ސްކޫލް ކުދިންގެ ލަވަ މުބާރާތް މިއަދު ފަށަނީ
އެމްބީސީން އިސްނަގައިގެން ބާއްވަމުން އަންނަ ސްކޫލް ކުދިންގެ ލަވަ މުބާރާތް މިއަދު ހަވީރު ފަށާނެ އެވެ. އެމްބީސީގެ ސްޕޯސްކް ޕާސަން އަބްދުﷲ ރަމީޒް ވިދާޅުވީ މިއަދު އޮލިމްޕަސްގައި ފަށާ ލަވަ މުބާރާތުގައި 12 ސްކޫލަކުން 169 ކުދިން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން 133 ކުދިން ގްރޫޕްކޮށް ލަވަ ކިޔާނެ ކަމަށް އެމްބީސީން ބުންޏެވެ. މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ލަވަ މުބާރާތް ޓީވީއެމުން ވަގުތުން ދައްކާނެ ކަމަށް އެ ފަރާތުން ބުންޏެވެ. އެ ގޮތުން މިއަދު ލަވަކިޔާނީ ހަވީރު 4:00 ން 6:00 އަށެވެ. މިރޭ އަށަކުން އެގާރަ އަށް ލަވަކިޔުން އޮންނައިރު މާދަމާ ލައިވްކުރާނީ ހަވީރު އެކަންޏެވެ. މި މުބާރާތް އޮންނަ ފަހު ދެ ދުވަހު ލަވަކިޔުން އޮންނާނީ ރޭގަނޑު ނުވަޔަކުން އެގާރަ އަށް ކަމަށް ވެސް އެމްބީސީން ބުންޏެވެ. ކުރިން ލަވަ މުބާރާތުން އެއްވަނަ ހޯދި ކުއްޖަކަށް އިނާމް ހަވާލުކޮށްދެއްވަނީ.--ހަވީރު ފައިލް ފޮޓޯ ރަމީޒް ވިދާޅުވީ، ވަނަތައް ހޮވާނީ ހަ ބޭފުޅުން ހިމެނޭ ޖަޖުންގެ ޕެނަލަކުން ކަމަށެވެ. އަދި އަންނަ މަހުގެ ދެ ވަނަ ދުވަހު ނަތީޖާ ފާޅުކުރުން އޮންނާނެ ކަމަށް ވިދާޅުވި އެވެ. ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު މި މުބާރާތް އަލުން ފަށާފައިވަނީ 2012 ވަނަ އަހަރެވެ. ޓީވީއެމުން ވޭތުވެ ދިޔަ އަހަރު މި މުބާރާތް ގެނެސްދީފައިވަނީ ޓީވީއެމް ސްކޫލު ކުދިންގެ ލަވަ މުބާރާތުގެ ނަމުގަ އެވެ. އެކަމަކު 2013 ވަނަ އަހަރުން ފެށިގެން މުބާރާތް ކުރިއަށް ގެންދަނީ އެމްބީސީ ސްކޫލު ކުދިންގެ ލަވަ މުބާރާތުގެ ނަމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ