އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި

އެމްޑީޕީން ސިޔާސީ ހަރަކާތްތައް ހިންގަމުން އައި އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އެގޮތަށް ހުކުމްކުރީ ސިވިލް ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރުމަށް ސިޓީ ކައުންސިލުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ. ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ކޯޓުން ހުކުމްކުރީ އެތަން ސަރުކާރާ ހަވާލުކުރަން ކައުންސިލަށް އެންގުމުން ވެސް އެގޮތަށް އަމަލު ނުކުރުމުން ކަމަށެވެ. އަދި އެތަން ސަރުކާރާ ހަވާލުކުރަން ހައުސިން މިނިސްޓްރީން އެންގީ އެތަން ސަރުކާރަށް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމުންކަން އެނގޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. ނަމަވެސް " ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދު" ގައި ކައުންސިލަކަށް ދޫކޮށްފައިވާ ބިމެއް އަނބުރާ އަތުލެވޭނީ ވަކި ސަބަބުތަކެއް އޮވެގެން ކަމަށް އެ ގަވާއިދުގައިވާ ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް އުސްފަސްގަނޑު ސަރުކާރަށް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އެފަދަ ސަބަބެއް އޮވެގެންތޯ ކަށަވަރުކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ އެ ނިންމުމަށް ދަށު ކޯޓުން ރިއާޔަތްނުކޮށް ހުކުމްކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ނިންމުމަށް ދަށު ކޯޓުން ރިއާޔަތް ކުރަންޖެހޭނެ ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންނަށް ގަބޫލު ކުރެވޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންކަމުން ސިވިލް ކޯޓުގެ އެ ހުކުމް ބާތިލް ކަމަށް ހުކުމް ކުރީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ދަށު ކޯޓުގެ ހުކުމް ބާތިލްކުރި ނަމަވެސް ސިވިލް ކޯޓުގެ އެ ހުކުމުގައި މާލޭ ސިޓީ ކައުންސިލުން އެއްބަސްވުމާ ހިލާފަށް ކޮށްފައިވާ އަމަލުތަކެއް ކަމަށް ބުނެ ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން ސިޓީ ކައުންސިލުން އެތަން ބޭނުންކުރަމުންދަނީ ސަރުކާރުން ކަނޑައަޅާފައިވާ ލޭންޑް ޔޫސް ޕްލޭނާ ހިލާފަށެވެ. ހުކުމުގެ އެ ބަޔަށް ތާއީދުކޮށްފައި ވަނީ ވެސް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޔޫސުފް ހުސައިންގެ އިތުރުން ފަނޑިޔާރު އައްބާސް ޝަރީފެވެ. ރިޔާސަތު ބެލެހެއްޓެވީ ޑރ. އަޒްމިރާލްދާ އެވެ. އެ މައްސަލަ ހައި ކޯޓުގައި އޮތުމުން އެ މައްސަލަ އެ ކޯޓުން ނިމެންދެން އެތަން ފުލުހުންގެ ބެލުމުގެދަށުގައި ބޭއްވުމަށް ހައި ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. ނަމަވެސް މިއަދު އެގޮތަށް ހުކުމްކުރުމާއެކު ހައި ކޯޓުގެ އެ އަމުރު ނިމުމަކަށް އަންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ