ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ހޯމަ ދުވަހު ގޮތް ނިންމަނީ

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ނިންމާ، މި ދެ ބޭފުޅުން މަގާމުން ވަކިކުރުމާއި ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލައާ މެދު އަންނަ ހޯމަ ދުވަހު ގޮތެއް ނިންމަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލައާ މެދު އަންނަ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައި ގޮތެއް ނިންމަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޖޭއެސްސީން އިއްޔެ ވަނީ މި ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވާފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ މި ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވާ ވާހަކަފުޅު ދައްކަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ މި ނޮވެމްބަރު މަސް ތެރޭގައި މިކަމަށް ގޮތެއް ނިމިގެންދާނެ ކަމަށް. މިއަދަކީ 14ވަނަ ދުވަހު. ކޮމެޓީން މި މައްސަލަ ބައްލަވާ 18ވަނަ ދުވަހު ހޯމަ ދުވަހު މި މައްސަލައާ މެދު އަޅުގަނޑުމެންނަށް ގޮތެއް ނިންމޭނެ،" ނަޝީދު ވިދާޅުވިއެވެ.
ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް މި ދެ ފަނޑިޔާރުން ކުރައްވާފައިވާ ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ މި ދެ ބޭފުޅުންގެ މައްޗަށް ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާ (ހ)ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށެވެ. އެހެންކަމުން ޖޭއެސްސީގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 4 ވަނަ ނަންބަރުގެ ދަށުން މި ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ވަނީ މައުލޫމާތު ދީފަ އެވެ.
ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް މި ދެ ބޭފުޅުން ފަނޑިޔާރު ކަމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރަންޖެހޭ ކަމަށްވެސް ކޮމިޝަންގެ މެންބަރުންނަށް ގަބޫލުކުރެއްވުނު ކަމަށެވެ. އެހެންކަމުން މި ދެ ބޭފުޅުން 60 ދުވަހުގެ މުއްދަތަކަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށްވެސް ކޮމިޝަނުން ނިންމާފައިވާ ކަަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.
މީގެއިތުރުން ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަ ވެސް ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އެ ދެ ފަނޑިޔާރުންގެ މައްސަލައިގައި ތަހުގީގު ރިޕޯޓް އެކުލަވާލާ، އެ ރިޕޯޓަށް ޖަވާބު ދިނުމަށް އެ ދެ ފަނޑިޔާރުންނަށް މިހާރު ދަންނަވާފައިވާ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ނިންމާފައި މިވަނީ ޖޭއެސްސީން ބަލަމުންދާ މި ދެ ބޭފުޅުންގެ ސުލޫކީ މައްސަލައިގެ އަޑުއެހުމަށް ހާޒިރުވާން އަންގާ ފޮނުވާ، ލިޔުންތަކާ ހަވާލުވެވަޑައިގަތުމަށް އިންކާރުކުރައްވާ، ޖޭއެސްސީއަށް ތަކުރާރުކޮށް ގޮންޖައްސަވާފައި ވަނިކޮށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ