ވޯޓު ދޭން ޖެހޭނީ ވައުދުވާ ފަރާތަކަށް ނޫން ކަމަށާއި ވަކިން ހާއްސަ ގުޅުމެއް އޮންނަ ފަރާތަކަށް ނޫން ކަމަށާއި ވޯޓަކީ އަމާނާތެއް ކަމަށާއި އެ ވޯޓު ދޭންޖެހޭނީ ކަމަށް ގާބިލު ހައްގުވެރި ފަރާތަކަށް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓު ދޭން ޖެހޭނީ ރާއްޖޭގެ އިޖުތިމާއީ ފޭރާން އިތުރަށް ހަރުދަނާކޮށް، އިގްތިދާސީ ފުދުން ތެރިކަން އިތުރުކޮށް، އިސްލާމް ދީން ހިމާޔަތްކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހޯއްދަވައި ދެއްވާނެ ބޭފުޅަކަށް ކަމަށެވެ.
"ވޯޓަކީ އަމަނާތަކަށްވާ އިރު، އެ ވޯޓު ވެސް ދޭންވާނީ ހައްގުވެރި ފަރާތަކަށް. ހަމަ ކޮންމެ ކޮންމެ ފަރާތަކަށް ނޫން. އަޅުގަނޑުމެންނަށް ވަކި ވައުދުތަކެއްކޮށްދޭ ފަރާތަކަށް ނޫން. އަޅުގަނޑުމެންނަށް ވަކިން ހާއްސަ ގުޅުމެއް އޮންނަ ފަރާތަކަށް ނޫން. އެބޭފުޅަކަށް ހެވަކަށް އެދިގެނެއް ނޫން. ދޭންޖެހޭނީ އެ ބޭފުޅަކީ މި ކަމަށް އެންމެ އެކަށީގެންވާ އެންމެ ގާބިލް ބޭފުޅަކަށް އަޅުގަނޑުމެންނަށް ފެންނާތީ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް އިހްތިރާމާއި ގަދަރު ކުރައްވާ ކަމަށާއި ނަމަވެސް އެ ބޭފުޅުންގެ ތެރެއިން އަހްލާގީ ގޮތުންނާއި ހިދުމަތުގެ ގޮތުން ގާބިލު ދެ ބޭފުޅުންނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން އާއި އޭނާގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށެވެ.
ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ ވޯޓަށް އަމާނާތްތެރިވާ ކަމުގައިވާ ނަމަ ޔާމިން އާއި ޖަމީލަށް ވޯޓު ދެއްވަން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުން ވަނީ ގައުމަށް ތަރައްގީ ހޯދައިދިނުމަށް ކަމަށް ވިދާޅުވެ، މައުމޫން ވިދާޅުވީ ކޮންމެ ކޮންމެ ކަހަލަ ތަރައްގީއެއް ރާއްޖެ އަށް ބޭނުން ނުވާ ކަމަށެވެ. ތަރައްގީ ގެނައުމަކީ އެންމެންނަށް ހަމަހަމަ، އިންސާފުވެރި ތަރައްގީއެއް ގެނެސްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ތައުލީމާއި ވަޒީފާއި މުއްސަނދިކަން މިލްކު ކުރުމުގެ ފުރުސަތު ވެސް ހަމަހަމަކޮށް އޮންނަންޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް އިންސާފުވެރި ތަރައްގީއެއް ހޯދައި ދިނުން. އަދި ދެމެހެއްޓެނިވި ތަރައްގީއެއް ހޯދައިދިނުން. އިންސާފުވެރި ތަރައްގީގެ މާނަޔަކީ ކޮންމެ ގިންތިއެއްގެ ކޮންމެ ފަންތިއެއްގެ ކޮންމެ މީހަކަށް ވެސް ކުރިއަށް ދިއުމުގެ ފުރުސަތު، ހަމަހަމަ ގޮތެއްގައި ހޯދައި ދިނުން. އެއީ މާލޭގައި ދިރިއުޅެ މީހެއް ކަމުގައި ވިޔަސް އަތޮޅެއްގައި ދިރިއުޅެ މީހަކަށް ވިޔަސް ކޮންމެ ކަހަލަ އާއިލާއަކުން އައި މީހެއް ކަމުގައި ވިޔަސް އެހެން މީހުންނާ އެއްވަރަށް ކުރިއަށް ދިއުމުގެ ފުރުސަތު އޮންނަންވާނެ،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ކެމްޕެއިންތަކުގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށް ފާހަގަ ކުރެވިގެން ބައެއް ބޭފުޅުން މެސެޖު ކުރައްވަމުން ގެންދަވާ ކަމަށް މައުމޫން ރޭ ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށާއި ޕީޕީއެމުން މާލޭގައި ބާއްވާ ހުރިހާ ކަމެއްގައި ބައިވެރިވެވަޑައި ގަންނަވާ ކަމަށާއި އަދި ޔާމިންއާއި ޖަމީލަށް ހުރިހާ ބޭފުޅުން ވޯޓު ދެއްވުމަށް އެދި ރަސްމީ ބަޔާނެއް ވެސް ނެރުއްވި ކަމަށެވެ.
މައުމޫން ވިދާޅުވީ ކެމްޕޭންގައި ރާއްޖޭގެ އަތޮޅުތަކަށް ވަޑައިނުގެންނެވުނީ އާއިލީ ބޭނުމެއްގައި ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވަން ޖެހުމުން ކަމަށާއި އެބުރި މާލެ ވަޑައިގެންއިރު ރޯގާއެއް ޖެހިގެން ތަންކޮޅެއް ގިނަ ދުވަހު އެކަމުގައި ވެސް އުޅެންޖެހުނު ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް ޔާމިންއާއި ޖަމީލާ އެކު އަތޮޅުތަކުގެ ކެމްޕެއިންތަކުން ފެނިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ވޯޓު ދޭންޖެހޭނީ ވައުދުވާ ފަރާތަކަށް ނޫން، ހައްގުވެރި ފަރާތަށް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ