ގއ. ވިލިނގިލީގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ފެނަކަ ކުންފުނީގެ މުވައްޒަފަކު ކަރަންޓު ގައި ޖެހުމުން އެ އަތޮޅު ހޮސްޕިޓަލުގައި މިއަދު ފަރުވާދޭން ފަށައިފި އެވެ.
ރަށު ކައުންސިލްގެ މެމްބަރު ލުގްމާން ނައީމް ވިދާޅުވީ މި ހާދިސާގައި އަނިޔާވެފައި ވަނީ ވިލިނގިލި ފެހިވިލާގެ، އަހުމަދު މުފީދަށް ކަމަށެވެ. އެ ޒުވާނާއަށް އިތުރު ފަރުވާދޭން މާލެ ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހާދިސާ ހިނގީ ވިލިނގިލީގައި ހުރި ރޯ ހައުސްތަކުގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
ލުގްމާން ވިދާޅުވި ގޮތުގައި، ނަރުދަމާގެ މަސައްކަތް ކުރަން ކޮނެފައިވާ ކޯރެއްގައި މުފީދު ހުއްޓައި، އެ ކޯރަށް ކަރަންޓު ޕަމްޕެއް ތިރިކުރީ ކަމަށެވެ. އެހެންވެ، އެ ފެންގަނޑު ގައި ކަރަންޓު ދައުރުވެ، މުފީދަށް އަނިޔާވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލިނގިލީ ނަރުދަމާގެ މަޝްރޫއު ފެނަކަ އަށް ހަވާލުކޮށްފައި ވަނީ މީގެ ހަތަރު ވަރަކަށް މަސް ކުރިން ކަމަށް ލުގްމާން ވިދާޅުވި އެވެ. މީގެ އަހަރުތަކެއް ކުރިން އެ ރަށުގައި ހިނގި ކަރަންޓުގެ އެހެން ހާދިސާއެއްގައި ފެނަކައިގެ އެހެން ޒުވާނެއް މަރުވެފައިވާ ކަމަށް ވެސް ލުގްމާން ވިދާޅުވި އެވެ.
ލުގްމާން ވިދާޅުވި ގޮތުގައި، މިފަދަ މަޝްރޫއު ހިންގާ އިރު، މުވައްޒަފުންގެ ރައްކާތެރިކަން ޔަގީންކުރަން ފެނަކަ އިން އަޅާ ފިޔަވަޅުތައް މިހާރަށް ވުރެ ވަރުގަދަ ކުރަން ޖެހޭނެ އެވެ.
ފުލުހުން ބުނީ، ވިލިނގިލީ ފެނަކައި ގައި މަސައްކަތް ކުރާ މުވައްޒަފަކު ކަރަންޓުގައި ޖެހި، ހާލު ސީރިއަސްވި ކަމުގެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އެ ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ވިލިނގިލީގައި ކަރަންޓު ޖެހުނު މީހަކަށް ފަރުވާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ