ފަނޑިޔާރުން އެކިއެކި ފަރާތްތަކަށް ޖަވާބުދާރީކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް: ސުޕްރީމް ކޯޓް

ފަނޑިޔާރުން އެކިއެކި ފަރާތްތަކަށް ޖަވާބުދާރީކުރުވުމަށް މަސައްކަތްކުރުމަކީ ގާނޫނުއަސާސީ އާއި ޑިމޮކްރެޓިކް އުސޫލްތަކާ ހިލާފު ކަމެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބަލާ ތިން ފަނޑިޔާރުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް މާދަމާ ހާޒިރުކުރުމަށް ނިންމާފައިވަނިކޮށް، ސުޕްރީމް ކޯޓުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރުން އެކިއެކި ފަރާތަކަށް ޖަވާބުދާރީކުރުވުމަކީ ތިން ބާރުވަކިކޮށްފައި އޮތުމުގެ އުސޫލުތަކާއި މިނިވަން މުސްތަގިއްލު ފަނޑިޔާރުގޭގެ ތަސައްވުރާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. "އަދި ދީމްޤުރާޠީ މުޖްތަމަޢެއްގައި އެއްވެސް ޙާލެއްގައި ހުއްދަނުކުރެވޭނޭ ކަމަކަށްވާތީ، މިކަން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ހިނގާ ސަރަޙައްދުގެ ތެރޭގައިވާ އެންމެހައި ފަރާތްތަކާއި ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ދިވެހި ދައުލަތުގެ އެކިއެކި ކަންކަމާ ޙަވާލުވެތިބި އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މި ފުރުޞަތުގެ ބޭނުން ހިފީމެވެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ. ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްވެސް ބާރަކަށް އަނެއްބާރެއްގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި ދިވެހި ދައުލަތަކީ ތިންބާރުގެ މަސްއޫލިއްޔަތާއި ހުދޫދު ވަކިކުރެވި ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ދައުލަތެއް ކަމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާ އާއި ހަ ވަނަ މާއްދާ އާއި ހަތް ވަނަ މާއްދާއިން އެނގޭ ކަމަށް ބަޔާނުގައިވެ އެވެ. ދައުލަތުގެ ބާރުތައް ހިންގަން ވާނީ ގާނޫނުއަސާސީގައި ވާގޮތުގެ މަތިން ކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އަދްލު އިންސާފު ގާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ކަމަށް ވެސް ބަޔާނުގައިވެ އެވެ. ފަނޑިޔާރުންނަކީ މުސްތަގިއްލު ބައެއް ކަމަށާއި ފަނޑިޔާރުން މަސައްކަތް ކުރާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުން ނުވެ ކަމަށް ގާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އަދި އެއްވެސް ފަރާތަކުން ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެކަމަށާއި ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތް ކޮށްދޭން ވާނެކަމަށް ގާނޫނުއަސާސީގެ 141 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ. ފަނޑިޔާރުން ހާޒިރުކުރަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީން ނިންމި ނަމަވެސް އެ އަމުރު އެ ބޭފުޅުންނަށް ފޮނުވާކަށް މަޖިލީހުގެ ރިޔާސަތު އަދި ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ