ނައިފަރާ ހިންނަވަރު ބްރިޖަކުން ގުޅައިލާނަން: ގާސިމް

ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ޅ. އަތޮޅުގައި އާބާދީ އެންމެ ބޮޑު ދެރަށް ކަމަށްވާ ނައިފަރާ ހިންނަވަރު ބްރިޖަކުން ގުޅައިލާނެ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ގުޅުމުން މިރޭ ޅ. އަތޮޅު ނައިފަރުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ހިންނަވަރާ ނައިފަރާ ދެމެދު އަޅާ ބްރިޖް، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭ އަޅާ ނިންމާނެ ކަމަށާއި ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި މުޅި ރާއްޖޭގައި އަރަބި އިސްލާމް ކިޔަވައިދޭ ހަތަރު މަރުކަޒެއް ބިނާކުރާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދުގެ ތެރެއިން އެއް މަރުކަޒު ބިނާ ކުރައްވާނީ ރަށަކީ ނައިފަރު ކަމަށެވެ. ނައިފަރު ބަނދަރު ހެދުމުގެ މަސައްކަތް 2014 ފަށާނެ ކަމަށާއި، އެ ބަނދަރު ވެގެންދާނީ ފެންވަރުގެ ގޮތުން އެންމެ ރަނގަޅު ބަނދަރު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހިންނަވަރާއި ނައިފަރުގެ ކައިރީގައިވާ ސިނާއީ ރަށް ފެލިވަރުގެ މަސް ފެކްޓަރީ މުޅިން އަލަން ބިނާކޮށް ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި އެތަނުގައި 100 މެޓްރިކް ޓަނުގެ މަސް ބަންދުކުރެވޭ ވަރުގެ ފެކްޓަރީއެއް އަޅުއްވާނެ ކަމަށާއި ފެލިވަރުގެ ބިން ހިއްކާ އެރަށުގައި އެއާޕޯޓެއް ގާއިމްކޮށް އެ ސަރަހައްދަށް ބޮޑު ތަރައްގީއެއް ގެންނަވާނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވަމުން ގާސިމް ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެތައް އަމަލެއް ހިންގާފައިވާ ކަމަށާއި، ނަޝީދުގެ ވެރިކަމުގައި އިސްލާމްދީނަށް ނިކަމެތިކަން ލިބޭ ގޮތަށް އަމަލުކޮށް ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާއިރު ނަޝީދުގެ ވެރިކަމުގައި ހިޔާނާތުގެ ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށެވެ.
މިރޭގެ ޖަލްސާގައި ގާސިމް ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ޔާމީން ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި ހުންނަވަނިކޮށް މަޖިލީހަށް ހުށަހެޅުއްވި އެއްވެސް ބަޖެޓެއް ފާސްކުރެއްވުމަށް ވޯޓް ދެއްވާފައި ނުވާއިރު ޔާމީންގެ އަރިސް ބައެއް ބޭފުޅުން ވެސް އެ އަހަރު ތަކުގައި ބަޖެޓަށް ވޯޓް ދެއްވާފައި ނުވާ ކަމަށެވެ.
އަދި ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނަށް ނާކާމިޔާބުވެވަޑައިގެންނެވީ ޔާމީންގެ ސަބަބުން ކަމަށާއި، ރައީސް މައުމޫނުގެ މިއަދުގެ ނިންމެވީ ސިޔާސީ ގޮތުން ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ