އީރާނުގައި ދޭ މަރުގެ އަދަބު އިތުރުވާތީ ޝަހީދު ކަންބޮޑުވުން ފާޅު ކުރައްވައިފި

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 30) - އީރާނުގައި މީހުންގެ މައްޗަށް ތަންފީޒު ކުރާ މަރުގެ އަދަބުތައް އިތުރުވަމުންދާތީ، އދ. އިންސާނީ ހައްގުތަކާ ބެހޭ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ. ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ޝަހީދު ވިދާޅުވީ ވޭތުވެދިޔަ 15 މަސް ދުވަހުގެ ތެރޭ އީރާނުގައި 850 މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވާ ކަމަށެވެ. ޑރ. ޝަހީދު ސިފަކުރެއްވި ގޮތުގައި އާބާދީން ބޮލަކަށް ޖެހޭ ނިސްބަތަށް ބަލާއިރު އީރާނަކީ އެންމެ ގިނައިން މަރުގެ އަދަބު ދޭ ގައުމެވެ. "އީރާނުގައި މަރުގެ އަދަބު ތަންފީޒު ކުރަމުން ދަނީ ހައިރާންވާހާ ގިނައިން. ބޭރުގެ ޖަމާއަތަކަށް އެހީއެއް ދިން މީހެއްގެ މައްޗަށް ވެސް މަރުގެ އަދަބު ތަންފީޒު ކުރި ތަން ފެނިގެން ހިނގައްޖެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވި އެވެ. އދ.ގެ ރެޕަޓުއާ ވިދާޅުވީ ރޭޕް ކުރަން އުޅުނު މީހަކު މަރާލި ކަމުގެ ތުހުމަތުގައި އުމުރުން 26 އަހަރުގެ ރައިހާނާ ޖައްބާރީގެ މައްޗަށް މަރުގެ ހުކުމް ދާދި ފަހުން ތަންފީޒް ކުރުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ. ޖައްބާރީގެ ޝަރީއަތުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދާ އެތައް ފަހަރަކު އެ މައްސަލަ ނަންގަވާފައިވާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ. ޑރ. ޝަހީދު ވަނީ އީރާނުގެ އިންސާނީ ހައްގުތަކާ ބެހޭ ރިޕޯޓް އދ. ގެ ޖެނެރަލް އެސެމްބްލީ އަށް ހުށަހަޅުއްވައިފަ އެވެ. ޝަހީދުގެ ރިޕޯޓުގައި ވަނީ އީރާނުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްސަލަ ވެސް ސަމާލު ކަމަށް ގެންނަވައިފަ އެވެ. މި ގޮތުން މިހާރު ވެސް 35 ނޫސްވެރިން ޖަލުގައި ތިބިކަން ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި އީރާނުގެ ޔުނިވާސިޓީތަކަށް ދާ އަންހެނުންގެ އަދަދު މަދުވަމުން އަންނަކަން ވެސް ޝަހީދުގެ ރިޕޯޓުގައި ވަނީ ހިމަނުއްވައިފަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އީރާނުގައި ވަނީ 852 މީހުންގެ މައްޗަށް މަރުގެ އަދަބު ދީފަ އެވެ. ޑރ. ޝަހީދު ވިދާޅުވީ މެދުމިނުގެ ސިޔާސަތަކަށް ތާއިދު ކުރައްވާ ހަސަން ރޫހާނީ އީރާނުގެ ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއްވީ އިރު ވެސް، އިންތިހާބުގެ ވައުދާ އެއްގޮތަށް އިންސާނީ ހައްގުތައް ރައްކާތެރިކޮށްދެވިފައި ނުވާ ކަމަށެވެ. ޑރ. ޝަހީދު ވިދާޅުވީ ރޫހާނީގެ އިންސާނީ ހައްގުތަކުގެ އެޖެންޑާ ތަންފީޒް ކުރަން ސިޔާސީ ގޮތުން އޭނާ އަށް ވާގިވެރިކަން ލިބިފައި ނުވާ ކަމަށެވެ. އީރާނަށް ކަނޑައަޅާފައިވާ އިންސާނީ ހައްގުތަކާ ބެހޭ ރެޕަޓުއާގެ މަގާމަށް 2011 ވަނަ އަހަރު ހަމަޖެއްސި ފަހުން އެ ގައުމަށް ވަޑައިގަތުމުގެ ފުރުސަތު ޑރ. ޝަހީދަށް ތަނަވަސްކޮށްދީފައެއް ނުވެ އެވެ. އެހެންނަމަވެސް ޑރ. ޝަހީދު ވަނީ ސްކައިޕް މެދުވެރިކޮށް އީރާނުގެ 400 އަށް ވުރެ ގިނަ މީހުންނާ ބައްދަލުކޮށް އަދި ފޯނުގެ ޒަރިއްޔާ އިން ޖަލު މީހުންނާ ވެސް ވާހަކަ ދައްކަވައިފަ އެވެ. އީރާނުން އިންސާނީ ހައްގުތަކާ ޚިލާފުވަމުންދާތީ އެކަން ކުށްވެރިކޮށް ކެނެޑާ އާއި އެހެން ބައެއް ގައުމުތަކުން ހުށަހެޅި ގަރާރަށް ޖެނެރަލް އެސެމްބްލީގައި އަންނަ މަހު ވޯޓަށް އަހާނެ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ