އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ އަޑުއެހުމުން ބޭރުކޮށްލައިފި އެވެ.
ސުއޫދު މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުން މަނާކޮށްފައިވާ ކަމަށާއި، އެހެންކަމުން އެމްޑީޕީއާ ގުޅެން ނިންމާފައިވާ ކަމަށެވެ.
އަދި މިހާރު އޭނާ ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ. އެމްޑީޕީގެ އޮފީހުގައި މީގެ ކުޑައިރުކޮޅެއް ކުރިން އޮތް ބައްދަލުވުމެއްގައި ސުއޫދު ސޮއިކުރެއްވިއިރު އަރިހުގައި އެޕާޓީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އިންނެވި އެވެ.
ސުއޫދު އެމްޑީޕީއަށް މިއަދު ސޮއިކުރައްވާފައިވާއިރު، އޭނާ މީގެ ކުރިންވެސް އެމްޑީޕީއަށް ސޮއިކުރައްވާ އެޕާޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.
ދައުލަތުގެ ބަންޑާރަނައިބް ކަމާއި މަދަނީ ކޯޓުގެ އިސް ގާޒީ ކަން ކުރައްވާފައިވާ ސުއޫދަކީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ އައްޑުއަތޮޅު މެންބަރު ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ހުސްނުއްސުއޫދަކީ އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައީސް މައުމޫންގެ ވެރިކަމުގައި ބަންޑާރަނައިބު ކަން ކުރައްވާފައިވާ ޑރ. މުހައްމަދު މުނައްވަރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެކެވެ.
ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ޖުމްހޫރީ ޕާޓީން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ސުއޫދު މިއަދުގެ އަޑުއެހުމުން ބޭރުކުރި ސަބަބެއް އަދި ސާފުވެފައި ނުވާއިރު، ސުއޫދަކީ މިމައްސަލައިގައި ދައުވާ ލިބޭ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލެވެ.
ދައުލަތުގެ ބަންޑާރަނައިބު ކަންވެސް ކުރިން ކުރައްވާފައިވާ ހުސްނުއްސުއޫދު ކޯޓުގެ މިއަދު އަޑުއެހުމުން ބޭރުކުރައްވާފައިވަނީ ރިޔާސީ އިންތިހާބު ފަސްކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރާއި ގުޅިގެން އެކަމަށް ސުއޫދު ފާޑު ވިދާޅުވެފައިވާތީ ކަމަށް ބެލެވެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ސުއޫދު ރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ އަމުރަކީ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް އަމުރެއް ކަމަށާއި، އަދި އެއީ ގާނޫނު އަސާސީއާ ޚިލާފު އަމުރެއް ކަމަށެވެ.
ކޯޓުން ސަސްޕެންޑް ކުރުމުން ސުއޫދު އެމްޑީޕީއާ ގުޅިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ