ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން އެމްޑީޕީގެ ތާއީދެއް ނެތް: ހިންގާ ކޮމިޓީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހަށް އެ ޕާޓީގެ ތާއީދެއް ނެތް ކަމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ދެންމެ ފާސްކޮށްފި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމާ ގުޅޭ އިސްލާހެއް ޝަރީފު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިގެން ނޫން ކަމަށް އެ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވި އެވެ. އެ އިސްލާހު ޝަރީފް އަމިއްލަ ގޮތުން ހުށަހަޅުއްވާފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި އިސްލާހުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިއުލާން ކުރެއްވި ފަހުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރުންނާ ބައްދަލުކުރައްވައި، އެ އިސްލާހު އަނބުރާ ގެންނަވަން އިއްޔެ އެދިވަޑައިގެންފަ އެވެ. އެކަމަކު "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އިސްލާހު އަނބުރާ ގެނައުމާ މެދު މެމްބަރުންގެ މެދުގައި ވެސް ޚިޔާލު ތަފާތުވި އެވެ. އެގޮތުން ބައެއް މެމްބަރުން ވިދާޅުވި ކަމަށް ވަނީ އިސްލާހު ނުގެނަޔަސް ޕީޕީއެމްގެ ތާއީދު ނެތި އެ ފާސްނުވާނެ ކަމަށެވެ. އަދި އިސްލާހު އަނބުރާ ނުގެނައުމަށް ޝަރީފަށް ބައެއް މެމްބަރުންގެ ތާއީދު ވެސް ލިބުނެވެ. އެގޮތަށް މެމްބަރުން ވިދާޅުވީ، ޕީޕީއެމުން އެ ބިލަށް ތާއީދުނުކުރާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. ރޭ އެމްޑީޕީން ބޭއްވި އެއްވުމެއްގައި ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ "އަތްޕުޅަށް ހެޔޮވަރަށް ސުޕްރީމް ކޯޓު ކޮށައި މަށާލުމަށް" ޕީޕީއެމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެމްޑީޕީގެ މެމްބަރަކު އެ އިސްހާލު ހުށަހެޅުއްވީ ކީއްވެގެން ކަމެއް ވިދާޅެއް ނުވެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ޝަރީފު ހުށަހެޅުއްވި އިސްލާހަށް އެ ޕާޓީގެ ތާއީދު ނެތް ކަމަށް ގައުމީ ހިންގާ ކޮމިޓީން ނިންމި ނަމަވެސް މީގެ ކުރިން އެމްޑީޕީގެ އިސް މެމްބަރުން ވަނީ ފަނޑިޔާރުންގެ އަދަދު މަޑުކުރަން ތަފާތު ފޯރަމްތަކާއި ޖަލްސާތަކުގައި އަޑު އުފުލައިފަ އެވެ. އިސްލާހު ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅުއްވީ އެމްޑީޕީން ވެސް ތާއީދުކުރާ ކަމަކަށް ވާތީ ކަމަށެވެ. އިބޫ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ވިސްނުމެއް ކުރިން ގެންގުޅުނަސް ފަހުން ވަނީ އެކަން މަޑުޖައްސާލައިފަ އެވެ. އަދި އެ މައްސަލާގައި ޕީޖީ ގްރޫޕުން ދެން އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ގައުމީ ހިންގާ ކޮމިޓީން ވަކި ގޮތެއް މިއަދު ނިންމުމުން ކަމަށް ވެސް އިބޫ ކުރިން ވިދާޅުވެފައިވެ އެވެ. ޝަރީފުގެ އިސްލާހު އަނބުރާ ގެނައުމަށް އެމްޑީޕީގެ ލީޑަޝޕުން، ހާއްސަކޮށް ނަޝީދު ގެންދެވީ ޝަރީފަށް "މަޖުބޫރު ކުރައްވަމުން" ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރަކު "ހަވީރަ"ށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ