މި އަހަރުގެ އެލް ނީނޯ އާދަޔާ ހިލާފަށް ބާރުގަދަވާނެކަމުގެ އިންޒާރު

ދުނިޔެ ހޫނުވުމުގެ މައްސަލަ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ގުދުރަތީ މޫސުމީ ބަދަލެއް ކަމަށްވާ "އެލް ނީނޯ" ގެ އާ މަރުހަލާއެއް ފެށިދާނެ ކަމުގެ އިންޒާރު އދ. އިން ދީފި އެވެ. މީގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން އިތުރަށް މަތިވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން ބުނި ގޮތުގައި، 2026 ވަނަ އަހަރުގެ ބާކީ ދުވަސްތަކުގެ ތެރޭގައި މި އެލް ނީނޯ އިތުރަށް ވަރުގަދަވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޫސުމީ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވާނެ އެވެ.
އެކި ގައުމުތަކުގެ މޫސުމީ އިދާރާތަކުން ލަފާކުރާ ގޮތުގައި، މިއީ ރެކޯޑް ކުރެވުނު އެންމެ ވަރުގަދަ އެލް ނީނޯ ނުވަތަ "ސުޕަ" އެލް ނީނޯ އަކަށް ވުމުގެ ފުރުސަތު ބޮޑެވެ.
އެލް ނީނޯ ފެށޭނެ ސީދާ ވަގުތާއި އޭގެ ބާރުގަދަވާނެ މިންވަރު ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވީނަމަވެސް، ސައިންސްވެރިން ދަނީ ޕެސިފިކް ކަނޑުގެ މެދުތެރޭގެ ސަރަހައްދުތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.
އެލް ނީނޯ އުފެދެނީ ވައި ދައުރުވާ ގޮތަށް އަންނަ ބަދަލަކާ ގުޅިގެން، ކަނޑުގެ ފެން ހޫނު ހިސާބުތަކުން ޕެސިފިކް ކަނޑަށް ފެން ދައުރުވާން ފެށުމުންނެވެ. 
އެލް ނީނޯއެއް އަތުވެދާނެ ކަމަށް ކުރިންވެސް ބެލެވުނު ނަމަވެސް، ގިނަ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މިފަހަރުގެ އެލް ނީނޯ އާދަޔާ ހިލާފަށް ބާރުގަދަވާނެ އެވެ.
ޔޫކޭ މެޓް އޮފީހުގެ ޕްރޮފެސަރު އެޑަމް ސްކައިފް ވިދާޅުވީ، ވަރަށް ބޮޑު މޫސުމީ ބަދަލެއް އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، މިއީ ރެކޯޑް މިންވަރަކަށް ބާރުގަދަ އެލް ނީނޯއަކަށް ވެދާނެ ކަމަށެވެ.
ސައިންސްވެރިން މިފަދަ ވަރުގަދަ އެލް ނީނޯއެއް އަންނާނެ ކަމަށް ލަފާކުރާ މައިގަނޑު ސަބަބަކީ ކަނޑުގެ އަޑީގައި ހުރި ބަދަލުތަކެވެ.
ސެޓެލައިޓްތަކާއި ކަނޑުގައި ހަރުކޮށްފައިވާ އާލާތްތަކުން ލިބޭ މައުލޫމާތަށް ބަލާއިރު، ޕެސިފިކް ކަނޑުގެ ސަތޭކަ މީޓަރު އަޑިން، އާންމު މިންގަނޑަށް ވުރެ 6 ޑިގްރީ ސެލްސިއަސް ހޫނު ފެން އިރުމައްޗަށް ދަތުރުކުރަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.
އެމެރިކާގެ ސައިންސް އެޖެންސީގެ ކްލައިމެޓް ޕްރިޑިކްޝަން ސެންޓަރުގެ ސައިންޓިސްޓް މިޝޭލް އެލްހެރޫ ވިދާޅުވީ، ކަނޑުގެ އަޑީގައި ހުރި މި ހޫނުމިނަކީ މީގެ ކުރިން ފެނުނު އެންމެ ވަރުގަދަ އެލް ނީނޯ ހާދިސާތަކާ އެއްވަރުގެ ހޫނުމިނެއް ކަމަށެވެ.
ކަނޑުގެ އަޑީގައި ހުންނަ މި ހޫނަކީ އާންމުކޮށް ކަނޑުގެ މަތީ ފަށަލަ ހޫނުވުމުގެ ކުރިން ފެންނަ ނިޝާނެކެވެ. މީގެ ސަބަބުން ކަނޑުގެ މަތީގައިވާ ވައި ހޫނުވެ، މުޅި ދުނިޔޭގެ މޫސުމީ ނިޒާމަށް ބުރޫއަރަ އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ، އެލް ނީނޯގެ ސަބަބުން ދުނިޔެ ހޫނުވުމުގެ މައްސަލަ އިތުރަށް ގޯސްވެ، އޭގެ ނޭދެވޭ އަސަރުތައް މުޅި ދުނިޔެއަށް ވަރަށް ހަލުވިކަމާއެކު ފެތުރިގެންދާނެ ކަމަށެވެ.
މީގެ ސަބަބުން އާންމުކޮށް ދެކުނު އެމެރިކާ، ދެކުނު އިރުމަތީ އޭޝިއާ އަދި އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކަށް ހޫނުގަދަވެ، ހަނަފަސްކަމާއި އަލިފާނުގެ ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑުވެ އެވެ.
މީގެ އިތުރުން، އިންޑިއާގެ މޫސުމީ ވިއްސާރަ މަދުވެ، އެފްރިކާގެ ބައެއް ސަރަހައްދުތަކަށް ހަނަފަސްކަން ކުރިމަތިވާއިރު، އެމެރިކާގެ ދެކުނުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ނުރައްކާ އިތުރުވެ އެވެ.
އިނގިރޭސިވިލާތުގެ ފިނިމޫސުމުގެ ކުރީކޮޅު މޫސުން ރަނގަޅުވެފައި، ފަހުކޮޅު އާދަޔާ ހިލާފަށް ފިނިވުމަކީވެސް އެލް ނީނޯއާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ