މުޝައްރަފު އެނބުރި ގައުމަށް ވަޑައިގަންނަވަނީ

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރުވޭޒް މުޝައްރަފް އެނބުރި ގައުމަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ދުބާއީގައި ހުންނެވި މުޝައްރަފް ޕާކިސްތާނަށް އެނބުރި ވަޑައިގަތުމަށް ނިންމާފައިވަނީ އެ ޤައުމުގައި އަންނަ މޭ މަހު ބާއްވާ އާންމު އިންތިޚާބުގައި ބައިވެރިވެ ވަޑައިގަތުމުގެ ގޮތުން ކަމަށް މަޢުލޫމާތު ލިބެ އެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫއަށް ބަޑީގެ ހަމަލާއެއްދީ އަވަހާރަކޮށްލުމުގައި މުޝައްރަފްގެ އަތެއްވާ ކަމަށް ބުނެ، އޭނާ ހައްޔަރު ކުރުމަށް ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީއިން ގޮވާލާފައިވާއިރު، މިދިޔަ އަހަރުވެސް އެނބުރި ގައުމަށް ވަޑައިގަތުމަށް މުޝައްރަފް ވަނީ މަސައްކަތްޕުޅު ކުރައްވާފަ އެވެ. އެހެން ނަމަވެސް ޕާކިސްތާނަށް އެނބުރި ވަޑައިގެންފިނަމަ، ހައްޔަރު ކުރާނެ ކަމަށް ބުނެ އިންޒާރު ދިނުމުން، އެފަހަރުގެ ދަތުރުފުޅު ވަނީ ކެންސަލް ކުރައްވާފަ އެވެ.
މުޝައްރަފްގެ ވެރިކަމުގައި އެތައް ބަޔަކު މަރާފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް އެތައް ދަޢުވާއެއް އުފުލި، ހައްޔަރު ކުރުމަށް އެތައް ފަހަރުގެ މަތީން ގޮވާލާފައިވާއިރު، މުޝައްރަފްގެ ވަކީލު ވިދާޅުވެފައި ވަނީ މުޝައްރަފު ވަނީ ހައްޔަރު ނުކުރުމަށް އަމުރުކޮށް ވަގުތީ ގޮތުން ކޯޓުން ދޫކޮށްލާފައި ކަމަށެވެ. މުޝައްރަފް ހައްޔަރު ނުކުރާނެ ކަމަށާއި ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ކަމަށް ޕާކިސްތާނުގެ ކޯޓަކުން އިޢުލާން ކޮށްފައިވާއިރު، ސަލާމަތީ ފިޔަވަޅުތަކާއެކު، މާދަމާގެ ވަގުތެއްގައި އެނބުރި ޕާކިސްތާނަށް ވަޑައިގަންނަވާނޭ ކަމަށް އޭއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައި މުޝައްރަފް ވިދާޅުވެފައިވެ އެވެ.
ނަވާރަސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރުގެ ޕާކިސްތާނުގެ ރައީސް ކަމަށް މުޝައްރަފް ވަޑައިގެން ފަހުން، މިލިޓަރީ ވެރިއަކަށް ހުންނަވައިގެން ހިންގި ލޭ އޮހޮރުވުންތަކަށްފަހު، 2008 ވަނަ އަހަރު އާސިފް އަލީ ޒަރުދާރީ ވެރިކަމަށް ވަޑައިގަތުމުން މުޝައްރަފް ވަނީ ޤައުމު ދޫކުރައްވާ ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ