ކުރީގެ އޭސީޕީ އަބްދުﷲ ރިޔާޒުގެ އިންޓަވިއު: "އަޅުގަނޑު ވަޒީފާ އިން ވަކިކުރީ ފުލުސް ކޮމިޝަނަރާއި ހޯމް މިނިސްޓަރުންނަށް ޕްރެޝަރު ބޮޑުވެ ކޮމިޝަނާގެ ވަޒީފާ ގެއްލޭ ހިސާބުން"

ފުލުހުންގެ ވަޒީފާ އިން ވަކިކުރީ މި ސަރުކާރާއި ސަރުކާރަށް ނިސްބަތްވާ ބޭފުޅުން، ސިޔާސީ ބޭނުމެއްގައި ހޯމް މިނިސްޓަރުންނަށާއި ޕޮލިސް ކޮމިޝަނާ އަށް ޕްރެޝަރު ކުރައްވައިގެން ކަމަށް ފުލުހުންގެ ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒް ވިދާޅުވީ 2008 ގައި ސަރުކާރު ބަދަލުވެ، ނޮވެމްބަރުން ފެށިގެން އޭޕްރީލާ ހަމައަށް ވަރަށް ޕްރޮފެޝަނަލްކޮށް ވަޒީފާގެ ވާޖިބުތައް އަދާކުރައްވާފައިވާނެ ކަމަށެވެ.ނަމަވެސް އޭނާ ވަޒީފާ އިން ވަކިކުރެއްވީ އޭނާ ފުލުހުންގެ ވަޒީފާގައި ބެހެއްޓުމަކީ މިހާރުގެ ސަރުކާރާއި ސިޔާސީ ބޭފުޅުން ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާ ކަމަކަށްވެ، އޭނާ ވަޒީފާ އިން ވަކިކުރަން ހޯމް މިނިސްޓަރުންނަށާއި ޕޮލިސް ކޮމިޝަނާ އަހުމަދު ފަސީހަށް ޕްރެޝަރު ބޮޑުވެފައި އޮތް ދަނޑިވަޅުގައި، މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފުރުސަތު ހޯއްދަވައިގެން ކިޔަވާ ވިދާޅުވަން ހުންނަވަނިކޮށް ކަމަށެވެ. "ދެހާސް އަށް ވަނަ އަހަރުގެ ނޮވެމްބަރުން 2009ގެ އޭޕްރީލާ ހަމައަށް ހޭދަކުރި މުއްދަތުގައި އަޅުގަނޑަށް އެނގުނު އަޅުގަނޑު ވަޒީފާގައި ބެހެއްޓުމަކީ މި ސަރުކާރުން އެހާ ހިތްޕުޅު ހަމަޖެހިވަޑައި ގަންނަވާ ކަމެއް ނޫންކަން. އަޅުގަނޑު ވަކިކުރަން ހޯމް މިނިސްޓަރާއި ކޮމިޝަނާއަށް ޕްރެޝަރު ކުރައްވަމުން ދިޔައީ. އެކަންކަން އެހެން ހުރުމުން ކިޔެވުމަށް ފުރުސަތު ހޯދީ،" ރިޔާޒު ވިދާޅުވި އެވެ. "ހާއްސަކޮށް އޭރު ޕޮލިސް ކޮމިޝަނާ އަށް ގެންދެވީ ވަރަށް ބޮޑަށް ޕްރެޝާކުރައްވަމުން."ރިޔާޒް ވިދާޅުވީ މިދިޔަ އަހަރު ފެބްރުއަރީ ހިސާބުގައި ސްކޮލާޝިޕް ޕްރޮގްރާމެއް ފުލުހުން އިއުލާން ކުރުމުން އޭނާ އަށް އެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. މާސްޓާސް އަށް ކިޔަވައި ވިދާޅުވަން ވަޑައިގަތުމަށް ޕޮލިސް ސްކޮލަޝިޕް ބޯޑުން ފުރުސަތު ދެއްވުމުން ކިޔަވައި ވިދާޅުވާން ވަޑައިގަތީ ތިން އަހަރުގެ ބޮންޑެއްގައި ސޮއިކުރައްވާފައި ކަމަށެވެ. އޭރު ވެސް އޭނާ ވަޒީފާ އިން ވަކިކުރުމުގެ ޕްރެޝަރު ސިޔާސީ ފަރާތްތަކުން ކޮމިޝަނާ އަށާއި ހޯމް މިނިސްޓަރުންނަށް ކުރައްވަމުން ގެންދެވީ ސިޔާސީ ޕްރެޝަރުތައް އެ ގޮތުގައި އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.  "އަޅުގަނޑުގެ ވަރަށް ގާތް ކޮލީގެއް މިހާރު ކޮމިޝަނާ ފަސީ [އަހުމަދު ފަސީހު] އަކީ. އަޅުގަނޑު ބޭނުމެއް ނުވޭ ކޮމިޝަނާއަށް އުނދަގޫފުޅުވާ ގޮތަކަށް އަޅުގަނޑުގެ ކަމެއް ބާއްވާކަށް. ކޮމިޝަނާއަށް އުނދަގޫވާ މީހަކަށް އަޅުގަނޑުވާކަށް. ކިޔަވަން ދާން ނިންމީ ވެސް އަޅުގަނޑު ހުރުމުގެ ސަބަބުން ފަސީހަށް އުނދަގޫ ވެދާނެތީ އާއި އަޅުގަނޑު ހުރުމުގެ ސަބަބުން ސިޔާސީ ބޭފުޅުން ވެސް ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާތީ،" ރިޔާޒް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ވަޒީފާ އިން ވަކިކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންދަވަން ކޮމިޝަނާއަށް ޖެހިވަޑައިގަތީ އެމަނިކުފާނުގެ ވަޒީފާ ވެސް ގެއްލޭ ހިސާބުން ކަމަށެވެ.  އެސިސްޓެންޓް ކޮމިޝަނާ އޮޕް ޕޮލިސްގެ މަގާމުން ރިޔާޒު ވަކިކުރެއްވެވީ ޖެނުއަރީ 26، 2010 ގަ އެވެ. އެނާ ވަކިކުރެއްވެވީ ޑިޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ފަޔާޒު މަގާމުން ވަކިކުރެއްވުމަށް ފަހު އެހެން ވަޒީފާއެއް ދެއްވެވިތާ ހަފުތާއެއް ފަހުންނެވެ."އަޅުގަނޑު ކިޔަވަން ހުއްޓާ އައީ ޓާމިނޭޝަން ލެޓާ، އޭގައި އޮންނަނީ އަޅުގަނޑު ކިޔަވަން ދިއުމުގެ ކުރިން އަޅުގަނޑު ޝެއާ އޮންނަ ކުންފުންޏެއްގެ މައްސަލައެއް ފުލުސް އޮފީހަށް ހުށަހެޅުމާ ގުޅިގެން، (އެ މައްސަލައިގެ ހަބަރުތައް މިޑިޔާ އިން ވެސް ފަތުރާފައިވޭ) އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުން ވަޒީފާ އިން ވަކި ކުރީ ކަމަށް." ރިޔާޒު ވިދާޅުވި އެވެ. "އަދި ވަޒީފާ އިން ވަކިކުރުމުގެ މާ ކުރިން އަޅުގަނޑު ކިޔަވަމުންދިޔަ ސްކޮލާޝިޕްގެ ކަންތައް ހުއްޓުވާލައްވައިފި. ޓިއުޝަން ފީ ދައްކަން ހަމަޖައްސާފައި އޮތް އޮތުމަށް އަމަލު ނުކޮށް، ޑިލޭ ކުރައްވާ އަޅުގަނޑު ޔޫކޭއަށް ދަތުރުކުރަން ހަމަޖެހިފައި އޮތްއިރު އެކަން ވެސް ނުކޮށް ދިޔައީ. އަޅުގަނޑުގެ އަތުގައި ހުންނާނެ އެ ހުރިހާ ޑޮކިއުމެންޓެއް. ފުލް ސްކޮލާޝިޕް އެވޯޑު ކުރިކަމަށް. އެކަމަކު އަޅުގަނޑު އެކަންކަމާ ތެޅިފޮޅި މިޑިޔާއަށް އަރާ އެކަންކުރަން ބޭނުން ނުވީ. ފުރަތަމަ ބޭނުންވީ އަޅުގަނޑުގެ ކުށެއް ނެތްކަން ސާބިތު ކުރަން."ރިޔާޒް ވިދާޅުވީ ސަރުކާރުން އޭނާގެ މައްޗަށް ތުހުމަތު ކުރި މައްސަލައިގެ ޝަރީއަތް ކޯޓުގައި ނިމި އޭނާގެ އެއްވެސް ކުށެއް ނެތް ކަން މިހާރު ޝަރީއަތުގައި ސާބިތުވެފައިވާ ކަމަށާއި އިސްތިއުނާފުގެ 90 ދުވަސް ވެސް ނިމިގެން ހިނގައްޖެ ކަމަށެވެ."ސަރުކާރަކުން އެޕީލެއް ނުކުރޭ އެހެންވީމާ އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުގެ އިނޮސެންސް އެސްޓަބްލިޝް ވީ ކަމަށް. ސަރުކާރުގެ ވިސްނުމަކީ ސިޔާސީ ބޭނުމަށް އަޅުގަނޑު ވަޒީފާ އިން ވަކިކޮށްލުން" އޭނާ ވިދާޅުވި އެވެ.ރިޔާޒް ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފަށް އޭނާ ފުލުހުންގެ ވަޒީފާ އިން ވަކިކުރި މައްސަލަ މިހާރު މަދަނީ ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށާއި ނަމަވެސް އެ ދައުވާ ކުރެއްވެވީ އަނބުރާ ފުލުހުންގެ ވަޒީފާ އަށް ވަޑައިގަތުމުގެ ޝައުގުވެރި ކަމުގައި ނޫން ކަމަށެވެ."ވަޒީފާ ހޯދުމުގެ ބައިވެސް ދައުވާގައި ހިމެނޭ. އެކަމަކު އަޅުގަނޑު ދައުވާ ކުރުމުގެ މުޅި ނިޔަތަކީ ވަޒީފާ ހޯދުމެއް ނޫން، އަނބުރާ ފުލުހުންގެ ޔުނިފޯމަށް ދިއުމެއް ނޫން. މީގެ މާނައަކީ އެއީ ނުކުރާނެ ކަމެކޭ ވެސް ނޫން. އެކަމަކު އަޅުގަނޑުގެ އިންޓެންޝަނެއް ނެތް، ހާއްސަކޮށް މިހާރު މިއޮތް ގޮތަށް ކަންކަން އޮތްއިރުގައި [އެފަދަ ވަޒީފާ އަކަށް ދާކަށް]،" އޭނާ ވިދާޅުވި އެވެ.ރިޔާޒް ވިދާޅުވީ ކޮންމެ މީހަކަށް ވެސް އަދުލު އިންސާފު އޮންނަން ޖެހޭނެ ކަމަށާއި ވަޒީފާގެ ޔަގީންކަން އޮންނަން ޖެހޭނެ ކަމަށެވެ."ކޮންމެ ފުލުހުކަށް ވެސް ޔަގީންކަން އޮންނަން ޖެހޭނެ ވަޒީފާގެ ސެކިއުރީޓީ. އެއީ [ވަޒީފާ އިން ވަކި ކުރުމަކީ] ސިޔާސީ ބޭނުމަށް ކުރެވިދާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ދައުވާގެ މައިގަނޑު ބޭނުމަކީ ގާނޫނާ ހިލާފަށް ފުލުހުން ވަޒީފާ އިން ވަކިނުކުރެވޭނެކަން އެސްޓަބްލިޝް ކުރުން،" ރިޔާޒް ވިދާޅުވި އެވެ.އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ސްޓާލިންގައި މަތީ ތައުލީމް ހާސިލު ކުރައްވަމުން ވަޑައިގަންނަވާ ރިޔާޒު ވަޒީފާ އިން ވަކިކުރި މައްސަލަ، އޭނާގެ ފާރާތްޕުޅުން ކޯޓުގައި ދައުވާ ކުރައްވަނީ ގާނޫނީ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ.މިވަގުތު މާލޭގައި ހުންނެވި ކުރީގެ އެސިސްޓެންޓް ކޮމިޝަނާ މާސްޓާސް ހައްދަވަނީ ސެޓްރެޓެޖިކް ލިޑާޝިޕްގެ ދާއިރާ އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ