ޔާމީނަށް ތާއީދުކުރަން މަޖުބޫރުވީ މުއައްސަސާތަކާއި މިނިވަންކަމަށް އޮތް ބިރުން: ގާސިމް
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތާއީދުކުރަން ނިންމެވީ މަޖުބޫރީ ހާލަތެއް ކުރިމަތިވެވަޑައިގެން ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބައެއް ބޭފުޅުން ވިދާޅުވުމުން އެ "މަޖުބޫރީ ހާލަތްތައް" ގާސިމް ސާފުކޮށްދެއްވައިފި އެވެ. ރިޔާސީ އިންތިހާބުގައި ދެ ވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ޔާމީނަށް ތާއިދުކުރަން ޖޭޕީން ނިންމުމާ ގުޅިގެން މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ދީދީ އާއި ގާސިމްގެ ކުރީގެ ކެމްޕޭން މެނޭޖަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަހްމަދު ޝަމްހީދު ވިދާޅުވީ ޕީޕީއެމަށް ތާއިދުކުރަން ނިންމެވީ ގާސިމަށް މަޖުބޫރީ ހާލަތްތަކެއް ކުރިމަތިވެގެން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އެ ބޭފުޅުން ނުދެއްވަ އެވެ. އެ ވާހަކަތަކަށް ރައްދު ދެއްވުމަށް ޖޭޕީގެ މާލަމުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ގާސިމް ވިދާޅުވީ އޭނާއަށް ކުރިމަތިވެވަޑައިގެންނެވި މަޖުބޫރީ ހާލަތަކީ ގައުމުގެ މުއައްސަސާތަކަށް އޮތް ބިރާއި ގައުމުގެ އިގްތިސާދާއި މިނިވަންކަމަށް އޮތް ބިރުކަމަށެވެ. "އަޅުގަނޑަށް މަޖުބޫރީ ހާލަތްތަކެއް އެބަހުރި، ކީއްވެގެންތޯ؟ މި ގައުމުގެ އަމާން ކަމާއި މަސްލަހަތަށްޓަކައި އާދެ، މި ގައުމުގެ ކުރިއެރުމާއި އިގްތިސާދަށް ޓަކައި، އަޅުގަނޑުމެންގެ މިނިވަން ކަމަށްޓަކައި، އަޅުގަނޑުމެންގެ އެއްބައިވަންތަ ކަމަށްޓަކައި. މިކަން ކަންކަން އަޅުގަނޑަށް މަޖުބޫރީ ހާލަތަކަށް އައީ،" ގާސިމް ވިދާޅުވި އެވެ. އެމްޑީޕީ ވެރިކަމަށް އަތުވެއްޖެ ނަމަ އެމްއެންޑީއެފާއި ޕޮލިހާއި ޖުޑީޝަރީއަށް އޮތް ބިރަކީ ވެސް ޔާމީނަށް ތާއިދުކުރަން މަޖުބޫރުވި ސަބަބުތައް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ރިޔާސީ އިންތިހާބުގައި އަބްދުﷲ ޔާމީނަށް ތާއިދުކުރެއްވުމަށް ބާރުއެޅުއްވުމުގެ ގޮތުން ބައެއް ފަނޑިޔާރުންނާއި ބައެއް ފުލުހުންނާއި ބައެއް ސިފައިން ގާސިމާ ބައްދަލުކުރެއްވިތޯ ސުވާލުކުރުމުން އެކަން ގާސިމް ދޮގެއް ނުކުރައްވަ އެވެ. ގާސިމް ވިދާޅުވީ އޭނާއަށް މަޖުބޫރީ ހާލަތްތައް މެދުވެރިވި ގޮތްތަކާއި އެއްގޮތަށް ޑރ. ޑީޑީ އާއި ޑރ. ޝަމްހީދާއި މޫސާ ރަމީޒާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހްމަދު ހަމީދު ވާހަކަ ނުދެއްކެވުމުން ކަންބޮޑުވެވަޑައިގެންނެވި ކަމަށެވެ. އަދި އެ ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގަތީ ރިޝްވަތު ދީގެން ކަމަށް ތުހްމަތުކޮށް އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ގާސިމް ފާޑުވިދާޅުވި އެވެ. ޑރ. ޑީޑީ އާއި މޫސާ ރަމީޒް ޖޭޕީއަށް ވަޑައިގެންނެވީ އެމްޑީޕީއަށް ޖާސޫސްކޮށް ދިނުމަށް ކަމަށާއި ޝަމްހީދު "މަސައްކަތް ކުރެއްވީ ދެ ފަރާތަށް ދެފައިލައިގެން" ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ބޭފުޅުންނަކީ ޑޮކްޓަރުންނަށް ވިޔަސް ޕީއެޗްޑީ ނަންގަވައިގެން ތިއްބެވި ބޭފުޅުންނަށް ވިޔަސް އެ ބޭފުޅުން ޑިމޮކްރަސީ ދަސްކުރަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ