ފުލިދޫ ސްކޫލް ކުއްޖަކަށް އިހާނެތިކޮށް އަމަލުކުރި މައްސަލައެއް ބަލަނީ

ވ. ފުލިދޫ ސްކޫލު ޓީޗަރެއް އެ ސްކޫލުގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އިހާނެތިކޮށް އަމަލު ކުރި މައްސަލައެއް އެޑިއުކޭޝަނުން ބަލަން ފަށައިފި އެވެ.
ފުލިދޫގައި ހުންނަ ވ. އަތޮޅު ސްކޫލުގެ ޕްރީސްކޫލް ޓީޗަރެއް އެ ސްކޫލުގެ ކުއްޖަކަށް އިހާނެތިކޮށް އަމަލު ކުރާ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ވީޑިއޯގައި ފެންނަ ގޮތުން އެ ކުޑަ ކުއްޖާ މަޑުކޮށްގެން ހުންނަ ލައިނުގައި ހުއްޓާ ޓީޗަރު އެއްޗެހި ކިޔާ ނުރުހުމާއެކު މޫނުގައި އަތުން ޖަހާ ކޮށްޕާލަ އެވެ. އިތުރު ޓީޗަރެއްވެސް އެ ކުއްޖާ އަތުގައި ހިފައިގެން ހުންނަތަން ފެނެ އެވެ.
މި މައްސަލައާ ގުޅިގެން ފުލިދޫ ސްކޫލުގެ ޕްރިންސިޕަލް އަބްދުލް މުއުމިން ވިދާޅުވީ މި ވީޑިއޯ ފެނުމާއެކު އެޑިއުކޭޝަނަށް މައްސަލަ ހުށަހެޅި ކަމަށެވެ. އަދި މިއީ މިދިޔަ އޮގަސްޓު މަހު އެ ސްކޫލުން ބޭއްވި ސްޕޯޓްސް މީޓެއްގައި ހިނގި ކަމެއް ނަމަވެސް ސްކޫލަށް މީގެ ކުރިން އެނގިފައި ނެތް ކަމެއް ކަމަށެވެ. މިހާރު އެޑިއުކޭޝަނާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވީޑިއޯ ފެނިގެން އެޑިއުކޭޝަނަށް ރިޕޯޓު ކުރި އިރު އެޑިއުކޭޝަނުން އޮތީ އެ މައްސަލަ ބަލަން ފަށާފަ އޭރުވެސް، އެއީ ހަމަ މިއަދު ވީޑިއޯ ވައިރަލް ވުމުން، މިހާރު އެޑިއުކޭޝަނާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދަނީ،" ޕްރިންސިޕަލް މުއުމިން ވިދާޅުވި އެވެ.
ވީޑިއޯގައި ފެންނަ ޓީޗަރަކީ އެ ރަށު ސްކޫލުގައި 2016 ވަނަ އަހަރުން ފެށިގެން ރިލީފް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރެކެވެ. ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި ގޮތުގައި މީގެ ކުރިން އެ ޓީޗަރާ ގުޅުން ހުރި އަހުލާގީ އެއްވެސް މައްސަލައެއް ސްކޫލަށް ހުށަހެޅިފައެއް ނެތެވެ.
"މި ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ އެންމެ ކުއްޖެއް ހުންނާނީ، ވީޑިއޯއިން ވެސް ފެންނަނީ އެ ކުއްޖާ، އަޅުގަނޑުމެން އެ ކުއްޖާ ގެންގުޅެނީ އެހެން ކުދިންނާ އެކީ ވަކި ހާއްސަ ސެން ކްލާހެއްގަ އެއް ނޫން، އެ ޓީޗަރާ ގުޅޭ އެއްވެސް މައްސަލަ އެއް ކުއްޖާގެ ބެލެނިވެރިޔާގެ ފަރާތުން ވެސް އިތުރު މީހެއްގެ ފަރާތުން ވެސް މީގެ ކުރިން ނެތް ހުށަހެޅިފަ އެއް،" ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.
ވީޑިއޯ އާންމުވުމާއެކު އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ކުޑަކުދިންނާ ދޭތެރޭ ކުރާ އިހާނެތި އަމަލުތަކަށް ވަގުތުން ފިޔަވަޅު އެޅެން ޖެހޭނެ ކަމަށާއި މިކަން އެނގުނު ހިސާބުން މައްސަލަ ބަލަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ