އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ އެންމެ ކާމިޔަބު ސްކޫލްކަށް ދަރުމަވަންތަ

ހޭންޑްބޯލް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ އިންޓަ ސްކޫލް ހޭންޑް ބޯލް މުބާރާތުގެ ދެ ޢުމުރު ފުރައަކުން ޗެމްޕިއަންކަން ދަރުމަވަންތަ ސްކޫލް ހޯދައިފި އެވެ. އެގޮތުން އިއްޔެ ކުޅުނު ފައިނަލް މެޗްތަކުގައި އެޓީމް ވަނީ 16 އަހަރުން ދަށުގެ ޗެމްޕިއަންކަމާއި 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައެވެ. ޢަރަބިއްޔާ ސްކޫލާ ވާދަކޮށް 6-3 ގެ ނަތީޖާއަކުން މޮޅުވެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދިއިރު 14 އަހަރުން ދަށުގެ ޓީމު ޗެމްޕިއަންކަން ހޯދީ 10-4 ގެ ތަފާތު ބޮޑު ނަތީޖާއަކުން މަޖީދިއްޔާ ބަލިކުރުމަށް ފަހުގައެވެ. ނަމަވެސް އަންހެން ކުދިންގެ ބައިގެ ފައިނަލްގައި ކަލާފާން ސްކޫލުން ވަނީ 9-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ދަރުމަވަންތަ ސްކޫލް ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދާފައެވެ. އަންހެން ކުދިންގެ ބައިން 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ކަލާފާން ސްކުލް ހޯދި ނަމަވެސް އެޢުމުރު ފުރައިގެ ފިރިހެން ކުދިންގެ ބައިން 9-8 ވާދަވެރި ނަތީޖާއަކުން އެ ސްކޫލް ބަލިކޮށް ޗެމްޕިއަންކަން ހޯދި އިސްކަންދަރު ސްކޫލެވެ. މިއީ ހޭންޑް ބޯލް މޯލްޑިވްސްއަށް ޤައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ރަސްމީ ހައިސިއްޔަތު ލިބުނުފަހުން އެއެސޯސޮއޭޝަނުން ބޭއްވި ފުރަތަމަ މުބާރާތެވެ. ހޭންޑްބޯލް މޯލްޑިވްސްއަށް ޤައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތު ލިބުނީ މިދިޔަ މަހު 22 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ