އިންޑިއާގެ ދެހްރާދޫންގައި، ފިރިމީހާގެ އާއިލާއާ އެކު އުޅުނު އަންހެނަކު ފާހާނާއަކާއި ކޮޓަރިއެއްގައި 10 މަސް ދުވަސް ވަންދެން ބަންދުކޮށްގެން ގެންގުޅެ ރަހުމުކުޑަ ބޮޑެތި އަނިޔާތަކެއް ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އަންހެންމީހާގެ ބައްޕަ ފުލުހުންނަށް ހުށަހެޅި ޝަކުވާގައިވާ ގޮތުން، އޭނާގެ ދަރިފުޅު ބަންދުކޮށްގެން ގެންގުޅުނު މުއްދަތުގައި ކާންދީފައިވަނީ ހަމައެކަނި ރޯ ހަނޑުލާއި ފިޔާ އަދި މިރުހެވެ. އަދި އޭނާގެ ޖިންސީ ގުނަވަންތަކަށް އެކި އެއްޗެހި ބޭނުންކޮށްގެން އަނިޔާކޮށްފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ސޭލަކުއީ ޕޮލިސް ސްޓޭޝަނުން ވަނީ 32 އަހަރުގެ އަންހެން މީހާގެ ފިރިމީހާ ރާހުލް ކަންދޫރީ އާއި އޭނާގެ މައިންބަފައިންގެ މައްސަލަ ބަލަން ފަށައިފަ އެވެ.
މި ދެމަފިރިން ކައިވެނިކުރީ މީގެ ދެ އަހަރު ކުރިންނެވެ. އަދި 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެމީހުންނަށް އެއްމާބަނޑު ދެ ކުދިން ލިބިފައިވެ އެވެ. ފިރިމީހާ ދިއްލީގައި ވަޒީފާ އަދާކުރަމުންދާއިރު، އަންހެންމީހާ ދިރިއުޅެމުންދިޔައީ ފިރިމީހާގެ މައިންބަފައިންނާ އެކު ދެހްރާދޫންގަ އެވެ.
އަންހެންމީހާގެ ބައްޕަ ތުހުމަތުކުރާ ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އޭނާގެ ދަރިފުޅު ގެންގުޅުނީ ކޮޓަރިއެއްގަ އާއި ފާހާނާއެއްގެ ތެރޭގައި ބަންދުކޮށްގެންނެވެ. އަދި ފިރިމީހާ ޗުއްޓީއަށް ގެއަށް އަންނަ ކޮންމެ ފަހަރަކުވެސް ޖިސްމާނީ އަނިޔާކުރާކަމަށް ބުނެފައިވެ އެވެ.
ތަކުރާރުކޮށް ލިބުނު އަނިޔާތަކުގެ ސަބަބުން އަންހެންމީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށް ވެސް އޭނާގެ ބައްޕަ ބުންޏެވެ.
އޭނާ ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ހޮޅި އާއި ދަގަނޑާއި ގޮނޑި އަދި މޮޕް ފަދަ ތަކެތިން އޭނާގެ ދަރިފުޅުގެ ގައިގާ ތަޅައި އަނިޔާކޮށްފައިވާ ކަމަށެވެ. އަދި ބޮލުގެ އިސްތަށިގަނޑުގައި ހިފާ ދަމާތީ އިސްތަށިތައް ނެއްޓި ބޮލުގެ ހަންގަނޑު ހާމަޔަށް ފެންނަން އެބަހުރި ކަމަށް ވެސް ބުންޏެވެ.
މިދިޔަ 10 މަސްދުވަހުގެ ތެރޭގައި އަންހެންމީހާއަށް އޭނާގެ އަމިއްލަ އާއިލާއާ ބައްދަލުކުރުމަށް ނުވަތަ ފޯނުން ވާހަކަދެއްކުމަށް ވެސް ފިރިމީހާގެ އާއިލާއަކުން ފުރުސަތެއް ނުދެ އެވެ. އަދި ކުދިންނާ ބައްދަލުކުރުމަށް ވެސް ހުރަސްއެޅި އެވެ. އާއިލާއިން ގުޅާ ކޮންމެ ފަހަރަކު ފިރިމީހާގެ އާއިލާއިން ބުނަނީ އޭނާ އޮތީ ނިދާފައި ނުވަތަ ފާހާނާގައި ކަމަށެވެ.
އަންހެންމީހާގެ ބައްޕަ ބުނި ގޮތުގައި، އޭނާގެ ދަރިފުޅު ކޮންމެ ދުވަހަކު ހެނދުނު 9 ނުވަތަ 10 އިން ފެށިގެން ކޮޓަރީގައި ނުވަތަ ފާހާނާގައި ބަންދުކުރެ އެވެ. އާއިލާއިން އެގެއަށް ދިއުމުން ވެސް ގެއަށް ނުވައްދާ، ބޭރުގައި މަޑުކުރުވާ ކަމަށާއި ދަރިފުޅުގެ ދިރިއުޅުން ހަލާކުކުރަނީ އޭނާގެ އާއިލާއިން ކަމަށް ބުނެ ފިރިމީހާގެ އާއިލާއިން ތުހުމަތުކުރާ ކަމަށް ވެސް ބުންޏެވެ.
އިންޑިއާ އަންހެނަކު ފާހާނާއެއްގައި ބަންދުކޮށްގެން 10 މަސް ވަންދެން ގެންގުޅެފި، ކާންދިނީ ރޯ ހަނޑުލާއި ފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ