ފިލްމީ ތަރި ސާމިޔާ ގެއްލިގެން ހޯދަން ފަށައިފި

ފިލްމީ ތަރި އައިޝަތު ސާމިޔާ ގެއްލިގެން ހޯދަން ފުލުހުން ފޮޓޯއާއެކު އިއުލާން ކޮށްފި އެވެ.
ލ. މާބައިދޫ، ކަންމަތީގެ، ސާމިޔާ ހޯދަން ފެށީ ވީތަނެއް ނޭގި ގެއްލިފައިވާ ކަމަށް ބުނެ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެނެވެ. ސާމިޔާއަކީ ކުރު ފިލްމުތަކުގައި ފެންނަ ޓީވީ ސްޓާރެކެވެ. އޭނާ އެންމެ ފަހުން ކުޅެފައި ވަނީ "ބޮނދު ލޯބި" ކަމަށް ވެއެވެ. އަދި ބައެއް ލަވަތައް ވެސް އޭނާ ކުޅެފައި ވެއެވެ.
ފުލުހުން ބުނީ ސާމިޔާ 31، އޭނާ ދިރިއުޅޭ ގެއިން ނުކުތީ މިދިއަ ބުދަ ދުވަހުގެ ރޭ 11:00 ޖަހާއެހާކަންހާއިރު ކަމަށާއި އޭނާ އެންމެފަހުން ފެނުނު އިރު ލައިގެންހުރި ކަމަށް މަޢުލޫމާތު ލިބިފައިވަނީ ޗޮކްލެޓް ކުލައިގެ ޓޮޕަކާއި ކަޅު ކުލައިގެ ޓައިޓެއް ކަމަށެވެ. އަޅައިގެން ހުރީ ކަޅުކުލައިގެ ބުރުގާއެއް ކަމަށް ވެސް ބުންޏެވެ.
ސާމިޔާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނަށް އަންގަން ވަނީ އެދިފަ އެވެ. ސާމިޔާ ގެއްލިގެން ހޯދަން ފެށި އިރު އިއްޔެ ވެސް ވަނީ ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން އިއުލާން ކޮށްފަ އެވެ. ފަހަކަށް އައިސް ޒުވާން އަންހެނުންނާއި އަންހެން ކުދިން އާއިލާއަށް ފިލުމާއި ގެއްލިގެން ހޯދަން އިއުލާން ކުރުން ވަނީ އާންމުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ