އަސާސީ ޚިދުމަތް ދިނުމުގައި އިހުމާލުވާތީ މެމްބަރު އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރައްވައިފި

ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުވައި ދިނުމުގައި ރައީސް ޔާމީނުގެ ސަރުކާރުން އިހުމާލުވަމުން ދާތީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސައިން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ދިވެހިންނަށް ފިނި މޫސުމުގެ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދިނުމުގެ މަގުސަދުގައި މާލޭގައި ހުރި އާސާރީ މިސްކިތް ކަމަށްވާ ކަޅުވަކަރު މިސްކިތް ނެތިކޮށްލުމަށްފަހު އެތަނުގައި ސަރުކާރުން ވަނީ ރޭ ވިންޓަރ ތީމް ޕާކެއް ހުޅުވާފައެވެ. ޕާކް ހުޅުވުމުގެ ރަސްމީޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވިގޮތުގައި ސަރަހައްދީ ފެންވަރެއްގައި ވެސް ފާހަގަކޮށްލެވޭ ތަނެއްގެ ގޮތުގައި ރަސްރަނި ޕާކްގެ ތަރައްގީކުރަން ރައީސް ޔާމީން ބޭނުންފުޅުވެލައްވައެވެ.
"ރައީސް ޔާމީން ވިދާޅުވި ރާއްޖޭގައި އެބަ އުޅޭ ވަރަށް ގިނަ ކުޑަކުދިން ބޭރު ގައުމުތަކުގެ ފިނި އިހުސާސް ކުރަން ނުލިބޭ. އެއީ ވެސް މިފަދަ ޕާކެއްގެ ތެރޭގައި ތިމަން މަނިކުފާނު ވަރަށް ހިމަނާލަން ބޭނުންވާ ކަމެކޭ،" މުއިއްޒު ރޭގެ ރަސްމީޔާތުގައި ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވި ވާހަކައާއި ގުޅުވައިގެން މެމްބަރު އަލީ ހުސައިން ވިދާޅުވީ މާލޭގައި ހުރި އާސާރީ މިސްކިތެއް ނެތިކޮށްލުމަށް ފަހުގައި ވިންޓަރ ޕާކެއް ހެދި އިރު ރާއްޖޭގެ ގިނަ ރަށްރަށުގައި ތިބި ހުރިހާ ކުޑަކުދިން ބޮލަށް އަޅަންޖެހެނީ ނަޖިސްފެން ކަމަށާއި އިސްކަންދޭ ތަރުތީބު ވަނީ އޮޅުން ބޮޅުން ވެފައި ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
"މާލޭގައި ހުރި އާސާރީ މިސްކިތެއް ނެތިކޮށްލުމަށް ފަހު ވިންޓަރ ޕާކެއް. އެހެނަސް ރާއްޖޭގެ ގިނަ ރަށްރަށުގައި ތިބި ހުރިހާ ކުޑަކުދިން ބޮލަށް އަޅަންޖެހެނީ ނަޖިސްފެން. އިސްކަންދޭ ތަރުތީބު އޮޅުން ބޮޅުން ވެފަ." އަލީ ހުސައިންގެ ޓްވީޓުގައިވެއެވެ.
އަތޮޅުތަކާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތާއި ވަސީލަތްތައް ޤާއިމްކޮށްދިނުމުގައި ރައީސް ޔާމީނުގެ ސަރުކާރުން ގެންގުޅޭ ތަފާތުކުރުންތަކާއި ދެކޮޅަށް އަބަދުވެސް ވާހަކަފުޅު ދައްކަވަމުން ގެންދަވާ މެމްބަރު ޢަލީ ހުސައިން ރޭ ހުޅުވި ވިންޓަރ ތީމް ޕާކާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރެއްވީ އަތޮޅުތަކުގައި ތިބި އެތައްހާސް ކުޑަދިންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަށް ނުދީ އެހާލަތުގައި އެކުދީންތައް ތިއްބައި ހަމައެކަނި މާލޭގައި ކޮންމެހެން ބޭނުން ނުވާ ހަރަދުތަކެއް ތަރައްގީގެ ނަމުގައި ކުރިއަށް ގެންދާތީއެވެ.
އަލީހުސައިންގެ އިތުރު ޓްވީޓެއްގައި ވިދާޅުވީ "އަހަރެމެންގެ ސަރުކާރުގައި" ބޯހިޔާވަހިކަމަށާއި ގޯތިގެދޮރަށް ސަލާންޖަހާކަށް ނުޖެހޭނެ. މާލޭގެ ތޮއްޖެހުން ނިމުމަކަށް ގެނެސް ހިތަގައިމު ރަށްވެހިކަމުގެ ރާއްޖެއެއް ހޯދައިދޭނެ"
ތަރައްޤީގެ މަޝްރޫއުތައް ހިންގުމުގަޔާއި އަސާސީ ޚިދުމަތްތަކާއި ވަސީލަތްތައް ޤާއިމު ކޮށްދިނުމުގައި ސަރުކާރުން އަތޮޅުތަކުގެ ތިބި ރައްޔިތުންނާއި މެދު އިހުމާލުވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް ދަނީ ބުނަމުންނެވެ. އަދި ރައީސް ޔާމީނުގެ ރައްޔިތުންގެ އަސާސީ ޟަރޫރީ ބޭނުންތަކަށް ނުބަލައި ބޭނުމެއް ނެތް ބޭކާރު ޚަރަދާއި އިސްރާފުތައް ކުރަމުންދާކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ.
އަދު މީގެ އިތުރުން, ވިންޓަރ ޕާކު ހުޅުވި އިރު އެތަނުގައި ހުރި ކަޅުވަކަރު މިސްކިތް ނެގި މައްސަލައިގައިވެސް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ