މިއަންމާގައި އަނެއްކާވެސް މުސްލިމުންނާއި ބުޑިސްޓުންގެ ކުރިމަތިލުމެއް

މިކްތިލާ (މާޗް 23) - މިއަންމާގެ މެދުތެރޭގައި އޮންނަ މިކްތިލާ ސިޓީގައި ފާއިތުވި ތިން ދުވަހު މުސްލިމުންނާއި ބުޑިސްޓުންނާ ދެމެދު ހިނގި ކުރިމަތިލުންތަކަށް ފަހު މި ސިޓީގައި ކުއްލި ހާލަތު އިއުލާނުކޮށްފި އެވެ. ކުއްލި ހާލަތު އިއުލާނުކޮށް ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ސިފައިންގެ ފައުޖުތައް ނުކުމެފައިވާއިރު ފާއިތުވި ތިން ދުވަހުގެ ހަމަނުޖެހުންތަކުގައި މަދުވެގެން 20 މީހަކު މަރުވެފައިވާ ކަމުގެ ރިޕޯޓް ލިބެ އެވެ. ނަމަވެސް ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު ސާފެއް ނުވެ އެވެ. ބީބީސީ އިން ބުނެފައި ވަނީ މަރުވި 20 މީހުންނަކީ ވެސް މުސްލިމުން ކަމަށެވެ. ރަސްމީ ފަރާތްތަކާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން އުފެއްދި ކަމަށް ބެލެވޭ ބުޑިސްޓުން މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. މިފަހަރު ވެސް މުސްލިމުންނާ ދެކޮޅަށް ނުކުތް ބުޑިސްޓް ބައިގަނޑުތަކުން ވަނީ މުސްލިމުންގެ ގެތަކުގައި ވެސް ރޯކޮށްލައިފަ އެވެ. މިދިޔަ ހަފުތާގެ ބުދަ ދުވަހު މި ކުރިމަތިލުން ފެށުނީ ރަން ވިއްކާ ފިހާރައެއްގެ ތެރޭގައި މުސްލިމުންނާއި ބުޑިސްޓުންގެ ބަޔަކާ ދެމެދު ހިނގި ޒުވާބެއް ހޫނުވެގެންނެވެ. މިއަންމާގެ ރަކިން ސްޓޭޓްގައި ވެސް މިދިޔަ އަހަރު މުސްލިމުންނާއި ބުޑިސްޓުންގެ ލޭ އޮހޮރުވުން ބޮޑު ކުރިމަތިލުންތަކެއް ފެނިފައިވެ އެވެ. އެ ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 200 މީހަކު މަރުވެފައިވެ އެވެ. މިއަންމާގައި މުސްލިމުންނާއި އެގައުމުގެ ބައިގިނަ ބުޑިސްޓުންނާ ދެމެދު އަލުން މައްސަލަ ހޫނުވެފައިވާއިރު އެ ގައުމުގައި ދިރިއުޅޭ ރޮހިންޏާ ދަރިކޮޅުގެ މުސްލިމުންނާ މެދު ސަރުކާރާއި ބުޑިސްޓް އާބާދީ އިން ވަރަށް ބޮޑު ތަފާތުކުރުންތަކެއް ގެންގުޅެ އެވެ. މިއަންމާ އިން ބުނަނީ ބަންގާޅުގެ ނަސްލަށް ނިސްބަތްވާ ރޮހިންޏާ މުސްލިމުންނަކީ މިއަންމާގައި ގަވާއިދާ ހިލާފަށް ވަޒަންވެރިގެން އުޅޭ ބައެއް ކަމަށެވެ. އެހެންކަމުން މި އާބާދީގެ މުސްލިމުންނަށް މިއަންމާ ސަރުކާރުން ރަށްވެހިކަން ވެސް ނުދެ އެވެ. މިދިޔަ އަހަރު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ މިއަންމާ ދޫކޮށް ގޮސްފަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ