ދައުރު ހަމަވާތީ އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ތިން މެމްބަރެއްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ސަރުކާރުގެ ގެޒެޓްގައި މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ އެޗްއާރުސީއެމްގައި ތިން މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ 3:00ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ. އެޗްއާރުސީއެމްގައި ތިއްބެވި ފަސް މެމްބަރުންގެ ތެރެއިން ދައުރު ހަމަވަނީ އެ ކޮމިޝަންގެ ރައީސާއި މަރިޔަމް އަޒްރާ އަހުމަދާއި އެ ކޮމިޝަންގެ މެމްބަރު އަހުމަދު ތޮލާލް އަދި އެ ކޮމިޝަންގެ މެންބަރު ޖީހާން މުހައްމަދެވެ. އެ ތިން މެމްބަރުންގެ މަގާމުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ 17 އަށް ހަމަވާނެ އެވެ. އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރާއި ކުށުގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަން ޖެހޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އިޢުލާންގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ