ފަހުމީ ވަކިކުރީ ގާނޫނު އަސާސީ އާ ހިލާފަށް ކަމަށް ސުޕްރިމް ކޯޓުން ނިންމައިފި

ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ މެމްބަރު ކަމުން ވަކިކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ސްޕްރީމް ކޯޓުގެ ހުކުމް އިއްވަމުން ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފަހުމީ ވަކިކުރަން ނެގި ވޯޓުގެ ކުރިން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އެމައްސަލަ ބަލާފައިވަނީ އިޖުރާއީ ގޮތުން ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. ގާނޫނުއަސާސީގައި ކޯޓަކުން ކުށެއް ކުރިކަން ސާބިތުނުވާ ކޮންމެ މީހަކީ ކުށްވެރިއެއް ނޫންކަމަށާއި އެކޮމެޓީން ފަހުމީގެ ޖިނާއީ މައްސަލައެއް ބެލި ކަމުގައިވިޔަސް އަދި އެމައްސަލައާއި ގުޅިގެން ފަހުމީ ވަކިކޮށްފައިވާއިރު ގާނޫނުއަސާސީން ކޮންމެމީހަކަށްވެސް ކުށުން ދިފާއުވުމުގެ ހައްގު ލިބޭ ކަމަށެވެ.
މީގެއިތުރުން މަޖިލިހުން ފަހުމީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ވަކިކޮށްފައިވާއިރު ފަހުމީއަށް އެއްކުށަށް ދެ އަދަބު ލިބުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެއީ އޭނާގެ މައްޗަށް ތުހުމަތުކުރާ ޖިނާއީ ކުށް ފުލުހުން ތަހުގީގުކޮށް ދައުލަތުގެ ޕްރޮސެކިއުޓަރ (ޕީޖީ)ގެ އޮފީހުން އެމައްސަލައިގެ ދައުވާ ކޯޓުގައި އުފުލުމުގެ ފުރުސަތު އެބައޮތްކަމަށާއި އެހެންކަމުން ފަހުމީއަށް އެއް ކުށަށް ދެއަދަބެއް ލިބުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
އަދި އެއްވެސް މީހެއްގެ ހައްގަކަށް އެއްވެސް މުއައްސަސާއަކަށް އަރައި ނުގަނެވޭނެ ކަމަށާއި ކޮންމެ މުއައްސަސާއަކުންވެސް ކަންކަން ނިންމަންޖެހޭނީ އަދުލްވެރި ކަމާ އިންސާފާއެކު ކަމަށެވެ. އަދި ކަންކަން ނިންމުމުގައި އެއްވެސް މީހެއްގެ ހައްގެއް ނުގެއްލޭގޮތަށް ހަމަހަމަ ކަމާއެކު އިންސާފު ގާއިމު ކުރުމަކީ ގާނޫނުއަސާސީން ހުރިހާ މުއައްސަސާއެއްގެ މައްޗަށް ލާޒިމު ކުރާކަމެއްކަމަށެވެ. އަދި ސްޕްރީމް ކޯޓަކީ ގާނޫނުއަސާސީ ނަގަހައްޓާ ގާނޫނުއަސާސީ މާނުކުރުމުގެ އެންމެ އިސްފަރާތް ކަމަށާއި އެހެންކަމުން އެންމެ ފަހުބަސް ބުނާ ފަރާތަކީ ސްޕްރީމް ކޯޓު ކަމަށެްވެސް ސްޕްރީމް ކޯޓުގެ ހުކުމުގެ ބަޔާނުގައިވެއެވެ.
ފަހުމީ ސީއެސްސީ މެމްބަރު ކަމުން ވަކިނުވާކަމަށް ނިންމާފައިވަނީ ސްޕްރީމް ކޯޓުގެ 6 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ރައުޔު ހަމައެކަނި ތަފާތުވާ ފަނޑިޔާރަކީ މުއަތަސިމް އަދުނާން އެވެ. ފަނޑިޔާރު މުއަތަސިމް އަދުނާނު ރައުޔުގައި މައިގަނޑުގޮތެއްގައި ވަނީ ފަހުމީ ވަކިކުރުމުގެ ފުރިހަމަ ބާރު މަޖިލީހަށް ލިބޭކަމަށެވެ. އަދި މަޖިލީހުން ނިންމާފައިވާ އެނިންމުމަކީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފު ނިންމުމެއް ނޫންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ