"ގާސިމް އެދިވަޑައިގަންނަވަނީ ޕީޕީއެމާއި އެމްޑީޕީން ދޮގު ނުހަދަން"

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެފައިވާ ކަމަށް ބުނެ ޕީޕީއެމްގެ ދެ ޑިޕިއުޓީ ލީޑަރުން ކަމަށްވާ އަބްދުއް ރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު މީޑިއާގައި ދައްކަވާފައިވާ ވާހަކަފުޅުތައް ގާސިމް ދޮގު ކުރައްވައިފި އެވެ.
އަދީބާއި އަބްދުއް ރަހީމްގެ ވާހަކަތައް ގާސިމް ދޮގު ކުރެއްވީ އެ މަނިކުފާނުގެ ތަރުޖަމާނު ހޯރަފުށީ އިބްރާހިމް ހަލީލް މެދުވެރި ކުރައްވައި މިރޭ ވީނިއުސްގެ މޮބައިލް ހޮޓްލައިނަށް ފޮނުއްވީ ދިގު އެސްއެމްއެސްއަކުންނެވެ.
ހަލީލް ވިދާޅުވީ ސިޔާސީ އެއްވެސް ބޭފުޅެއް ގާތުގައި އަދި ޕީޕީއެމްގެ ލީޑަރުން ގާތުގައި ވެސް އެފަދަ އެއްވެސް ވާހަކަފުޅެއް ވިދާޅުވެ ގާސިމް ކޮމިޓްމެންޓެއް ދެއްވާފައި ނުވާނެ ކަމަށާއި އެއްވެސް މިންވަރަކަށް އެއްވެސް ޕާޓީއަކަށް ދެވަނަ ބުރުގައި ތާއީދުކޮށް ކެމްޕޭން ކޮށްދެއްވުމަށް ނިންމަވައި މަޝްވަރާ ކުރައްވާފައި ވެސް ނުވާ ކަމަށެވެ. އެފަދަ ވަހަކަތަކެއް އެއްވެސް ޕާޓީއަކުން ވެސް އަދި ސިޔާސީ ބޭފުޅަކު ދައްކަވާ ނަމަވެސް އެއީ ވަރަށް ބޮޑު ދޮގެއް ކަމަށެވެ.
"[މިނިސްޓަރު] އަދީބާއި [މެންބަރު] އަބްދުއް ރަހީމް އެބައޮތް ހަވީރަށް ވިދާޅުވެފައި ގާސިމް ހުންނެވީ ދެވަނަ ބުރުގައި ޕީޕީއެމަށް ތާއީދުކުރައްވަން ނިންމަވައިގެން ކަމަށް ވިދާޅުވެފައި. އަދި ގާސިމް އެކަމަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް. އެހެން ނަމަވެސް އެއީ ވަރަށް ބޮޑު ދޮގެއް. އަދި ވަރަށް ބޮޑު އޮޅުވާލުމެއް! އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ދައްކަވާފައިވާ ވާހަކަތަކެއް،" ހަލީލް ވިދާޅުވި އެވެ. "ހަގީގަތަކީ އެބޭފުޅުން، ޕީޕީއެމުން [ގާސިމާ] ވާހަކަ ދައްކަވާ، އެކަމަށް ގާސިމް އަރިހުން އެދިވަޑައިގަންނަވާ. އަދި އަނެއް ޕާޓީން ވެސް [އެމްޑީޕީން] އިން ވެސް ހަމަ އެގޮތަށް އެދި ވަޑައިގަންނަވާ،"
ހަލީލް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓަށް ފަހު ޖުމްހޫރީ ގުޅުމުންނާއި އާންމުން އެތައް ބަޔަކު ފެންމަތި ކުރިވި ގިނަ މައްސަލަތަކާއެކު ގާސިމް ތަކުރާރުކޮށް ވިދާޅުވާ ހަމައެކަނި ވާހަކަފުޅަކީ ޖުމްހޫރީ ގުޅުމުން އިންތިހާބީ ޝަކުވާގެ ގޮތުގައި އިލެކްޝަނަށާއި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ސާފުވެ ކޮޅެއްގައި ޖެހި، އިންސާފު ލިބެންޖެހޭ ފަރާތްތަކަށް އިންސާފު ލިބުމަށްފަހުގައި ނޫނީ އެއްވެސް އެހެން ކެންޑިޑޭޓަކަށް ނުވަތަ އިންތިހާބުގެ ދެވަނަ ބުރަކާމެދު ވިސްނަވާ ވަޑައި ނުގަންނަވާ ކަމަށެވެ.
ހަލީލް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެންބަރުންގެ އިތުރުން މުޅި ޖުމްހޫރީ ގުޅުމަށް ނިސްބަތްވާ 65،000 މެންބަރުން ހިމެނޭއިރު އެތައް ބައެއްގެ ހައްގަށް އިންސާފުވެރި ނިމުމެއް އަންނަން ޖެހޭ ކަމަށް ގާސިމް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެ އިންސާފު ލިބޭއިރު 70،000 އަށް ވުރެ ގިނަ ވޯޓާއެކު އެމަނިކުފާނު ހުންނަވާނީ ރޭހުގެ ކުރީގައި ކަމަށެވެ.
"އެހެންވީމަ އެމަނިކުފާނު އެހެން ބަޔަކަށް އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ނިންމަވާ އެވާހަކަފުޅު ދައްކަވާނެ ތަނެއް އަދިއެއް ނެތް. ނުވެސް ދައްކަވާ. އެގޮތަށް ބަޔަކު ވިދާޅުވާނަމަ އެއީ ވަރަށް ބޮޑު ދޮގެއް. އަނެއްކާ ގާސިމް ވިދާޅުވާ ވާހަކަފުޅު ވަރަށް ސާފު. އެމަނިކުފާނު ވިދާޅުވެފައި އެބައޮތް [އިންތިހާބާ ގުޅިގެން] ފެންމަތިވެފައި ހުރި ބޮޑެތި ބޮޑެތި އެތައް މައްސަލަތަކެއްގެ ހަގީގަތް ސާފުވާން ޖެހޭ ކަމަށް. އެކަން ނިމި ގާނޫނީ އިމުގެ ތެރެއިން ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް އެ ބޭފުޅަކު ބަލައި ގަންނާނެ ކަމަށް،" ހަލީލް ވިދާޅުވި އެވެ.
ހަލީލް އަދި ވިދާޅުވީ އިންތިހާބާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވަމުން ނާޒުކުވަމުން އަންނަ ދަނޑިވަޅެއްގައި އެންމެން ތިއްބާ ޕީޕީއެމާއި އެމްޑީޕީން އެބާވަތުގެ ވާހަކަތައް ފެބްރިކޭޓް ކުރައްވައި މީޑިއާގައި ފަތުރައިލުމަކީ "ބޮމެއް ގޮއްވާލުން" ކަމަށާއި އެގޮތަށް ކަންކަން ނުކުރެއްވުމަށް ގާސިމް އެދިވަޑައިގަންނަވާ ކަމަށެވެ.
ބައެއް ނޫސްތަކުގައި އަދީބާއި އަބްދުއް ރަހީމާ ހަވާލާދީ މިއަދު ބުނެފައި ވަނީ ޕީޕީއެމާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ގާސިމް ވިދާޅުވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ