ގޮންޖެހުމަކީ ރަށްރަށުގައި ހަލުވި އިންޓަނެޓް ހިދުމަތް ލިބެން ނެތުން: އުމަރު
ރާއްޖޭގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލަޖީ (އައިސީޓީ) އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ހާއްސަކޮށް ކުދި އާބާދީ ހިމެނޭ ރަށް ރަށުގައި ހަލުވި އިންޓަނެޓް ސްޕީޑްގެ ހިދުމަތް ލިބެން ނެތުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަ ކުރާ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާއި ގުޅުވައިގެން އުމަރު ނަސީރު ދެއްވި ހިތާބެއްގައި ވިދާޅުވީ ރާއްޖޭގެ އައިސީޓީ މާހައުލަށް ބަލާއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހަލުވި އިންޓަނެޓް ސްޕީޑްގެ ހިދުމަތް ރާއްޖޭގެ ރަށްތަކަށް ލިބެން ނެތުން ކަމަށެވެ. އަދި ސަރުކާރުގެ މުވާސަލާތާއި ބެހޭ ސިޔާސަތުގެ ތެރެއިން އެންމެ އިސްކަމެއް މިހާރު ދެނީ ބްރޯޑްބޭންޑް ނުވަތަ ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ހިދުމަތް އަތޮޅު ތެރޭގެ ރަށްތަކަށް ފުޅާކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ތުރީޖީ އިންޓަނެޓް ހިދުމަތް އިރާދަކުރެވިއްޔާ މިއަހަރުގެ ތެރޭ ފޯރުކޮށްދެވޭނެ ވާހަކަ މި ފުރުސަތުގައި ފާހަގަކޮށްލަށް،" އުމަރު ނަސީރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ގައުމީ ބްރޯޑްބޭންޑް ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރަން ފެށުމުން، ޓެލެކޮމިއުނިކޭޝަނާއި އައިސީޓީގެ ހިދުމަތްތައް އިތުރަށް ފުޅާވެ ތަރައްގީވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އައިސީޓީގެ ހިދުމަތް ފުޅަވަމުން އަންނައިރު، ރަނގަޅު ނޫން ގޮތް ގޮތަށް ވެސް އެ ހިދުމަތް ބޭނުން ކުރަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ. އެފަދަ ކަންކަމުން އެއްކިބާވެ ރައްކާތެރިކަމާއެކު މުޖުތަމައުގެ ލާބަ އާއި ފައިދާއަށް އައިސީޓީގެ ވަސީލަތްތައް ބޭނުން ކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ. މިއަދު ފާހަގަ ކުރާ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ޝިއާރަކީ "ޓެލެކޮމިއުނިކޭޝަންސް އެންޑް އައިސީޓީސް:ޑްރައިވާސް އޮފް އިނޮވޭޝަން" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ