ޓީސީއެލްގެ ދެ ވެރިއަކާއި ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ދައުވާ ކުރަން އޭސީސީން ނިންމައިފި

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން (ޓީސީއެލް) ތިލަފުށި ބިން ހިއްކުމުގެ ޕްރޮޖެކެޓްގެ މަސައްކަތް ހަވާލު ކުރުމުގައި ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ބެލެވޭ ތިން މީހެއްގެ މައްސަލައެއް ޝަރީއަތަށް ފޮނުވައި ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ތަހުގީގު ކުރި ކުރުމުން ޓީއެލްސީން ތިލަފުށީގެ ބިން ހިއްކުމުގެ ޕްރޮޖެކެޓްގެ މަސައްކަތް ހަވާލު ކުރުމުގައި ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭތީ ޓީސީއެލްގެ އިވެލުއޭޝަން ކޮމިޝަނުގެ ތިން މެމްބަރުން ކަމުގައިވާ އެކުންފުނީގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓާ އިބްރާހިމް ރިޔާޒް އާއި މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވާފިރާއި އިތުރުން ޑިރެކްޓަރު އަހްމަދު އަދްލީ ރަޝީދުގެ މައްޗަށް ކޮރަޕްޝަނާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވާނެ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޓީސީއެލް އިން ތިލަފުށީ ބިން ހިއްކުމުގެ ޕްރޮޖެކްޓް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީ ލޯޑަށް އެވޯޑް ކުރުމުގައި ކުންފުނީގެ ބޯޑުގެ ލަފައެއް ހޯދައިފައި ނުވާ ކަމަށާއި އެކަން ކޮށްފައިވަނީ އެ ކުންފުނީގެ ހިންގާ ގަވާއިދުގެ 42 ވަނަ މާއްދާ އާއި ހިލާފަށް ކަމަށެވެ.
ހެވީ ލޯޑަށް މޮބިލައިޒޭޝަން ޕޭމަންޓްގެ ގޮތުގައި ދީފައިވާ ތިން މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ދީފައިވަނީ ޓީސީއެލްގެ ބޯޑުގެ އިއްތިފާގުން ނިންމައިގެން ނޫން ކަމަށާއި އަދި އެއީ އެކުންފުނީގެ ހިންގާ ގަވާއިދުގެ 31 ވަނަ މާއްދާގެ (ބ) އާ ހިލާފު ކަމެއް ކަމަށް ވެސް އޭސީސީގެ ބަޔާން ބުނެ އެވެ.
މީގެ އިތުރުން ތިލަފުށީގެ ބިން ހިއްކުމުގެ ޕްރޮޖެކްޓް ހެވީ ލޯޑާއި ހަވާލު ކުރި އިރު އެޑްވާންސް ޕޭމަންޓްގެ ފުލް އެމައުންޓަށް އެދި ހުށަހަޅާއިރު، ޓީސީއެލް އިން އެޕްރޫވް ކުރާ ތިންވަނަ ފަރާތެއްގެ ސެކިއުރިޓީއެއް ހުށަހަޅަން ބަޔާން ކުރާ ކަމަށާއި ނަމަވެސް ސެކިއުރިޓީގެ ގޮތުގައި ގަބޫލު ކޮށްފައިވަނީ 1،840،000 (އެއްމިލިއަން އަށްސަތޭކަސާޅީސް ހާސް ޑޮލަރު) ގެ ތިން އުޅަނދު ކަމަށެވެ. އެޑްވާންސް ޕޭމަންޓްގެ ސެކިއުރިޓީގެ ގޮތުގައި ބެހެއްޓި ތިން އުޅަނދުގެ އަގު ކޮށްފައިވާ ފަރާތެއް އެގެން ނެތީސް ސެކިއުރިޓީގެ ގޮތުގައި އެ ތިން އުޅަނދު ގަބޫލު ކޮށްފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ބަޔާން ބުނާ ގޮތުން ތިލަފުށީ ބިން ހިއްކުމުގެ ޕްރޮޖެކްޓް ނުނިމެނީސް އެ ޕްރޮޖެކްޓަށް ތިލަފުށީ ކޯޕަރޭޝަނުން އައްޔަން ކޮށްފައިވާ އިންޖިނިއަރު، އަބްދުﷲ ޒިޔާދާ އެކު ވެފައިވާ އެގްރީމަންޓް އުވާލުމަށްފަހު އަލުން އިންޖިނިއަރަކު ހޯދަން އިއުލާން ކޮށްފައި ވެއެވެ. އަދި ކުންފުނީގެ އޮނިގަނޑަށް ބަދަލު ގެނެސް ޕްރޮޖެކްޓްގެ އޮނިގަނޑަށް ބަދަލު ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި ޕްރޮޖެކްޓް ނިންމަން ޖެހޭ މުއްދަތު ކައިރިވެފައިވަނިކޮށް ތިލަފުށި ކޯޕަރޭޝަނުން އެގޮތަށް އަމަލު ކުރަމުން އަންނަނީ މަސައްކަތް ނިންމަން ޖެހޭ ދުވަހަށް ހެވީލޯޑަށް މަސައްކަތް ނިންމާ ނުލެވޭނެތީ އެ މަސައްކަތް ނިންމުމަށް ހެވީލޯޑަށް އެހީތެރިވެ ނާޖާއިޒު ފައިދާ އެއް ހޯދައިދޭން ކަމަށް ބެލެވޭ ކަމަށެވެ.
މީގެ ކުރިން އޭސީސީން ވަނީ ތިލަފުށި ހިއްކުމަށް ހެވީލޯޑަށް ހަވާލު ކުރި 21 މިލިން ޑޮލަރުގެ އެއްބަސަވުން އުވާލައި މަސައްކަތް ހުއްޓައިލުމަށް ވެސް އަންގާފަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ތިލަފުށީ ކޯފަރޭޝަން އާއި އެކު ހެވީލޯޑުން ވި އެ އެއްބަސްވުމުގެ ދަށުން ހެވީ ލޯޑުން ހަ މަސް ދުވަހުގެ ތެރޭގައި ތިލަފުށީގެ ބިމުން 130 ހެކްޓަރު ބިން ހިއްކާނީ 269.85 މިލިޔަން ރުފިޔާއަށެވެ. އެއީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެމްޓީސީސީން ހުށަހެޅި 167.4 މިލިއަން ރުފިޔާ އަށް ވުރެ 102.45 މިލިއަން ރުފިޔާ ބޮޑު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ