ޝަހުމް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރަކީ ގާނޫނާއި ހިލާފު އަމުރެއް: ހައި ކޯޓު

ނުރައްކާތެރި މީހެއް ގޮތުގައި ފުލުހުން އާންމުކޮށްފައިވާ އިބްރާހިމް ޝަހުމް އާދަމް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީގައި ނެރެފައިވާ ކޯޓް އަމުރަކީ ގާނޫނާއި ހިލާފު އަމުރެއް ކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ހައި ކޯޓުން މިއަދު މިގޮތަށް ހުކުމް ކޮށްފައި މި ވަނީ މަރުގެ މައްސަލައެއްގެ ތުހުމަތުގައި ތަހުގީގަށް ޝަހުމް ބަންދުކޮށްފައި ވަނިކޮން އޭރުގެ ހެލްތު މިނިްޓަރު ޖަވާބު ދާރީ ކުރުވުމަށް ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ޝަހުމް ދޫކޮށްލަން ނެރުނު އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.
ހައި ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައި ވަނީ އާމިނަތު ޖަމީލަކީ އެ މައްސަލައާއި ގުޅުން ހުރި ފަރާތެއް ނޫން ކަމަށާއި، އެހެންކަމުން އޭނާ ކޯޓަށް ހާޒިރު ކުރަން ޖެހޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތްކަމުގައެވެ.
މިއަދު ނެރުނު އަމުރުގައި އިތުރަށް ބުނެފައިވަނީ ޝަހުމް ހައްޔަރުކުރީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ތޫނު ހަތިޔާރާއި ލަކުޑިބުރި ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށާއި، އެ އަމާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މުހައްމަދު ހުސެއިން މަރުވެފައިވާކަމަށާއި ފުލުހުން ޝަހުމް ހައްޔަރު ކުރީ ފިލައިގެން އުޅެނިކޮށް ކަމަށް ދައުލަތުން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ.
މި މައްސަލާގައި ކޯޓުން ޝަހުމް ދޫކޮށްލުމުން ދެވަނަ ފަހަރަށް އޭނާ ހައްޔަރުކުރީ އައްޑޫ ސިޓީ ހިތަދޫ، ވަރުދީގޭ އަހުސަން ބަޝީރުގެ މަރާލިކަމުގެ ތުހުމަތުގަ އެވެ. އޭގެ ފަހުން އަދިވެސް ޝަހުމް ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ