1500 މީހުން ބައިވެރިވާ "ރާވެރިބޭގެ ޖިހާދުގެ ފެތުން" މާދަމާ ހަވީރު
ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް ފާހަގަކުރުމަށް ސަރުކާރުން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ރާވެރިބޭގެ ޖިހާދުގެ ފެތުން"، 1500 ފެތުންތެރިންނާ އެކު މާދަމާ ހަވީރު ބޭއްވުމަށް ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ. ހޯމް މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު މިއަދު ވިދާޅުވީ، މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. "ފެތުމުގެ ހަރަކާތުގެ ތައްޔާރީތައް ގާތްގަނޑަކަށް މިވަނީ ނިމިފަ. މާލޭގެ ސޯޝަލް ސެންޓަރު ކައިރީގައި ހަދާ ޕްލެޓްފޯމާއި ވިލިމާލޭ ޓާމިނަލް ބޭރުގައި ހަދާ ޕްލެޓްފޯމްގެ މަސައްކަތް މި ރެ އަށް ނިންމާލެވޭނެ. ރާއްޖެތެރޭން އަންނަ މީހުން ވެސް މިއަދު އަންނާނެ،" ތަޒްމީލު ވިދާޅުވި އެވެ. މި ފެތުމުގެ މަގްސަދަކީ ރާއްޖޭގެ މިނިވަންކަމަށްޓަކައި އަލީ ރަސްގެފާނާ އެކުގައި ޖިހާދުކުރި ވިލިނގިލީ ރާވެރިބޭގެ ހިތްވަރުން މިއަދުގެ ދިވެހި ޖީލަށް ހިތްވަރާއި އިބްރަތް ހާސިލުކޮށްދިނުމެވެ. "އަޅުގަނޑުމެން ބޭނުންވަނީ މިއީ ގައުމީ ބޮޑު ހަރަކާތަކަށް ހަދައި ރާއްޖޭގެ ހުރިހާ ރަށްތައް މި ފެތުމުގައި ޝާމިލުވާ ގޮތަށް ކުރިއަށް ގެންދަން. މިއީ ކަނޑުގެ ހަރަކާތެއްގައި އެންމެ ގިނަ މީހުން ބައިވެރިވާ ހަރަކާތުގެ ރާއްޖޭގެ ރެކޯޑަކަށް ހަދަން ބޭނުން،" ތަޒްމީލު ވިދާޅުވި އެވެ. ހޯމް މިނިސްޓްރީން ބުނީ، ފެތުން ކުރިއަށް ދާނީ މާދަމާ 3:30 އިން 5:30 އަށް ކަމަށެވެ. އަދި ފެތުން ކުރި އަށް ދާ އިރު، ވިލިމާލެ އާއި މާލޭގައި ބޮޑުބެރުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މާދަމާގެ ފެތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި ފެތުންތެރިންގެ ސަލާމަތަށްޓަކައި އެމްއެންޑީއެފްގެ ކޯސްޓުގާޑާއި މެރިން ޕޮލިސް ހަރަކާތްތެރިވާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. އަދި މި ހަރަކާތް އިންތިޒާމްކޮށް ކުރިއަށް ގެންދިއުމަށް ސްވިމިން އެސޯސިއޭޝަންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މާދަމާގެ ފެތުމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު އަމަލީ ގޮތުން ބައިވެރިވަޑައިގަންނަވާނެ އެވެ. އަދި ރައީސް ޔާމީން ވެސް ފެތުން ކުރިއަށްދާ ސަރަހައްދަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. "ރާވެރިބޭގެ ޖިހާދުގެ ފެތުން"ގައި ބައިވެރިވާ ފަރާތްތަކާ ހޯމް މިނިސްޓްރީން މިއަދު ހަވީރު ހިރިޔާ ސްކޫލުގައި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފެތުމުގައި ބައިވެރިވާ މީހުން މާލޭން ވިލިމާލެ އަށް ދާނީ މިނިވަން 50ގެ ލޯގޯ ޖަހާފައިވާ ޓީޝާޓްގަ އެވެ. އަދި ފެތުމުގައި ބައިވެރިވާ ހުރިހާ މީހުންނަށް ހަނދާނީ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. "ރާވެރިބޭގެ ޖިހާދުގެ ފެތުން" ފަށާނީ ވިލިމާލޭ ފެރީ ޓާމިނަލާ ދިމާލުން ކަނޑުތޮށި ކައިރީގައި ހަދާފައި އޮންނަ ޕްލެޓްފޯމަކުންނެވެ. އެތަނުން ކަނޑަށް ފުންމާލައިގެން ފަތާފައި އައިސް ނިންމާނީ މާލޭގެ ސޯޝަލް ސެންޓަރާ ދިމާލުގައި ހަދާފައި ހުންނަ ޕްލެޓްފޯމަކަށެވެ. މި ފެތުމުގައި ފެތުންތެރިން ކަޑައްތުކުރާނީ 1.56 ކިލޯމީޓަރު (0.97 މޭލު)ގެ ރާސްތާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ