ޖެމްސް މައްސަލައިގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި

ޖެމްސް ގެ ޚިދުމަތް ކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، އެ ކޯޓުގެ މުވައްޒަފުންނަށް އެންގެވި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ހައި ކޯޓުން އިއްވާފައިވާ ޖަލު ހުކުމް، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް މިއަދު ހުށަހަޅައިފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ، ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މެދުގައި ގާއިމް ކޮށްފައިވާ ޖެމްސް ސިސްޓަމް ސުޕްރީމް ކޯޓުގައި ހުއްޓުމަކަށް ގެނައުމަށް، މިދިޔަ ފެބްރުއަރީ 4 އަދި 5 ގައި އެމަނިކުފާނު އެންގެވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި މިދިޔަ ޖޫން މަހުގެ ހަތްވަނަ ދުވަހު ހައި ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވުމުން، 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމުގައި ހައި ކޯޓުން ބުނެފައި ވަނީ، އުއްތަމަ ފަނޑިޔާރުގެ އެންގެވުމަށް އެކި ފަހަރު މަތިން ސުޕްރީމް ކޯޓުގައި ޖެމްސް ހުއްޓުވިކަން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް މިއަދު ހުށަހެޅީ އުއްތަމަ ފަނޑިޔާރުގެ ވަކީލުންނެވެ.
ފަނޑިޔާރުންގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާއެކު، ހައި ކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާނީ 10 ދުވަހުގެ މުއްދަތެކެވެ. އަދި އެ މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމުމަށް ސުޕްރީމް ކޯޓަށް އެ ގާނޫނުން ލާޒިމްކުރެ އެވެ. އޭގެ އިތުރުން އެ ގާނޫނުގައިވާ ގޮތުން، ސުޕްރީމް ކޯޓުން މައްސަލަ ނިމޭ އިރު، ޖަލު ހުކުމް ދައްމަހައްޓައިފިނަމަ ފަނޑިޔާރު ކަމުގެ މަގާމުން އަބްދުﷲ ސައީދު ވަކިވެވަޑައިގަންނަވާނެ އެވެ.
ޖެމްސް މައްސަލާގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވާއިރު، ފަނޑިޔާރުން ތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި ވެސް އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ އިތުރު 1 އަހަރާއި 2 މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ވެސް ހައި ކޯޓުން ދެމެހެއްޓި އެވެ.
އޭގެ އިތުރުން، މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެ ދެ ބޭފުޅުން ހައްޔަރުކޮށް، ފުލުހުންގެ ތަހުގީގަށް އެ ބޭފުޅުންގެ ފޯނު ދެއްވުމަށް އިންކާރު ކުރެއްވި މައްސަލާގައި ވެސް އިތުރު 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވެ އެވެ. މި މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ފޯނު ނުދެއްވި ކަމަށް ބުނެ ޖަލަށް ލުމަށް ހުކުމް ކޮށްފައިވެ އެވެ.
ރިޝްވަތު ހިފުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން ވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް އުފުލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ