ދީނާއި ގައުމުގެ ޝަރަފު ހިފަހައްޓަން ގާސިމް ގޮވާލައްވައިފި

ދީނާ ޤައުމުގެ މިނިވަންކަމާއި ޝަރަފު ހިފެހެއްޓުމަށްޓަކައި ރައްޔިތުންނަށް ލިބިފައިވާ ވޯޓް ދިނުމުގެ ހައްޤު ހެޔޮގޮތުގައި ބޭނުން ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީން މިރޭ ރ. އަތޮޅު އުނގޫފާރުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވީހިނދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓްލާއިރު، ތިމާ ނިސްބަތްވާ ޕާޓީއަށްވުރެ ޤައުމަށް ހެޔޮ އެދިގެން ވޯޓް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައްޔިތުންނަށް ލިބިދީފައިވާ ވޯޓް ދިނުމުގެ ހައްޤު ހެޔޮ ގޮތުގައި ބޭނުން ކުރެވިއްޖެނަމަ ދީނާ ޤައުމު އަބަދުވެސް ރައްކާތެރިކުރެވިގެންދާނެ ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ސިޔާސީ ކަމެއްގައި ދިމާވާ ކަމަކާއި ގުޅިގެން ޒާތީ ހަސަދަ ވެރިކަން އުފެދި އާއިލީ ގުޅުންތައް ކެނޑިގެން ނުވާނެ ކަމަށެވެ. އެދަރަޖައަށް ސިޔާސީ ކަންކަން ދިއުމަކީ އެމަނިކުފާނު ދެކެން ބޭނުންވާ މަންޒަރެއް ނޫން ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
އެމްޑީޕީން ކޮންމެ ހަފްތާއަކު ރާއްޖޭގެ ވިހި އަތޮޅުގައި އެއް ފަހަރާ ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތްތަކާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ ބޭރުގެ ދީލަތި ފަރާތްތަކެއްގެ އެހީ އެފަރާތްތަކަށް ލިބޭ ކަމަށާ، އެއީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ދީނާއި ޤައުމަށްޓަކައި ކާބަފައިން ކުރި މަސައްކަތް އަބަދުވެސް ކުރަންޖެހޭނެ ކަމަށާ، ދީނާއި ޤައުމާއި ސަޤާފަތް އަބަދުވެސް ރައްކާތެރި ކުރަންޖެހޭނެ ކަމަށެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް މިރޭ ޒިޔާރަތް ކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ އެހޮސްޕިޓަލް ތަރައްޤީ ކުރުމަށް އެތަނުގެ މެނޭޖްމަންޓާއި މުވައްޒަފުން ކުރާ މަސައްކަތް ފާހަގަކޮށް އެހޮސްޕިޓަލަށް މިވަގުތު ބޭނުންވާ އެތެރެ ހަށީގެ ބައެއް އޮޕަރޭޝަންތައް ކުރެވޭ މެޝިނެއް ހޮސްޕިޓަލަށް ހަދިޔާ ކުރައްވަން ނިންމެވިކަމަށް މިރޭގެ ޖަލްސާގައި އިއުލާނު ކުރައްވާފައެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރުމަށް އެތަނުގެ ވެރިންނާއި މުވައްޒަފުން މަސައްކަތް ކުރަމުންދާ ފަދައިން އެހެން ފަރާތްތަކުންވެސް މަސައްކަތް ކުރާނަމަ އިސާހިތަކު އެތަނެއް ކުރިއަރާ ތަރައްޤީވެގެންދާނެ ކަމަށެވެ.
ޤާސިމް އިބްރާހިމް ވަނީ ހުރިހާ ފަރާތްތަކަކުންވެސް އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމަށް މިރޭވެސް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ