އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލާގައި ޒުވާނުން ހަފުތާތަކެއް ވަންދެން ކުރި މުޒާހަރާތަކަށް ފަހު، އިންޑިއާގެ އިމްތިހާނު ނިޒާމަށް ބޮޑު ބަދަލެއް ގެނެސް އިސްލާހުކުރުމަށްޓަކައި ޓެކްނޮލޮޖީ ދާއިރާގައި ފާހަގަކޮށްލެވޭ ވިޔަފާރިވެރިޔާ ނަންދަން ނިލެކާނީ އިސްކޮށް ހުންނަވާ ޓާސްކް ފޯސްއެއް އެކުލަވާލައްވާފައިވާކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އިއްޔެ އިއުލާނުކުރައްވައިފި އެވެ.
"އަޅުގަނޑުމެންގެ އިމްތިހާނު ނިޒާމަކީ އިތުބާރު ކުރެވޭ ނިޒާމަކަށް ވާންޖެހޭ. އަދި އެ ނިޒާމަކީ ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމައަށް ހިފާ ނިޒާމަކަށް ވާންޖެހޭ،" އިންސްޓަގްރާމްގައި އާންމުކުރެއްވި ވީޑިއޯއެއްގައި މޯދީ ވިދާޅުވި އެވެ.
ކަރުދާސް ލީކުކުރާ މީހުންނަށް ދެވޭ އަދަބުތައް ވަރުގަދަކޮށް، އެކަމާ ދެކޮޅަށް ހަދާ ގާނޫނު މިއަދު ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއީ އިމްތިހާނު ލީކުވި މައްސަލައިގެ ޒިންމާ ނެންގެވުމަށް މުޒާހަރާގެ ބައިވެރިން ގޮވާލުމާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާން ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވި ފަހުން މޯދީ އާންމުކޮށް ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.
އިމްތިހާނު ނިޒާމު އިސްލާހުކުރުމާއި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން އުފުލާފައިވާ މައްސަލަތައް އަނބުރާ ގެންދިއުމާ އަދި އިމްތިހާނުގެ މައްސަލަތަކާ ގުޅިގެން އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލު ދިނުން ހިމެނޭހެން، ސަރުކާރުން އެ މީހުންގެ ޑިމާންޑްތައް ގަބޫލުކުރުމުން ޒުވާނުން އިސްވެ ހިންގާ ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ)ން ވަނީ މުޒާހަރާތައް ނިންމާލާފަ އެވެ.
ނިލެކާނީއަކީ އިންފޮސިސް ކުންފުނީގެ އެއް ބާނީ އެވެ. އަދި އޭނާ ވަނީ އިންޑިއާގެ 'އާދާރު' ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ތަރައްގީކުރުމުގައި އިސްކޮށް އުޅުއްވާފަ އެވެ.
އިންޑިއާގެ އިމްތިހާނު ނިޒާމު އިސްލާހުކުރަން ކޮމިޓީއެއް އެކުލަވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ