އިންޖީނަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑި، މުޅި ބަނޑިދޫގެ މަގުތައް ކަނު އަނދިރީގައި

ދ. ބަނޑިދޫގައި ބޭނުންކުރާ އެންމެ ބޮޑު އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު ހެނދުނުން ފެށިގެން އެ ރަށުން ކަރަންޓު ކެނޑި، ރައްޔިތުން ބޮޑު ތަކުލީފެއް އުފުލަން ޖެހިއްޖެއެވެ. މިއަދު ހެނދުނުއްސުރެ އެ ރަށުން ކަރަންޓު ކެނޑިފައިވާއިރު މިހާރު ވަނީ ރަށުގެ ހުރިހާ މަގުތަކަކުން ކަރަންޓު ނިއްވާލައި، ގޭގެއަށް ކަރަންޓު ދީފައެވެ. ބަނޑިދޫ ފެނަކަ ބްރާންޗުން 'ސަން' އަށް މައުލޫމާތު ދިން ގޮތުގައި، މިއަދު ހެނދުނު 10:00 ހާއިރު ކަރަންޓު ކެނޑުނީ ރަށުގައި ހުރި 355 ކިލޯވޮޓުގެ އެންމެ ބޮޑު ޖެންސެޓަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެ ރަށުގައި މިހާރު ބޭނުންކުރަމުން ދަނީ 440 ކިލޯވޮޓުގެ އެންމެ ޖެންސެޓެކެވެ. ނަމަވެސް، އެ ޖެންސެޓް ސާވިސް ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އެއިން އެންމެ މައްޗަށް ވެސް ނެގެނީ 230 ކިލޯވޮޓެވެ. ރަށުގެ ކަރަންޓުގެ އެވްރެޖް ލޯޑަކީ 315 އާއި 320 ކިލޯވޮޓު ކަމަށްވާއިރު، ލޯޑު ހިފެހެއްޓުމަށްޓަކައި ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ޖެހޭ ކަމަށް ފެނަކައިން ބުންޏެވެ. މިވަގުތު ރަށުގެ ބޭރުތެރެއާއި ބަނދަރު މަތިން ވެސް ވަނީ ކަރަންޓު ކަނޑާލާފައެވެ. ބަނޑިދޫ ފެނަކަ ބްރާންޗުން ބުނި ގޮތުގައި، ރަށުގައި ކުރިން ހުރި ތިން ޖެންސެޓުގެ ތެރެއިން އެއް ޖެންސެޓް ވަނީ، ބަދަލުގައި އެހެން އެއްޗެއް ދޭ ގޮތަށް ދ. ރިނބުދުއަށް ގެންގޮސްފައެވެ. ނަމަވެސް މިހާތަނަށް އޭގެ ބަދަލުގައި ބަނޑިދުއަށް އައު ޖެންސެޓެއް ލިބިފައެއް ނުވެއެވެ. މީގެ އިތުރުން، އިންޖީނުތައް ސާވިސް ކުރުމަށް ބޭނުންވާ ފިލްޓަރު ފަދަ ތަކެތީގެ ސްޓޮކް ހުސްވެފައިވުމަކީ ވެސް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް އެ ފެނަކައިން ފާހަގަކުރިއެވެ. އެނގިފައިވާ ގޮތުގައި ކަރަންޓުގެ މައްސަލައަކީ ބަނޑިދުއަށް ވަރަށް ކުރިންސުރެ ދިމާވަމުން އަންނަ މައްސަލައެކެވެ. އެގޮތުން އިންޖީނަށް ލޯޑު ބޮޑުވާތީ ގިނައިން ކަރަންޓު ބޭނުންކުރާ އާލާތްތައް ބޭނުންކުރުމުގައި ވެސް ރައްޔިތުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. މިކަމުގެ ސަބަބުން އެ ރަށުގެ އާންމު ރައްޔިތުންނަށް އަންނަނީ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންނެވެ. މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން ބަނޑިދޫ ފެނަކަ ބްރާންޗުން ބުނީ، ހަލާކުވި އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ބައިތައް މިހާރު ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ތަކެތި އެޅުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އިންޖީނު އަލުން ޚިދުމަތަށް ގެނެވޭނެ ވަކި ވަގުތެއް އަދި ކަށަވަރެއް ނޫނެވެ. ފެނަކައިން ބުނީ ލަފާކުރެވެނީ މާދަމާގެ ވަގުތެއްގައި މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ