އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ ރައްޔިތުން ނިކުމެ ފޮއްދޫ ކައުންސިލް ބަންދުކޮށްފި

އެކަށީގެންވާ މިންވަރަށް އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ ރައްޔިތުން ނިކުމެ ނ. ފޮއްދޫ ކައުންސިލް އިދާރާ ބަންދުކޮށްފިއެވެ.
ފޮއްދޫ ކައުންސިލްގެ ރައީސް މުހަންމަދު ސަނީ ވިދާޅުވީ ކައުންސިލް ބަންދު ކޮށްފައިވަނީ މިއަދު ހެނދުނު ކަމަށެވެ. އަދި އެބޭފުޅުން އެދެމުން އަންނަ ކަންކަމަށް އެކަށީގެންވާ ޖަވާބެއް ނުލިބެނީސް، ކިތަންމެ ދުވަހެއް ވީނަމަވެސް ކައުންސިލް ނުހުޅުވޭނެ ކަމަށް ބުނެފައިވާ ކަމަށްވެސް ސަނީ ވިދާޅުވިއެވެ.
"އަސާސީ ހިދުމަތްތައް ނުލިބޭކަމަށް ބުނެ މިއަދު ހެނދުނުން ފެށިގެން ކައުންސިލް ބަންދުކުރީ. އެމީހުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ މިރަށުގެ ބަނދަރު ހަދާދޭނެކަމަށް ސަރުކާރުން ބުނެ، އެކަން ނުވެ ދިގުލައިގެން ދިއުން. މިކަމާއި ގުޅިގެން މިރަށުގެ ގިނަ އަދަދެއްގެ ބަޔަކު ހައުސިން މިނިސްޓްރީއަށްވެސް ދިޔަ. ނަމަވެސް އަދިވެސް އެކަމަށް އެކަށީގެން ޖަވާބެއް ނުލިބޭ،" ސަނީ ވިދާޅުވިއެވެ.
ސަނީ ވިދާޅުވީ މިދިޔަ ޑިސެންބަރު މަހުގައިވެސް ރައްޔިތުން ނިކުމެ ކައުންސިލް ބަންދު ކުރި ކަމަށެވެ. އެފަހަރު ކައުންސިލް ބަންދުކުރީ އެރަށުގެ ހެލްތް ޕޯސްޓަށް ޑޮކްޓަރެއް ގެނައުމަށް އެދި ކަމަށެވެ. އަދި ކައުންސިލް ހުޅުވީ އަތޮޅު ހޮސްޕިޓަލުން މަހަކު ދެފަހަރު ޑޮކްޓަރެއް އެރަށަށް ފޮނުވާނެ ކަމަށް ބުނެ ސިޓީއެއް ފޮނުވުމުން ކަމަށާއި ނަމަވެސް މިހާތަނަށް އައި އިރުވެސް އެކަން ވެފައި ނުވާ ކަމަށެވެ.
"އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ސޮއި ކޮށް އެ ސިޓީ ފޮނުވީ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެކަމެއް ނުވޭ. އެހެންވެ އެކަމަށްވެސް ރައްޔިތުން އެބަ ޑިމާންޑް ކުރޭ. އެކަން ނުވެ އުޅެނީ ކީއްވެކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އަތޮޅު ކައުންސިލާއި ގުޅިގެން މިމައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސް އޮފީސް ހުޅުވުމުގެ މަސައްކަތް ކުރަމުން މިދަނީ،" ސަނީ ވިދާޅުވިއެވެ.
ފަހަކަށް އައިސް ރައްޔިތުން ނިކުމެ ކައުންސިލްތައް ބަންދުކުރުން ވަނީ އާންމުވެފައެވެ. އެގޮތުން ބައެއް ރަށްރަށުގެ ސަރުކާރުގެ ހުރިހާ އިދާރާއެއް ބަންދުކޮށް މަހަކަށްވުރެ ގިނަދުވަސްވެސް ވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ