އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

އުރީދޫ މޯލްޑިވްސް ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އުރީދޫން ބުނީ މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު 29 ފެބްރުއަރީ 2020 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އުރީދޫގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގައި ކުރުނބާ މޯލްޑިވްސް ގެ ކޮންވެންޝަން ހޯލުގައެވެ.
އުރީދޫން ބުނީ މި އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރައްވާ ނަމަ "ޕްރޮކްސީ ފޯމު" ފުރުއްވުމަށް ފަހު ހުށަހަޅަންވާނެ ކަމަށެވެ. އަދި، ހުށަހަޅުއްވާފައިވާ ޕްރޮކްސީ ކެންސަލް ކުރައްވަން ބޭނުންވާ ނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުއްވުމަށް ފަހު ހުށަހެޅުމަށް ވެސް އުރީދޫން ވަނީ އެދިފައެވެ.
ފޯމުތައް ހުށަހަޅަން ޖެހެނީ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ.ސަންލީޓުގެ 5 ވަނަ ފަންގިފިލާއަށް ކޮންމެ ސަރުކާރު ބަންދު ނޫން ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ. އަދި، އީމެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީލެމެއިލް ކުރެވޭނެ ކަމަށްވެސް އުރީދޫން ވަނީ ބުނެފައެވެ.
އުރީދޫން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ އުރީދޫގެ ހިއްސާދާރެއްގެ ގޮތުގައި މިމަހުގެ 11 ވަނަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަމަށެވެ. އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް އެއް ވޯޓު ދެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
މި އަހަރުގެ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން (ޕްރީ-ރަޖިސްޓަރީ ކުރައްވާފައިވާ ބޭފުޅުންވެސް) ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވާ ދުވަހުގެ ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލަށް ހާޒިރުވެ ރަޖިސްޓަރީ ވުމަށް އުރީދޫން ވަނީ އެދިފައެވެ.
އުރީދޫން ބުނީ ރަޖިސްޓަރީ ވާން ދިވެއްސެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ގެންދަން ޖެހޭނެ ކަމަށެވެ. ޖަލްސާ ފެށުމުގެ ކުރިން ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ޖަލްސާގައި ބައިވެރި ނުވެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް މާލެއިން ކުރުނބާ މޯލްޑިވްސް އަށް ދިއުމަށް ދަތުރު ހަމަޖައްސާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ރޭގަނޑު 7:15 އަދި 7:30 ކަމަށް އުރީދޫން ބުންޏެވެ. އަދި ދަތުރު ހަމަޖައްސާފައިވާ ގަޑިއަށް ހާޒިރު ނުވެވިއްޖެނަމަ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ނުލިބިދާނެ ކަމަށް ވެސް އުރީދޫން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ