ލައިޕްޒިގު (ޖުލައި 27) - ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ ވިންގް، ޔަން ޑިއޮމަންޑޭގެ ސޮއި ހޯދުމާ ރެއާލް މެޑްރިޑުން ގާތަށް ޖެހިލައިިފި އެވެ.
އުމުރުން 19 އަހަރުގެ ޑިއޮމަންޑޭގެ ސޮއި ހޯދަން ލިވަޕޫލުން ކުރި ދެ ބިޑެއް ލައިޕްޒިގުން އަނބުރާ ފޮނުވާލިއިރު، އޭގެ ފަހުން، އޭނާގެ ސޮއި ހޯދާނެ ކަމަށް ބެލެވުނީ، ފާއިތުވި ދެ އަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ފްރާންސްގެ ޕީއެސްޖީ އެވެ. އެކަމަކު، ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުރިއަށް އޮތް ސީޒަނުގައި ވާދަކުރަން، ޓީމު ވަަރުގަދަ ކުރަމުން އަންނަ ރެއާލުން މި ވަނީ ޑިއޮމަންޑޭގެ ޑީލް ހައިޖެކްކުރުމާ ގާތުގަ އެވެ.
ޕީއެސްޖީ އާއި ލިވަޕޫލުން ކުރި ފުރަތަމަ ބިޑެކޭ އެއްގޮތަށް ރެއާލްގެ ފުރަތަމަ ހުށަހެޅުން ވެސް ލައިޕްޒިގުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެއީ، 100 މިލިއަން ޑޮލަރުގެ ފީއެއް ޖުމްލަ އެކު ދައްކާ ގޮތަށް ކުރި ބިޑެކެވެ. ލައިޕްޒިގުން ޑިއޮމަންޑޭ ވިއްކަން ކިޔާ އަގުު، 130 މިލިއަން ޑޮލަރަށް ވުރެން ކުޑަނުވާނެ ކަމަށް ސްކައި ސްޕޯޓްސް ޖާމަނީން ރިޕޯޓްކުރެ އެެވެ.
މި ފަހަރުގެ ޓްރާންސްފާ ތެރޭގައި، ޑިއޮމަންޑޭ ވަނީ އަނގަބަހުން، ޕީއެސްޖީއާ އެކު އެއްބަސްވުމަކަށް އަތުވެފަ އެވެ. ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ލައިޕްޒިގާ އެކު އެއްބަސްވުމަކަށް ނާދެވިގެން އުޅެނިކޮށް، ރެއާލުން މި ވަނީ އެ ޑީލުގެ ތެރެއަށް ވަދެފަ އެވެ.
ލިވަޕޫލާއި ޕީއެސްޖީން މިހާރު ވަނީ ޑިއޮމަންޑޭގެ ޑީލުން ބޭރުވެފަ އެވެ. ލައިޕްޒިގުގައި ވިދާލުމުގެ ކުރިން، 2023 ވަނަ އަހަރު ޑިއޮމަންޑޭ ވަނީ ޗެލްސީގެ ޓްރަޔަލެއްގައި ވެސް ބައިވެރިވެފަ އެވެ.
މި ފަހަރުގެ ޓްރާންސްފާގައި ރެއާލުން ވަނީ މިހާތަނަށް ހަަތަރު ކުޅުންތެރިއަކު ގެންގޮސްފަ އެވެ. އެއީ، ޖުމްލަ އެކު، 80 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. ލިވަޕޫލްގެ އިބްރާހިމާ ކޮނާޓޭ އާއި މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ، ހިލޭ ޓްރާންސްފާއެއްގައި ރެއާލަށް ދިޔައިރު، ޗެލްސީގެ މާކް ކުކުރެއްޔާ އާއި އިންޓަ މިލާންގެ ޑެންޒެލް ޑަމްފްރީސް ހޯދަން ރެއާލުން ޖުމްލަ އެކު ދައްކަން ޖެހުނީ ނިސްބަތުން ބަލާއިރު ކުޑަ ފީ އެކެވެ.
ޕީއެސްޖީ އާއި ލިވަޕޫލް ފަހަަތަށް ޖައްސާލައި ރެއާލުން ޑިއޮމަންޑޭގެ ސޮއިހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ