އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލާގައި ކުރެންދޫ ދާއިރާގެ މެންބަރު ޖޭޕީން ވަކިވެ ވަޑައިގެންފި

ރައްޔިތުން މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރުމަށް ފާސްކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިއްޔެ ވޯޓު ދެއްވުމާ ގުޅިގެން ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ އެ ޕާޓީން ވަކިވެ ވަޑައިގެންފި އެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު މިއަދު ވިދާޅުވީ އަހުމަދު މޫސާގެ ސިޓީ ލިބިފައިވާ ކަމަށާއި ވީ އެންމެ އަވަސް ފުރުސަތެއްގައި ޕާޓީން ވަކިކޮށްދީ ކަމާ ބެހޭ ފަރާތްތަކަށް އެކަން އެންގުމަށް ސިޓީގައި އެދިވަޑައިގެންފައިވާ ކަމަށެވެ. "ސިޓީގައި ވިދާޅުވެފައި ވަނީ އިއްޔެ ޕާޓީން ވޯޓު ދިން ގޮތުން، އަހުމަދު މޫސާގެ ދާއިރާގައި ހިމެނޭ ކުރެންދޫ އާއި އޮޅުވެލިފުށީގެ ގިނަ ރައްޔިތުންތަކެއް ފޯނުން ގުޅައި ބައްދަލުކޮށް ޝަކުވާތައް ހުށަހަޅާފައިވާ ކަމަށް،" ޝާހު ވިދާޅުވި އެވެ. މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެ ޕާޓީ އަށް ނިސްބަތްވާ ބައެއް އެހެން ބޭފުޅުން ވެސް އިސްލާހު ފާސްކުރަން ވޯޓު ދެއްވި ނަމަވެސް އަހުމަދު މޫސާ ވޯޓު ދެއްވީ ފާސްކުރަން ނުފެންނަ ކަމަށެވެ. ޝާހު ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރަން ގާސިމް މަސައްކަތްކުރައްވަނީ މިއަދަކު ނޫން ކަމަށާއި މީގެ ކުރިން ވެސް ގާސިމް އެކަމަށް ތާއީދުކުރައްވާފައިވާ ކަމަށެވެ. ޖޭޕީގެ މެންބަރު ކަމުން އަހުމަދު މޫސާ ވަކިވެވަޑައިގެންނެވި އިރު އެ ޕާޓީގެ ނައިބު ލީޑަރު ކަމުގައި ހުންނެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ. އަދި އޭގެ ކުރިން އަލްހާން ފަހުމީ ވެސް ވަނީ ޖޭޕީން ވަކިވެވަޑައިގެންފަ އެވެ. މި ތިން މެންބަރުން ވަކިވެވަޑައިގަތުމުން މަޖިލީހުގައި މިހާރު ޖޭޕީ ތަމްސީލު ކުރައްވަނީ ގާސިމާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމްގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލް އެވެ. އެމްޑީޕީގެ މެމްބަރުންގެ އިތުރުން އެ އިސްލާހަށް ވޯޓު ދެއްވީ ޑީއާރުޕީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ އަހުމަދު ތަސްމީން އަލީ އާއި އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ ވިސާމް އަލީ އާއި ތަސްމީންގެ ކޮއްކޮ އަލިފުށީ ދާއިރާގެ މުހައްމަދު ނާޝިޒާއި އޭނާގެ އަނބިކަނބަލުން ތުލުސްދޫ ދާއިރާގެ ރޮޒައިނާ އާދަމާއި ހިތަދޫ މެދު ދާއިރާގެ ހަސަން ލަތީފާއި ކެލާ ދާއިރާގެ ޑރ. އަބްދުﷲ މައުސޫމާއި މަތިވެރީ ދާއިރާގެ ހުސައިން މުހައްމަދު އަދި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ މާފަންނު އަބްދުﷲ އަބްދުއްރަހީމް އަދި މިނިވަން މެމްބަރު ވެލިދޫ ދާއިރާގެ އަލީ މުހައްމަދު ވެސް އިތުބާރު ނެތްކަމުގެ ވޯޓް ސިއްރުކުރަން ތާއިދުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ