ފުއާދު މަސައްކަތްކުރައްވަނީ ސުޕްރީމް ކޯޓުގެ ހުރުމަތް ނަގާލަން: ޕީޕީއެމް
އިލެކްޝަންސް ކޮމިޝަންގެ ސާވާއަށް ބޭރުން ބަޔަކު ވަންނަން ފަށާފައި ވަނީ އެ ކޮމިޝަންގެ ކޮމްޕިއުޓަރު ސިސްޓަމްތަކާ ބެހޭ މައުލޫމާތު ސުޕްރީމް ކޯޓާ ހިއްސާ ކުރި ފަހުން ކަމަށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވުމަކީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލާ، އެ ކޯޓުގެ އަގުވައްޓާލުން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ. ޕީޕީއެމުން އެހެން ބުނި އިރު ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފުއާދު ރޭ ވިދާޅުވީ ކޮމިޝަންގެ "ޑޭޓާތައް ބަޔަކު ހަލާކުކުރަމުން ދާ" ކަމަށާއި ސާވާ އަށް ބަޔަކު ނުވަންނަ ކަމުގެ ޔަގީންކަން އެއްވެސް ފަރާތަކަށް މިހާރު ދެއްވެން ނެތް ކަމަށެވެ. "އަޅުގަނޑުމެންނަށް ޖެހުނު އަޅުގަނޑުމެންގެ އެތައް ބައިވަރު ކޮމްޕިއުޓަރު ސިސްޓަމްތަކާ ބެހޭ އެތައް ބައިވަރު މައުލޫމާތުތަކެއް ހުށަހަޅަން ސުޕްރީމް ކޯޓަށް. އެތައް ބައިވަރު ލޮގްތަކެއް ހުށަހަޅަން. އެއާ ބެހޭ އެތައް ބައިވަރު ޓެކްނިކަލް މައުލޫމާތުތަކެއް ހުށަހަޅަން. އަދި ހަމައެއާ އެކު އެންސީއައިޓީގެ ބޭފުޅުންނާ އެކީގައި މަޝްވަރާތަކެއް ކުރަން،" އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިޚާބީ އެޖެންޓް އަބްދުﷲ އަމީން ވިދާޅުވީ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ އިންތިޚާބުގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް އިލެކްޝަންސް ކޮމިޝަންގެ ޑޭޓާބޭސް އަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ވަދެވޭ ގޮތަށް ހުރިކަން ސުޕްރީމް ކޯޓުގެ ހުކުމުން ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން، އެކަމުގެ ޒިންމާ ސުޕްރީމް ކޯޓުން އުފުލަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަމީން އެ އިޝާރާތްކުރައްވަނީ މިދިޔަ މަހުގެ ހަތެއްގައި ބޭއްވި އިންތިޚާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓުން ނެރެނު ހުކުމަށެވެ. އެ ހުކުމުގައިވާ ގޮތުން، އިލެކްޝަންސް ކޮމިޝަންގެ ސާވާ އާއި ޑޭޓާބޭސްގެ އެކްސެސް ލިބެން ނުޖެހޭ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަކަށް އެކްސެސް ލިބޭ ގޮތަށް ހުރިކަން ތަޖުރިބާކާރުންގެ ރިޕޯޓުން އެނގެން އޮތެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮޅުވާލުންތަކެއް ހުރިކަން ސުޕްރީމް ކޯޓުގެ ހުކުމުން ސާބިތުވެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. ފަނޑިޔާރުންގެ ބޮލުގައި ތުހުމަތު އަޅުވާ، ސަލާމަތީ ބާރުތަކާއި އަދުލު އިންސާފު ގާއިމްކުރާ ފަރާތްތަކުގެ އަގުވައްޓާލުމަށް ފުއާދު މަަސައްކަތްކުރައްވާ ކަމަށް ވިދާޅުވެ ފުއާދުގެ އެ އަމަލު އޭނާ ކުށްވެރިކުރެއްވި އެވެ. "އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މި މަސައްކަތަކީ ދައުލަތުގެ އެންމެ މުހިންމު މުއައްސަސާތަކުގެ ބާރުކަނޑުވާލާ، ސައްހަ އިންތިޚާބެއް ލިބިދިނުމުގެ އަސާސީ ހައްގުން ދިވެހި ރައްޔިތުން މަހުރޫމްކުރުމަށް ކުރާ މަސައްކަތެއް ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ. ފުއާދު ރޭ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ބާތިލްކުރި ބުރުގެ މަސައްކަތްތައް ހިނގި އިރާއި އޭގެ ކުރިން އިލެކްޝަންސްގެ ސާވާ އަށް އެހެން "އެއްވެސް މީހަކަށް ވަނުމުގެ ފުރުސަތު ލިބިފައެއް ނުވެ" އެވެ. ނަމަވެސް، އެ އިންތިޚާބުގެ ކުރިން ވެސް އިލެކްޝަންގެ ސާވާ އަށް ބޭރުން ވަދެފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ. އެހެންވެ، ހުކުމުގެ 16 ވަނަ މާއްދާގައި ބުނެފައި ވަނީ "...އިލެކްޝަންސް ކޮމިޝަނުގެ ސަރވަރ އާއި ޑޭޓާ ބޭސް އާއި މުޅި އައިޓީ ނިޒާމަކީ އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށް ޓަކައި، ނޭޝަނަލް ސެންޓަރ ފޯރ ދި އިންފޮރމޭޝަން ޓެކްނޮލޮޖީ އާއ ދައުލަތުގެ ދައުލަތުގެ ކަމާ ބެހޭ އެހެނިހެން ފަރާތްތަކުގެ ތަޖުރިބާކާރުންގެ ޕްރޮފެޝަނަލް އޮޕީނިއަންއާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާހުކޮށް ރަނގަޅު ކުރަން" ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ