ޖޭއެސްސީގައި ރައީސްގެ މެންބަރަށް ލަތީފާ ގާސިމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރު ކަމަށް އއ. މަތިވެރީ ލަތީފާ ގާސިމް (ލަތީ) މިއަދު ހަމަޖައްސައިފި އެވެ.
ޖޭއެސްސީގައި ރައީސް ތަމްސީލް ކުރައްވާ މެންބަރު ކަމަށް ލަތީފާ އައްޔަން ކުރެއްވީ ކުރިން އެ މެންބަރު ކަމަށް ރައީސް އައްޔަން ކުރައްވާފައިވާ މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވަކި ކުރެއްވުމަށްފަހު އެވެ. ސަލީމް ވަކި ކުރީ ގޭންގް މާރާމާރީތަކުގެ މައްސަލައިގައި ސަލީމްގެ މައްޗަށް ސާބިތު ކުރެވޭ ވަރަށް ހެކި ހުރި ކަމަށް ފުލުހުން ރައީސަށް މައުލޫމާތު ހިއްސާ ކުރުމުންނެވެ. އެނާ މެންބަރު ކަމުން ވަކި ކުރީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
ޖޭއެސްސީގެ މެންބަރު ކަމުގެ ހުވައި، ލަތީފާއަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޢަރީފެވެ.
މިއަދު އައްޔަން ކުރެއްވި ލަތީފާއަކީ މީގެ ކުރިން ވެސް ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު ވެސް ޓީވީއެމްގައި ޝަރުއީ ދާއިރާއާބެހޭ ޕްރޮގްރާމެއް ކަމަށް ވާ "މީޒާން" ޕްރޮގްރާމް ހުށަހަޅުއްވައި ދެއްވާ ލަތީފާ ހައިކޯޓްގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ޖުޑިޝަރީގެ މިޑިއާ ކޯޑިނޭޓަރުކަން ވެސް އޭނާ ކުރައްވާފައިވެއެވެ.
ޝަރީއަތާއި ގާނޫނީ ދާއިރާއިން މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީގައި މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ ލަތީފާއަކީ މަޝްހޫރު ވާހަކަ ދެއްކުންތެރިޔާ އަދި ޓީވީ ޕްރެޒެންޓަރު އިކްރާމް އަބްދުއްލަތީފުގެ އަނބިކަނބަލުންނެވެ. އަދި މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމްގެ ކޮއްކޮ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ