އިންތިގާލީ ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނިޑޔާރުންގެ ތެރެއިން، އައްޝައިހު ޔޫސުފު ހުސައިން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި
19:58އިންތިގާލީ ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނިޑޔާރުންގެ ތެރެއިން، އައްޝައިހު ޔޫސުފު ހުސައިން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި އެވެ.ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތުން ހައިކޯޓުގައި ތިއްބަވާނީ 11 ފަނޑިޔާރުންނެވެ. މިވަގުތު އެ ކޯޓުގައި ތިއްބެވީ ތިން ފަނޑިޔާރެކެވެ.ފަނޑިޔާރުންގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ)ގައި ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ހ)ގައި ބަޔާން ވެގެންވާ ސުޕްރީމްކޯޓް ގާއިމުކޮށް އެ ކޯޓަށް އުއްތަމަ ފަނޑިޔާރާއި އެހެނިހެން ފަނޑިޔާރުން އައްޔަންވުމުން ގާނޫނު އަސާސީގެ 282 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ ސުޕްރީމް ކޯޓް ނިމުމަކަށް އައިސް އެ ކޯޓުގެ ފަނޑިޔާރުންގެ މުއްދަތު ނިމުމަކަށް އަންނާނެ ކަމަށް ބުނެ އެވެ.ހަމަ އެއާ އެކު އެ މާއްދާގެ (ނ)ގައި ބުނަނީ އެ މާއްދާގެ (ށ)ގައިވާ އުސޫލަށް ނިސްބަތްވާ ފަނޑިޔާރުންނަށް އެހެން ކޯޓެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ޖޭއެސްސީން ހަމަޖައްސައިދޭންވާނެ ކަމަށެވެ. އަދި އެމީހުންގެ ފަނޑިޔާރުކަމުގެ ވަޒީފާ ނިމުމަކަށް އަންނާނީ އެގޮތަށް ދެވޭ ފުރުސަތުގައި އެހެން ކޯޓެއްގައި މަސައްކަތް ކުރުމަށް ދެވޭ ފުރުސަތުގެ ބޭނުން ނުހިފިނަމަ ކަމަށެވެ. އެހެންކަމުން އިންތިގާލީ ސުޕްރީމް ކޯޓުން ވަކިވި ދެ ފަނޑިޔާރުންނަށް ވެސް ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަތުމުގެ ފުރުސަތު ލިބެ އެވެ.ޝައިހު ޔޫސުފު ހުސައިންގެ އިތުރުން ސުޕްރީމް ކޯޓުން ވަކިވެވަޑައިގެންނެވި އަނެއް ފަނޑިޔާރަކީ އަލްއުސްތާޒު މުޖުތާޒު ފަހުމީ އެވެ. ނަމަވެސް އޭނާ ހައްދަވާ ގޮތެއް އަދި އެނގިފައެއްނުވެ އެވެ.ޝައިހު ޔޫސުފު ހުސައިން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވެވިއިރު މުސާރަ އާއި އެލަވަންސަށް ތިރީސް ފަސް ހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ ކަނޑައަޅައި ހައި ކޯޓަށް ހަތަރު ފަނޑިޔާރަކު ހޯދުމަށް ޖޭއެސްސީ ވަނީ އިއުލާނުކޮށްފަ އެވެ.ހައި ކޯޓަށް ލައްވަން އިއުލާނުކޮށްފައިވާ ފަނޑިޔާރުންނަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެގާރަ ހާސް އެއް ސަތޭކަ ރުފިޔާ އެވެ. ލިވިންސް އެލަވަންސްގެ ގޮތުގައި ތޭރަ ހާސް ރުފިޔާ އާއި ހާއްސަ އެލެވަންސްގެ ގޮތުގައި މުސާރައިގެ 40 ޕަސެންޓަށްވާ ހަތަރު ހާސް ހަތަރު ސަތޭކަ ސާޅީސް ރުފިޔާ އެވެ. އަދި ޓްރާންސްޕޯޓް އެލަވަންސަށް އެއްހާސް އަށް ސަތޭކަ ފަސް ދޮޅަސް ރުފިޔާ ލިބޭނެ ކަމަށް ވެސް ޖޭއެސްސީގެ އިއުލާނުގައިވެ އެވެ. އިއުލާނުކޮށްފައިވާ ފަނޑިޔާރުންނަށް މުސާރަ އާއި އެލަވަންސްތަކާ އެކު ޖުމްލަ 35950 ތިރީސް ފަސް ހާސް ނުވަ ސަތޭކަ ފަންސާސް ރުފިޔާ ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ