އުމަރު ދެ މައްސަލައެއް ހިފައިގެން ކޯޓަށް

ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް މީހަކު ވަނީ ކޮން މަރުހަލާއެއްގައިތޯ ކަނޑައެޅުމަށްޓަކައި ސިޔާސީ ޕާޓީ ތަކުގެ ޤާނޫނާއި ގުޅޭ މައްސަލައެއް މާދަމާ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އުމުރު ނަސީރު ވިދާޅުވެއްޖެއެވެ.
ވީނިއުސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އުމަރު ނަސީރު ވިދާޅުވީ އޭނާގެ ނަމުގައި މާދަމާ ދެ މައްސަލައެއް ރާއްޖޭގެ ޝަރުއީ ދެ ކޯޓަކަށް ހުށަހަޅާނެ ކަމަށާއި، މެންދުރު ކުރީގެ ވަގުތެއްގައި މައްސަލަތައް ކޯޓަށް ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން އުމަރު ވިދާޅުވީ އޭނާ ހުށަހަޅުއްވާ ފުރަތަމަ މައްސަލައަކީ ސިޔާސީ ޕާޓީ ތަކުގެ ޤާނޫނުގައި މީހަކު ސިޔާސީ ޕާޓީއަކަށް ވަނުމަށްފަހު އެމީހަކު ޕާޓީއެއްގެ މެންބަރަކަށް ވަނީ ކިހާ ހިސާބަކުންކަން ސާފުކޮށް ބުނެފައި ނުވާތީ ސިޔާސީ ޕާޓީ ތަކުގެ ގާނޫނު މާނަކުރުމާއި ގުޅޭ ގޮތުން ހުށަހަޅުއްވާ މައްސަލައެއް ކަމަށެވެ.
އުމަރު ވިދާޅުވީ މީހަކު ޕާޓީއަކަށް ސޮއި ކުރާ ހިސާބުން އެމީހަކު ޕާޓީގެ މެންބަރަކަށް ވެގެންދަނީތޯ ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި އެމީހަކު ރަޖިސްޓްރީވާ ހިސާބުން ޕާޓީގެ މެންބަރަކަށް ވެގެން ދަނީތޯ ސާފުކުރުމަކީ މައްސަލަ ހުށަހަޅުއްވާ މަޤުސަދު ކަމަށެވެ.
"މިހާރު ސިޔާސީ ޕާޓީ ތަކުގެ ޤާނޫނު އޮތްގޮތުން އަޅުގަނޑަކަށް އެކަން އެހާ ސާފެއް ނޫން" އުމަރު ވިދާޅުވިއެވެ.
އުމަރު ހުށަހަޅުއްވާ ދެވަނަ މައްސަލައަކީ ޕީޕީއެމްގެ ޕްރައިމަރީއާ ގުޅިގެން ސިވިލް ކޯޓަށް ހުށަހަޅުއްވާ މައްސަލައެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީ ބާތިލްކުރުމަށް ސިވިލް ކޯޓަށް އޭނާ ކުރިން ހުށަހެޅުއްވި މައްސަލައިގައި ކޯޓުން އިއްވާފައިވާ ހުކުމްގައި ޕީޕީއެމްގެ ޕްރައިމަރީގައި އެޕާޓީގެ ދަފްތަރުގައި ހިމެނިފައި ނުވާ ބަޔަކު ވޯޓްލާފައިވާ ކަމަށް ބުނެފައިވާތީ އަނެއްކާވެސް ކޯޓަށް މައްސަލަ ހުށަހަޅުއްވަނީ ޕްރައިމަރީ ބާތިލްކުރުމަށް ކަމަށެވެ.
"ޕީޕީއެމްގެ ޕްރައިމަރީގައި މަކަރު ހަދާ އޮޅުވާލި މައްސަލަ އަޅުގަނޑު ދޫކޮށެއް ނުލާނަން. އަޅުގަނޑުމެންގެ ގާނޫނީ ހުރިހާ ބޭފުޅުންވެސް އެބަ ވިދާޅުވޭ މިމައްސަލަ ކޯޓުން ދެވަނަ ފަހަރަށް ބަލައިގަންނާނެ ކަމަށް. އެހެންވީމާ މިމައްސަލައިގަ އެހެން ޕާޓީތަކުގެ މެންބަރުން ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓު ލާފައިވާކަން އެނގެން އޮތީމަ އެކަން ސާބިތު ކުރަން ފަސޭހަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިވިލް ކޯޓަށް ދެވަނަ ފަހަރަށް ހުށަހަޅުއްވާ މައްސަލައިގައި ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، ޕީޕީއެމްގެ ޕްރައިމަރީގައި އޮޅުވާލައިގެން ކަންތައްތަކެއް ކޮށްފައިވާ ކަން ސާބިތުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ