއާޒް ޕީޕީއެމާ ގުޅިވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުގެ ޖޭޕީގެ މެމްބަރުންގެ އަދަދު 10 އަށް މަދުވީ އެވެ. އަދި ޕީޕީއެމް/ޖޭޕީ/އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދު 51 އަށް އެރީ އެވެ. އެއީ ޕީޕީއެމްގެ 46 މެމްބަރުންނާއި އެމްޑީއޭގެ ފަސް މެމްބަރުން އަދި އަދާލަތު ޕާޓީގެ އެއް މެމްބަރެވެ. މުހައްމަދު ހުސެއިނާއި މުއާޒްގެ އިތުރުން، ބައެއް ރަށްރަށުގެ ކައުންސިލް މެމްބަރުންނާއި އެމްޑީޕީ އާއި ޖޭޕީގެ ބައެއް އާންމު މެމްބަރުން ވެސް ޕީޕީއެމާ ގުޅުނުކަން މިރޭ ވަނީ އިއުލާން ކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ ޖޭޕީގެ މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ