ޕާކިސްތާނުގެ 4 ސިފައިން ޝަހީދު ކޮށްލައިފި

ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ސަރަހައްދީ ރޮނގުގައި އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކާއި ޕާކިސްތާން ސިފައިން ބަދަލު ކުރި ހަމަލާ ތަކެއްގައި އެ ގައުމުގެ 4 ސިފައިނަކު ޝަހީދު ވެ އެކަކު ވަރަށް ބޮޑަށް ޒަހަމް ވެއްޖެއެވެ.
ޕާކިސްތާނު އަސްކަރިއްޔާގެ މީޑިއާ ގޮފިން މައުލޫމާތު ދިން ގޮތުގައި ދެ ގައުމުގެ ސަރަހައްދީ ރޮނގު ގުޅޭ ސަރަހައްދުގައި ބަދަލު ކުރެވުނު ހަމަލާތަކުގައި އެ ގައުމުގެ 4 ސިފައިން ޝަހީދުވެ އިތުރު ސިފައިންގެ މީހަކަށް އަނިޔާވީ މިއަދުއެވެ. މިގޮތުން ރޭ ދަންވަރުގެ ވަގުތެއްގައި އެ ގައުމުގެ ސިފައިން ވެހިކަލެއްގައި އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ގެންދަނިކޮށް ހަނގަރުމާވެރިން ވަނީ އެ ގައުމުގެ ސިފައިން ދަތުރު ކުރަމުން ދިޔަ ވެހިކަލަށް ހަމަލާ ދީފައެވެ. މި ހަމަލާގައި ޕާކިސްތާން ސިފައިންގެ އެކަކު ޝަހީދުވި އިރު ހަނގުރާމަ ވެރިންގެ 2 މީހަކު ވަނީ މަރާލާފައެވެ.
ދެވަނަ ހަމަލާ ދީފައި ވަނީ ބޯޑަރުގެ އެހެން ހިސާބެއްގައި ފޯރިމަރަން ތިބި ޕާކިސްތާން ސިފައިންނަށް އަމާޒުކޮށެވެ. އެ ހަމަލާގައި އިތުރު 3 ސިފައިންގެ މީހަކު ޝަހީދުވި އިރު، އެކަކަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. މި ހަމަލާތައް ދީފައި މިވަނީ މީގެ 2 މަސް ކުރިން ހަނގުރާމަވެރިން ދިން ހަމަލާތަކުގައި ޕާކިސްތާނު ސިފައިންގެ 10 މީހަކު ޝަހީދުކޮށްލާފައި ވަނިކޮށެވެ.
މިއަދު ދިން ހަމަލާތަކުގެ ޒިންމާ ނަގާފައިވަނީ ނިރުބަވެރި ޖަމާއަތެއް ކަމުގައިވާ ތާލިބާނުންނެވެ. ޕާކިސްތާން ސިފައިން މި ދެ ގައުމުގެ ބޯޑަރު ކައިރީ ހަރަކާތްތެރިވާ ހަނގުރާމަ ވެރިންނާއި ދެކޮޅަށް މީގެ ކުރިންވެސް ބޮޑެތި އޮޕަރޭޝަންތައް ހިންގާފައި ވާއިރު، ދޭތެރެ ދޭތެރޭން ދެފަރާތުގެ ދެމެދުގައި ހަމަލާތައް ބަދަލު ކުރަމުން ގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ