އަފްރާޝީމްގެ ގާތިލް ހުމާމަށް ހައި ކޯޓުން ވެސް ނާކާމިޔާބު
ރާއްޖޭގައި މަރުގެ ޝަރީއަތަކަށް މީގެ ކުރިން ސަމާލުކަން ނުލިބޭ ދަރަޖައަކަށް ޑރ. އަފްރާޝީމް އަލީގެ މަރުގެ ޝަރީއަތަަށް އާންމުންގެ ލޯ ހުއްޓުނެވެ. ސިޔާސީ ބޭފުޅެއްގެ އިތުރުން އެއީ ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ރާވައިގެން މިހާތަނަށް ހިންގި އެންމެ ބޮޑު ލޭ އޮހުރުވުމެވެ. އަފްރާޝީމްގެ ގާތިލް ހ. ލޮބީ ހުސައިން ހުމާމް މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި ޖެނުއަރީ، 2014 ގައި ދަށު ކޯޓުން މަރުގެ ހުކުމް އިއްވި އެވެ. އޭގެ ދޮޅު އަހަރު ފަހުން ދަށު ކޯޓުގެ އެ ހުކުމަށް ތާއީދުކޮށް ހައި ކޯޓުން އިއްޔެ ކުރި ހުކުމަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ހުމާމް މަރަން ކޮށްފައިވާ ހުކުމުން ސަލާމަތްވާން އެތައް މަސައްކަތެއް ކުރިޔަސް އޭނާގެ ފަރާތުން ފާހަގަކުރި ހުރިހާ ނުކުތާތަކެއް ހެން ނިންމީ ހުމާމާ ދެކޮޅަށެވެ. ހުމާމްގެ އިއުތިރާފް އަނބުރާ ނުގެންދެވޭނެ އަފްރާޝީމް މަރާލިކަމާއި އެކަން ކުރި ގޮތް ދަށު ކޯޓުގެ ޝަރީއަތުގައި ކިޔައި ދިނުމަށް ފަހު ހުމާމް ފަހުން ވަނީ އެކަން ނުކުރާ ކަމަށް ބުނެ ތަކުރާރުކޮށް ދައުވާ އަށް އިންކާރުކޮށްފަ އެވެ. ކުރިން އެކަމަށް އެއްބަސްވީ ފުލުހުން ބިރު ދެއްކުމުގެ ސަބަބުން ކަމަށް ހުމާމްގެ ފަރާތުން އެތައް ފަހަރަކު ދަށު ކޯޓާއި ހައި ކޯޓުގައި ބުންޏަސް ހައި ކޯޓުގެ ހުކުމުގައި ވަނީ ކުށަށް އެއްބަސްވެ ދައްކާފައިވާ ވާހަކަތައް އޭނާ އަށް އަނބުރާ ނުގެންދެވޭނެ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނަނީ މީހެއްގެ ހައްގު އެކުލެވޭ ކުށަކަށް އިއުތިރާފްވުމަށް ފަހު އެ އިއުތިރާފް އަނބުރާ ނުގެންދެވޭނެ ކަމަށް އިސްލާމީ ބޮޑެތި އިލްމުވެރިން ވިދާޅުވާ ކަމަށެވެ. ހަމަ އެގޮތަށް މީހަކު ކުށަށް އެއްބަސް ވެއްޖެ ނަމަ އެއާ އެއްގޮތަށް ހުކުމް ކުރުމަކީ ފަނޑިޔާރަށް ލާޒިމް ކަމެއް ކަމަށް އިލްމުވެރިން ވިދާޅުވެފައިވާ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ. ގާނޫނީ ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތު މެރުމަށް ކުރި ހުކުމް ދަމަހައްޓައި، މިދިޔަ މެއި މަހު ހައި ކޯޓުން ކުރި ހުކުމުގައި ވެސް އެގޮތަށް ކަނޑައަޅާފައިވާ ކަން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ފާހަގަކުރި އެވެ. މުއްރަތުގެ މައްސަލާގައި ހައި ކޯޓުން އެގޮތަށް ކަނޑައެޅުމާ އެކު ހުމާމްގެ މައްސަލާގައި ވެސް އެގޮތަށް ނިންމާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. މީގެ އިތުރުން ހުމާމްގެ އިއުތިރާފް ބަޔާންތަކުގައި ހުރި ވާހަކަތަކާ ދިމާވާ ގޮތަށް ހެކިން ހެކިބަސް ދީފައިވުމަކީ ވެސް އޭނާގެ އިއުތިރާފް އަނބުރާ ގެންދަން މަސައްކަތް ކުރި ކުރުން ކޯޓުން ގަބޫލުނުކުރި އެއް ސަބަބެވެ. އެގޮތުން އަފްރާޝީމް ދިރިއުޅުއްވި ގެއަށް އޭނާ މަރާލަން ހުމާމާ އެކު ދިޔަ ކުޑަކުއްޖާގެ ހެކިބަސް ދީފައިވުމާއި ހުމާމްގެ މޫނާއި އަތް ދޮންނަން ހުރި ތަން ފެނުނު ކަމަށް ހެކިބަސް ލިބުމާއި އަފްރާޝީމަކީ މަރާލަން ޖެހޭ މީހެއް ކަމަށް ހުމާމް ބުނެފައިވާ ކަމަށް ހެކިބަސް ލިބިފައިވުމަކީ ވެސް އޭނާ އަށް ސަލާމަތްވާން އުނދަގޫވި މައިގަނޑު އެއް ސަބަބެވެ. ކުށަށް އެއްބަސްވުމަށް ބިރު ދައްކާފައިވާ ކަމަކަށް ނުބެލެވޭ ހުމާމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ މައިގަނޑު އެއް ނުކުތާ އަކީ އަފްރާޝީމް މަރާލި ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގަ އާއި އޭގެ ފަހުން ޝަރީއަތް ފެށުމާ އެކު ޝަރީއަތުގެ މަޖިލީހުގައި ހުމާމް އެއްބަސްވީ ފުލުހުންނާއި އޭރުގެ ސަރުކާރުގެ އިސް ވެރިން ތަހުގީގު މަރުހަލާގައި ބިރު ދެއްކުމުގެ ސަބަބުން ކަމަށް ބުނާ ނުކުތާ އެވެ. އެގޮތުން ފުލުހުންގެ އިސް ވެރިންނާއި ސިޔާސީ ބައެއް މީހުން އެކި ގޮތްގޮތުން އޭނާއަށް ބިރު ދެއްކި ކަމަށް ހުމާމްގެ ފަރާތުން ބުންޏަސް އެ ނުކުތާ ވެސް ފަނޑިޔާރުންނަކަށް ގަބޫލެއް ނުކުރެއްވުނެވެ. ހައި ކޯޓުގެ ހުކުމުގައި ވަނީ މަޖުބޫރުކުރި ކަމަށް ބުނެ ހުމާމްގެ ފަރާތުން ފާހަގަކުރި ކަންކަމަކީ އޭނާ ނުކުރާ ކަމެއް ކުރި ކަމަށް އެއްބަސްވާން ޖެހޭ ފަދަ މަޖުބޫރީ ހާލަތެއް ކަމަށް ނުބެލެވޭ ކަމަށެވެ. އެގޮތުން ބަންދުގައި ހުރުމާއި ތަހުގީގުގައި ސުވާލު ކުރުން ފަދަ ކަންކަމަކީ މަޖުބޫރީ ހާލަތެއް މެދުވެރިކުރުން ކަމަށް ނުބެލެވޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. ހުކުމުގައިވާ ގޮތުން ކުށަށް އެއްބަސްވީ މަޖުބޫރީ ހާލަތެއްގައި ކަމަށް ހުމާމްގެ ފަރާތުން ބުނާ ބުނުމަށް ބާރު ލިއްބައިދޭ ހަރުދަނާ ކަންތައްތަކެއް ދެއްކިފައެއް ނުވެ އެވެ. ހަމަ އެގޮތަށް، އާދަމުގެ ދަރިއެއްގެ ހައްގު އެކުލެވޭ ކުށަކަށް އެއްބަސްވުމަށް ފަހު އެއާ ދެކޮޅަށް ބުނާ ނަމަ އެކަން ސާބިތުކޮށް ދިނުމަކީ އެ މީހެއްގެ ޒިންމާއެއް ކަމަށް ވިދާޅުވެ އިސްލާމީ ބޮޑެތި އިލްމުވެރިން ރައުޔު ނެރުއްވާފައިވުން ވެސް އެއީ، ފުލުހުން ބިރު ދެއްކި ކަމަށް ބުނެ ސަލާމަތްވާން ހުމާމަށް ފުރުސަތު ހަނިވި ސަބަބެކެވެ. މަރްހޫމް ޑރ. އަފްރާޝީމް އަލީ: އޭނާ އަވަހާރަކޮށްލި މައްސަލާގައި ކުށް ސާބިތުވީ ހުމާމްގެ މައްޗަށް އެކަނި ދިފާއީ ހެކިންގެ ބަސް ނުހޯދުމުގައި މައްސަލައެއް ނެތް ހުމާމްގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނުނަގަން ދަށު ކޯޓުން ނިންމާފައި ވާތީ އެކަން ފާހަގަކޮށް ހުމާމްގެ ފަރާތުން ހުށަހެޅި ނުކުތާއަކީ ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފީ މަދު ނުކުތާތަކުގެ ތެރެއިން އޭނާއާ އެއްކޮޅަށް ކިރިޔާ ވެސް ނިމޭނެ ކަމަށް ބެލެވުނު ބައެވެ. ނަމަވެސް ހުކުމް ކުރިއިރު އެ ނުކުތާގައި ވެސް ނިންމީ ހުމާމާ ދެކޮޅަށެވެ. އަފްރާޝީމް މަރާލި ކަމަށް ބުނާ ވަގުތު ހުމާމް ހުރީ އޭނާގެ ރަށްޓެހި އެހެން ބަޔަކާ އެކު ކަމަށް ބުނެ އެކަން ސާބިތުކުރަން އެ ރަހުމަތްތެރިންގެ ނަންތައް ހުށަހެޅިޔަސް ދަށު ކޯޓުން ނިންމީ ކުރިން ކުށަށް އެއްބަސްވެފައި ވާތީ ދިފާއީ ހެކިބަސް ނުނެގުމަށެވެ. އެގޮތަށް އަމަލު ކުރުމަކީ ގާނޫނު އަސާސީގައި ބުނެފައިވާ ދިފާއުވާން ފުރުސަތު ދިނުމުގެ ހައްގާ ޚިލާފް ކަމަކަށް އޭނާގެ ފަރާތުން ބުންޏަސް ހައި ކޯޓުން ނިންމީ ދަށު ކޯޓުން އަމަލުކުރި ގޮތުގައި ގާނޫނާ ޚިލާފް ކަމެއް ނެތް ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި ހުމާމްގެ އިއުތިރާފާއި ދައުލަތުގެ ހެކިންގެ ހެކިބަހުން ފެންނަ ނަތީޖާތަކަށް ބަލާއިރު ހުމާމްގެ ދިފާއީ ހެކިން ހާޒިރު ނުކުރުމަކީ މައްސަލައެއް ނޫނެވެ. އޭގެ އިތުރުން ހެކި ބަލައިގަތުމާއި ހެކިން ހާޒިރު ކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރުގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައި ވާތީ އެއީ ވެސް ހުމާމްގެ ދިފާއީ ހެކިބަސް ނުނެގުން ރަނގަޅު ކަމަށް ހައި ކޯޓުގެ ނިންމުމުގައި ފާހަގަކުރި އެއް ސަބަބެވެ. ރާއްޖޭގެ ދެވަނަ އަށް އެންމެ މަތީ ކޯޓުން ހުމާމްގެ މަރުގެ ހުކުމް ދެމެހެއްޓިޔަސް މަރުގެ އަދަބުން ސަލާމަތްވާން މަސައްކަތް ކުރުމުގެ ފުރުސަތު އޭނާ އަށް އަދިވެސް ބަންދެއް ނުވެ އެވެ. ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން 60 ދުވަހުގެ މުއްދަތެއް ލިބެ އެވެ. މަރުގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް ދިނުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާ އަށް އޮތަސް، ޝަރުއީ މަރުހަލާތައް ނިމުމުން އަފްރާޝީމްގެ ގާތިލުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ކުރިން ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މަރުގެ އަދަބުން ސަލާމަތްވާން އޭނާ އަށް ހަމައެކަނި އޮތް ފުރުސަތަކީ ސުޕްރީމް ކޯޓުން މައްސަލަ ކާމިޔާބު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ