އަމިއްލަ މަސައްކަތްތައް ކުރިއަރުވައި ތަރައްގީ ކުރުމަށް ވުރެ ރާއްޖޭގެ ރައްޔިތުންނަށް އުފާފާގަތި މުސްތަގުބަލެއް ހޯދައިދީ ކުރިއެރުން ހޯދައިދިނުން މިއަދު މާ މުހިންމު ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ކުރިން މީޑީއާ މެދުވެރިކޮށް މިއަދު ގާސިމް ދެއްވި ހިތާބުގައި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ހާލު އެމަނިކުފާނު ބައްލަވަމުން އަންނަތާ 40 އަހަރު ވެދާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ރާއްޖޭގެ ރައްޔިތުންގެ ރުއިމުގެ އަޑު އިވިއިވި އެމަނިކުފާނުގެ ހިތްފަޅައިގެންދާ ވަރުވެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ދިވެހި ރާއްޖޭގެ ރައްޔިތުންގެ އިހުސާސްތަކުގެ އަޑު ވަރަށް ގާތުން އަޅުގަނޑު އަހަމުން އަންނަތާ ގާތްގަނޑަކަށް 40 އަހަރުވެދާނެ. ކޮންމެ ދުވަހު ރާއްޖޭގެ ރައްޔިތުންގެ ވޭނީ ހާލަތު އިވިއިވި ތެދުތެދަށް ދަންނަވާ ނަމަ އަޅުގަނޑުގެ ހިތްފަޅައިގެންދާން ކައިރިވެއްޖެ. އަޅުގަނޑަށް މިއަދު އަޅުގަނޑުގެ އަމިއްލަ މަސައްކަތްތައް ކުރިއެރުވުމަށް ވުރެ މި ރާއްޖޭގެ ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް ހޯދައިދިނުން މުހިންމު ވެއްޖެ،" ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ބަލާ އިރު ރާއްޖެ އަކީ އަދި ވެސް މަތީތައުލީމުގެ ފުރުސަތާއި ސިއްހީ ހިދުމަތާއި ވަޒީފާގެ ފުރުސަތާއި ލިބޭ އާމްމުދަނީން އާއިލާތައް ދެކޮޅު ނުޖެހުމާއި ގެދޮރުގެ ދަތިކަން އެންމެ ބޮޑުވެފައި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ އާބާދީގެ ކުޑަކަމަށް ބަލާ އިރު މިއަދު ރާއްޖެ އަށް ލިބިފައިވާ މިންވަރަކީ އެއީ ހަގީގަތުގައި ވެސް ރާއްޖޭގެ ރައްޔިތުންނަށް ހައްގު މިންވަރުތޯ ސުވާލުކުރަން ޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޖޯގްރަފީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާ އިރު ރާއްޖޭގެ ބަނދަރަކީ ބައިނައްލައަގުވާމީ ގޮތުން އެންމެ ކުރިއަރާފައިވާ ބަނދަރަކަށް ހެދޭނެ ކަމަށާއި އަދި ރާއްޖެ ސިންގަޕޫރާއި ދުބާއި ފެންފަރަށް ތަރައްގީ ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އާބާދީ އަށް ބަލާ އިރު އެކަން ނުވާނެ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"އެހިސާބަށް މި ގައުމައިގެން ދަތުރުކުރާނެ އިލްމުވެރި ދަރިން މި ގައުމުގައި އުފެއްދޭނެ. ދިވެހި ރައްޔިތުން، ދިވެހި ސަރުކާރު ހިންގުން އަޅުގަނޑާ ހަވާލުކުރައްވައިފި ނަމަ، އިންޝާﷲ، ދުބާއީ އާއި ސިންގަޕޫރުގެ ފެންވަރަށް މި ގައުމު އުފުލާލަދެވޭނެ ތަޖްރިބާ އާއި ވިސްނުން އަޅުގަނޑުގެ އެބަހުރި. އެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ވެރިކަމެއްގައި ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ތަރައްގީވެފައި ގައުމުތަކުގެ ލިސްޓްގައި ހިމެނޭ ގައުމަކަށް ރާއްޖެ ހައްދަވާނެ ކަމަށެވެ. އެގޮތުން ދުނިޔޭގެ ފެންވަރުގެ ތައުލީމީ ނިޒާމަކާއި ސިއްހީ ނިޒާމެއް ރާއްޖޭގައި ގާއިމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުން ރާއްޖެ އަށް ސިއްހީ ހިދުމަތާއި ތައުލީމު ހޯދުމަށް އަންނަން ބޭނުންވާ ފަދަ ގައުމަކަށް ރާއްޖެ ހައްދަވައި ދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެންމެ ގިނަ ބަޔަކު ބޭސްފަރުވާ އާއި ޗުއްޓީ ހޭދަކޮށްލަން އަންނަން ޝައުގުވެރިވާ، ވިޔަފާރީގެ ކާރުބާރު އެންމެ ބޮޑު، ދަތުރުފަތުރާއި ދިރިއުޅުން އެންމެ ފަސޭހަ، ތިޔާގިކަމުގެ ފުރުސަތު އެންމެ ބޮޑު، އެންމެ އުފާފާގަތި، އަމާންކަން އިންތިހާ އަށް އޮތް ގައުމުތަކުގެ ލިސްޓުން މި ދިވެހި ރާއްޖެ އަށް އަޅުގަނޑުގެ ވެރިކަމުގައި ޖާގަ ހޯދައި ދޭނަން. ދިވެހި ކޮންމެ ރައްޔިތަކީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ގަދަރުވެރި އަދި ގައުމަށް ޓަކައި ފަހުރުވެރިވުމާ އެކު ހިނގައި ބިނގާވެ އުޅޭ ރައްޔިތަކަށް ހަދާނަން،" ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި އަމަން އަމާންކަން ގާއިމު ކުރައްވައި ހުރިހާ އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމު ކުރައްވާނެ ކަމަށެވެ. އަދި މާތް ﷲ ގަންދީ ހުވައި ކުރައްވައި ގާސިމް ވިދާޅުވީ ދައުލަތުގެ އެއްވެސް އެއްޗަކަށް ހިޔާނަތްތެރި ނުވާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް އަމާނާތްތެރިކަމާ އެކު ވެރިކަން ކޮށްދެއްވާނެ ކަމަށެވެ.
"ރައްޔިތުންގެ މެދުގައި ހަމަހަމަ ކުރާނަން. އަތޮޅުތަކާއި މާލޭގެ ފަރަގު ނައްތާލާނަން. ކޮންމެ ރައްޔިތަކަށް ވެސް އުފާފާގަތިކަމާއި ކުރިއެރުމުގެ ފުރުސުތު މި ގައުމުން ހޯދައިދޭނަން. ދުވަހަކު ވެސް، ދުވަހަކު ވެސް މި ރާއްޖެ ދެކެފައިނުވާ ތަރައްގީ އާއި ކުރިއެރުން މާތްﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ރާއްޖެ އަށް ގެނަސްދޭނަން." ގާސިމް ވިދާޅުވި އެވެ.
އަމިއްލަ މަސައްކަތަށް ވުރެ ރައްޔިތުންގެ މުސްތަގަބަލު މުހިންމު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ