އަޒީޒާ މިސްކިތުގެ ބިއްލޫރިގަނޑު އަނެއްކާ ވެސް ތަޅާލައިފި؛ ގެއްލުންދިން މީހާ އެކަހެރިކޮށްފިން: ޕޮލިސް

ހުޅުމާލެ 1 ގައި ހުންނަ އަޒީޒާ މިސްކިތުގެ ބިއްލޫރިގަނޑު މިރޭ ވެސް ތަޅާލާފައިވާ ކަމަށާއި ގެއްލުން ދިން މީހާ މުޖުތަމައުން މިހާރު އެކަހެރިކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައިގެން ފުލުހުންނަށް އެންމެ ފުރަތަމަ ރިޕޯޓުކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަތިހު އެވެ.
އެ މައްސަލައިގެ ތުހުމަތުވާ މީހާ ހައްޔަރުނުކޮށް އުޅެނިކޮށް އެ މީހާ ވަނީ ދެ ވަނަ ފަހަރަށް، އަނެއްކާ ވެސް މިސްކިތުގެ ބިއްލޫރިގަނޑު މިރޭ ތަޅާލައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކަމާގުޅުން ހުރި އިދާރާތަކާ އެކު ކުރި މަސައްކަތުން އެ މީހާ މުޖުތަމައުން އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި އޭނާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަފްސާނީ މައްސަލަތަކާ ގުޅުން ހުރި މީހަކަށް ވާތީ އެ މީހާގެ އިތުރު ތަފްސީލެއް ފުލުހުން އާއްމެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ